Roadha Mihaaru
15 މިލިއަން ދޭން ލަފާ ދިނީ އޭޖީ: އެޑިއުކޭޝަން

އެޑިއުކޭޝަނުން ބުނަނީ މަންދަން 15 މިލިއަން ރުފިޔާ ދޭން ލަފާ ދިނީ އޭޖީން ކަމަށް

29 އެޕްރީލް 2021

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލު ދޭން ލަފާ ދިނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލު ދޭން ލަފާ ދިނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަނުން މިހެން ބުނީ މަންދު ކޮލެޖުން ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި 15 މިލިއަނުގެ ބަދަލަކަށް އެއްބަސްވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭންޑް ކަމަށް އޭޖީ އޮފީހާ ހަވާލާދީ "މިހާރު" ގައި ޝާއިއުކުރި ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރަށް އެޑިއުކޭޝަންގެ ބަހެއް ހޯދަން ކުރިން މަސައްކަތްކުރި ނަމަވެސް ޖަވާބެއް އޮތީ ނުލިބި އެވެ.

މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ހިންގި އިމާރާތް ދޫކޮށްފައި ވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާ ކަމަށް ބުނެ އެ ތަން އަތުލައިފަ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ.

އެ ކަމާ ގުޅިގެން މަންދު ކޮލެޖުން ވަނީ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފަ އެވެ.

"މި ނިންމުމަކީ [15 މިލިއަނުގެ ބަދަލު ދިނުމަކީ] އޭޖީގެ ލަފާ،" އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޮގަސްޓް 23، 2020 ގައި ފޮނުވި ސިޓީއާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި އެސެސްމަންޓް ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ. އަދި އޮޑިޓް އޮފީހުން ވަނީ އެ މިނިސްޓްރީގެ އެދުމާ އެއްގޮތަށް މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި އެސެސްމެންޓް ރިޕޯޓް ފޮނުވައިފަ އެވެ. އެ އެސެސްމަންޓުން ދެއްކީ މާލެ ހައި ކުންފުންޏަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުގެ ޑިސްޕިއުޓުގައި ދައުލަތުން އެއްބަސްވުމުން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުކުމްކޮށްފައި ވެ އެވެ.