Roadha Mihaaru
މަތީ ތައުލީމުގެ ނިޒާމަށް އިބްރާ ފާޑު ވިދާޅުވެއްޖެ

ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަށް އިބްރާ ފާޑުވިދާޅުވެއްޖެ

21 އެޕްރީލް 2018

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދިނުމުގެ ނިޒާމުގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ރޭ ފާޑުވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދިނުމުގެ ނިޒާމުގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ރޭ ފާޑުވިދާޅުވެއްޖެ އެވެ.

އެ ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި އިބްރާ ވިދާޅުވީ މަތީ ތައުލީމަކީ ހަމައެކަނި ކްލާހަކަށް ވަދެ ލެކްޗަރާއެއްގެ އަޑުއަހާލުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަރުހަލާއަކީ އަމިއްލަ އަށް ކަންކަން ދަސްކޮށް ދިރާސާތައް ހަދައި ކިޔަވާ ދުވަސް ވަރެވެ.

"ފޮތްތަކާއި އާޓިކަލްތައް ކިޔާނެ ވަގުތު ނޯންނަނީ. އެ އެއްޗެހި ކިޔައިގެން ކަންކަމާ ވިސްނައި ރިފްލެޓްކޮށްގެން ނޫނީ މަތީ ތައުލީމުގެ ބޭނުންވާ ގޮތަށް ތިމާގެ ސިކުނޑި ތަރައްގީ ނުކުރެވޭ. ނަމަވެސް ރާއްޖޭގައި މި އޮންނަނީ ހެނދުނު 8 އިން ރޭގަނޑު 7 އަށް މަސައްކަތުގައި އުޅެފައި، ރޭގަނޑު 8 އިން 11 އަށް ކްލާހަކަށް ވަދެފައި، ފުލް ޓައިމްކޮށް، އެހެން މަސައްކަތެއް ނުކޮށް ކިޔަވަން އުޅޭ ކުއްޖެކޭ އެއްގޮތަށް ހަމަ އެއް މުއްދަތެއްގެ ތެރޭގައި އެއް ކޮލިފިކޭޝަނެއް ހާސިލްކޮށްގެން ނިކުންނަތަން،" އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން މާސްޓާޒް ފެންވަރަށް ތައުލީމް ހާސިލްކުރަން ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެ، މަހެއްގެ ދެ ހަފުތާ ބަންދުގައި ކްލާހަކަށް ހާޒިރުވުމުން ސެޓްފިކެޓެއް ލިބޭ ކަމަށެވެ.

"އެހެންވީމަ މިއީ ކިރު އަޅައިގެން ކެއްކޭ ބޮނޑިބަތާއި ކިރު ނާޅާ ކެއްކޭ ބޮނޑިބަތުގެ ތަފާތު. އެ ތަފާތު ހުންނާނެ. ރަހަ ވެސް ތަފާތުވާނެ. އޭގެ ފޭރާން ވެސް ތަފާތުވާނެ. އެއީ އެކައްޗަކަށް ހެދިގެން ނުވާނެ. އެކަން ބަދަލުކުރަންޖެހޭ،"

މަންދު ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަންދު ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެހެން ކޮލެޖުތަކާއިި ޔުނިވާސިޓީތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އިބްރާ ވިދާޅުވީ ކިޔަވައިދިނުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ތަންތަނުން، ވަކިވަކި މާއްދާތަކަށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ސިކުނޑިއަށް ގަބޫލުނުކުރެވޭ ކަމެކެވެ.

"އަޅުގަނޑުމެންގެ ރެގިއުލޭޓަރީ މެކޭނިޒަމް މިހާރު މިއޮތް ގޮތަކީ، މަތީ ތައުލީމް ދޭ މީހުންނަކަށް ނޭނގޭ އުނގަންނައިދިނުމުގައި ކުރަންވީ ކީއް ކަމެއް. ކޯހެއްގެ ރިކުއަމެންޓަކީ ކޮބައިކަމެއް، ކޯހެއްގެ ރިކުއަމެންޓެއް ހަމަވީމަ ވަނީ ކިހިނެއް ކަމެއް. ކޮލިފިކޭޝަންސް އޮތޯރިޓީގެ ސިއްކަ ޖަހާފައި ދޭ ކޮލިފިކޭޝަންސް، ދައުލަތުގެ އެހެން އިދާރާތަކުން ގަބޫލެއް ނުކުރޭ. ހަމަ ކޮލިފިކޭޝަން އޮތޯރިޓީ ތައްގަނޑު ޖަހަަފާއި ދީފައި ހުންނަ ސަނަދު ހިފައިގެން ދިޔައީމަ އެއީ ކިޔެވި އެއްޗަކަށް ނުވޭ،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވިދާޅުވި އެެވެ.

މިހެން އޮތް މާހައުލެއްގައި މަތީ ތައުލީމް ކުރިއަށް ގެންގޮސް ތަަރައްގީކުރާނެ ގޮތް "ތަންކޮޅެއް ފުންކޮށް ވިސްނަންޖެހޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭ އެކޮލެޖުން ދަސްވެނިވި 324 ދަރިވަރުންގެ ތެރެއިން 90 ޕަސެންޓަކީ ޓީޗިން އާއި ބިޒްނަސްގެ ދާއިރާއިން ދަސްވެނިވި ދަރިވަރުން ކަމަށާއި ނަމަވެސް ރާއްޖެއަށް މުހިއްމީ އެ ދެ ދާއިރާތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ މީގެ 20 އަހަރު ފަހުން ނަމަވެސް ރާއްޖޭގައި އިންސާފާއި ޑިމޮކްރަސީގެ ގޮތްތައް އަށަގަންނުވަން ބޭނުންވާ ނަމަ، ސްކޫލުތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ކިޔަވައިދޭ އެއްޗިއްސާއި ކިޔަވައިދޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ.