Roadha Mihaaru
މަންދު ކޮލެޖާއެކު ހެދި އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް

އެމްއީއެސް ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް: ހައި ކޯޓު

18 ޖޫން 2020

މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުވާ ޚިލާފަށް ކަމަށް ބުނެ ބަދަލު ހޯދަން ސިވިލްކޯޓުގައި ދައުވާކުރުމުން، ބަދަލު ނަގައިދެވެން ނެތް ކަމަށް ކުރި ހުކުމް ބާތިލްކޮށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުވާ ޚިލާފަށް ކަމަށް ބުނެ ބަދަލު ހޯދަން ސިވިލްކޯޓުގައި ދައުވާކުރުމުން، ބަދަލު ނަގައިދެވެން ނެތް ކަމަށް ކުރި ހުކުމް ބާތިލްކޮށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެއްބަސްވުން އުވާލީ އޭގައި ބަޔާންކުރާ ގޮތާ ޚިލާފަށް ކަމަށާއި އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު، މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށެވެ.

އެމްއީއެސްގެ ކުރީގެ މަސްއޫލުވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ޑިސެމްބަރު 28، 2008 ގައި ވެފައިވާ އެއްބަސްވުމުން އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނަށް ލިބިފައިވާ ހައްގުތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައިވަނީ އޭޕްރީލް 6، 2010 ގަ އެވެ. ޑީޑް އޮފް އެސައިމެންޓަކުން ބަދަލުކުރި އެއްބަސްވުމުގައި ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނާއި މާލެ ހައި ކުންފުނީގެ އިތުރުން އެޑިއުކޭޝަނުން ސޮއިކޮށްފައިވާއިރު އެ މިނިސްޓްރީން ސޮއިކޮށްފައިވަނީ ހައްގުތަކާއި އިލްތިޒާމްތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރުމަށް ރުހުންދޭ ފަރާތެއްގެ ހައިސިއްޔަތުންނެވެ.

ނަމަވެސް ޖެނުއަރީ 25، 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

އެ މައްސަލަ ސެޕްޓެމްބަރު 20، 2016 ގައި މާލެ ހައި ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ދައުވާގައި އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާނެ ތަނެއް ނެތް ކަމަށް އޮގަސްޓް 29، 2017 ގައި ހުކުމްކޮށްފަ އެވެ.

މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައި ވަނީ، އެއްބަސްވުން އުވާލާފައި ވަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ވާތީ އެކަމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. އެކަމަކު ގާނޫނީ ވަކީލަށް ހަރަދުވި 53،000ރ. ހޯދަން އެދިފައި ވިޔަސް ހައި ކޯޓުން ނިންމީ އެ ފީ ނަގައިނުދެވޭނެ ކަމަށެވެ.

މައްސަލަ އިސްތިއުނާފުކުރަން މާލެ ހައި އިންޓަނޭޝަނަލް އިން އަށް ނުކުތާއެއް ފާހަގަކޮށްފައި ވެ އެވެ. އޭގެ އިތުރުން އިސްތިއުނާފާއެކު ދައުލަތުން އާ ތިން ހެއްކެއް ހުށަހެޅި އެވެ. އެއީ ޑިސެމްބަރު 18، 2008 ގައި ހުށަހެޅި ސިޓީ އާއި އޮގަސްޓް 30، 2009 ގައި ރައީސް އޮފީހުން ފޮނުވާފައިވާ މެއިލްއަކާއި އޮގަސްޓް 26، 2009 ގައި ބޭއްވި ބައްދަލުވުމުގެ ބައިވެރިން ސޮއިނުކޮށް އޮތް ޔައުމިއްޔާއަކާއި މަންދު ލާނިން ސެންޓަރުގެ ނަމުގައި ޑިސެމްބަރު 1، 2009 ގައި ފޮނުވި ސިޓީ އެވެ. ނަމަވެސް މިއީ ދަށު ކޯޓުގައި ހުށަހަޅާފައި ނެތް އަދި އެ ކޯޓުން މައްސަލަ ބެލުމުގައި ރިއާޔަތް ވެސް ކޮށްފައި ނުވާ ލިޔުންތަކެއް ކަމަށް ވާތީ ހައި ކޯޓުން މައްސަލަ ބެލުމުގައި ވެސް އެ ލިޔުންތަކަށް ރިއާޔަތެއް ނުކުރެ އެވެ.

އެ ލިޔުންތަކުގެ ތާރީހުތަކަށް ބަލާއިރު، އެއީ ސިވިލް ކޯޓުގައި އެ މައްސަލަ ބަލަމުންދިޔައިރު ވުޖޫދުގައި ހުރި ލިޔުންތަކެއް ކަމަށާއި އަދި އެ ލިޔުންތައް އެ ކޯޓަށް ހުށަހެޅުމަށް ނުކުޅެދުނު ސަބަބެއް ދައުލަތަށް ބުނެދެވިފައިނުވާތީ އެ ލިޔުންތައް ވަޒަންކުރުމުގެ ފުރުސަތު އެ މައްސަލަ ބެލި ފަނޑިޔާރަށް ލިބިފައި ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މަންދު ކޮލެޖު އިމާރާތުގެ ބޭރު. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަންދު ކޮލެޖު އިމާރާތުގެ ބޭރު. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެއްބަސްވުން އުވާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، ހައި ކޯޓުގެ ނިންމުމުގައިވާ ގޮތުން، އެއްބަސްވުމުގައިވާ ގޮތަށް އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާތީ އެވެ. ނަމަވެސް އެ މިނިސްޓްރީން، މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ހަދައިދީފައިވާ ކިޔަވައިދޭ ތަންތަނުގެ ރަޖިސްޓްރީގައި އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި މައްސަލައިގައި ވެ އެވެ.

ފަނޑިޔާރު ހާތިފް ހިލްމީ ރިޔާސަތު ބެލެހެއްޓެވި މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ އިސްފަނޑިޔާރު ޝުޖާއު އުސްމާނު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އެކަމަކު ޑީޑް އޮފް އެސައިމަންޓުގައި ސޮއިކުރުމުގެ ކުރިން ފެބްރުއަރީ 24، 2010 ގައި އެޑިއުކޭޝަނުން މާލެ ހައި ކުންފުންޏަށް ހަދައިދީފައިވާ ކިޔަވައިދޭ ތަންތާގެ ރަޖިސްޓްރީގައި، އެ ރަޖިސްޓްރީ އަކީ އެމްއީއެސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މަސްއޫލުވެރިކަމުގެ ދަށުން އޮކްޓޯބަރު 22، 2009 ގައި ރަޖިސްޓްރީކުރެވިގެން ހިންގަމުން އައި މާލެ ހައި އެމްއީއެސް އިންޓަނޭޝަނަލް ސްކޫލުގެ މަސްއޫލުވެރިކަން މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރުމާ ގުޅިގެން ފެބްރުއަރީ 24، 2010 ގައި ހަދާފައިވާ ރަޖިސްޓްރީއެއްކަމަށް ބަޔާންކޮށްފައި ވެ އެވެ.

އެ ދުވަސްވަރު އަރަބިއްޔާ ސްކޫލު ހިންގަމުންދިޔަ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެން، އެ ސްކޫލު ހިންގާނެ ތަނެއް ނެތިގެން އެތައް ސަތޭކަ ދަރިވަރުންގެ ކިޔެވުމަށް ބޮޑު އުނިކަމެއް ލިބިދާނެތީ، އެމްއީއެސްގެ އިމާރާތުގައި 2010 ވަނަ އަހަރު، މަންދު ކޮލެޖުން އޭ ލެވެލް ސްކޫލެއް ފެށުމަށް އޮތް ޖާގަ އަރަބިއްޔާގެ ބޭނުމަށްޓަކައި އޭޕްރީލް 6، 2009 ގައި ދޭން އެއްބަސްވެފައި ވެ އެވެ.

އެކަމުގެ ސަބަބުން އެ ޖާގަ ބޭނުންކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ނުލިބޭތީ، އެޑިއުކޭޝަން މިނިސްޓްރީ އާއި މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ ދެމެދު އޮތް އެއްބަސްވުމަށް އެ މުއްދަތު އިތުރުކުރަން އެޑިއުކޭޝަނުން އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް ދައުލަތުން މިހާރު ބުނާ ފަދައިން އެޑިއުކޭޝަން މިނިސްޓްރީ އާއި މާލެ ހައި ޕްރައިވެޓް ލިމިޓެޑާ ދެމެދު އޮތީ އުވާލެވޭ ހާލަތުގައި އޮތް އެއްބަސްވުމެއް ކަމަށްވާ ނަމަ އެ ފަދައިން މުއްދަތު އިތުރުކުރުމަށް އެއްބަސްވާންވީ ސަބަބެއް ނެތް ކަމަށް ވެސް ޝަރީއަތުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މެދުކެނޑުމަކަށްފަހު ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލު އަލުން ފެށުމުގެ ކުރިން ޑިސެމްބަރު 28، 2008 ގެ އެއްބަސްވުމުގެ ދަށުން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދުރާލައި ބައެއް ހުއްދަތައް ނަގަންޖެހޭ ކަމަށާއި އެކަމަކު އެޑިއުކޭޝަނުން އެ ހުއްދަތައް ނުދިނުމުގެ ސަބަބުން ސްކޫލް ނުހުޅުވުނީ ކަމަށާއި އެހެންވެ އެގޮތަށް ދިމާވީ މިނިސްޓްރީގެ ސަބަބުން ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

ދަރިވަރުންނާއެކު ސްކޫލު ހުޅުވަން ކަނޑައަޅާފައިވާ ތާރީހަކީ ޖެނުއަރީ 11، 2008 ކަމާއި އެ އެއްބަސްވުމުގައި ސޮއިކުރި ތާރީހަކީ ޑިސެމްބަރު 28، 2008 ގައި ކަމަށްވާތީ އެ އެއްބަސްވުމުގެ ދަށުން ދަރިވަރުންނާއެކު ސްކޫލު ހުޅުވަން ކަނޑައަޅާފައިވާ ތާރީހަކީ އެއްބަސްވުމުގައި ސޮއިކުރި ތާރީހަށްވުރެ ކުރީގެ ތާރީހެކެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ އެއްބަސްވުމުގައި ޖެނުއަރީ 11، 2008 ލިޔެވިފައިވަނީ ކުށަކުން ކަމަށާއި ރަނގަޅު ގޮތަކީ ޖެނުއަރީ 11، 2009 ކަމަށެވެ.

އެޑިއުކޭޝަނަކީ މާލެ ހައި ޕްރައިވެޓް ލމިޓެޑަށް ހައްގުތަކާއި އިލްތިޒާމްތައް ބަދަލުކުރުމަށް ރުހުން ދިން ފަރާތުގެ އިތުރުން މި މައްސަލައިގައި ހަވާލާދީފައިވާ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ކަމަށްވާތީ މި އެއްބަސްވުމަކީ ހިލާފުވުމެއްގެ ސަބަބުން އުވާލެވޭ ހާލަތުގައި އޮތް އެއްބަސްވުމެއް ކަމަށްވާ ނަމަ މި އެއްބަސްވުމުގެ ތެރެއަށް ތިން ވަނަ ފަރާތަކުން ޖާމިނުވުމަށް ރުހުންދިނުމުގެ ކުރިން އެކަން މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އަންގާފައި ނެތުމުން އެޑިއުކޭޝަންގެ ހެޔޮ ނިޔަތާމެދު އުފެދޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުގައި، މާލެ ހައި ޕްރައިވެޓް ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީ ދެމެދު އުފެދިފައިވާ އެންމެ ބޮޑު ދެބަސްވުމަކީ، އެ މައްސަލައިގައި ހަވާލާދީފައިވާ ޑިސެމްބަރު 28، 2008 ގެ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން އުވާލަން ނިންމާފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތޯ އެވެ. އެކަމަށް ޖަވާބު ހޯދުމަށް، ސުޕްރީމް ކޯޓުން މިދިޔަ އަަހަރު ނިންމި ޑަބްލިއުއެލްޓީ ކުންފުނި، އަދި އެއާޕޯޓު އިންވެސްޓްމަންޓް މޯލްޑިވްސް ކުންފުނީގެ މައްސަލައިގައި، އެ ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރެއިން 2 ވަނަ ނަންބަރުގެ (ހ) ގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްފައިވެ އެވެ.

"އެއްބަސްވުން އުވާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމުގެ 27.1 ވަނަ މާއްދާގެ (ބ) އާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި، މި އެއްބަސްވުން އުވާލުމުގެ ސަބަބުން މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދައުވާކުރުމުގެ ހައްގު މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމާއި މީގެ އިތުރުން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ހޯދުމަށް އެދިފައިވާ ގާނޫނީ ވަކީލުގެ ހަރަދު ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އަދި ނަގައިދެވެން ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްދީމެވެ،" ހުކުމުގައި ވެ އެވެ.

އެމްއީއެސް އިމާރާތުން މަންދު ކޮލެޖު ބޭރުކުރުމަށް ފަހު އެތަން ބޭނުންކުރީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބައެއް ކޯސްތައް ހިންގުމަށެވެ. އެ ޔުނިވާސިޓީ އަތުން އެ ތަން އަތުލުމަށްފަހު އެމްއީއެސް އިމާރާތުގައި މިހާރު ހިންގަމުން އަންނަނީ، މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލެވެ.