Roadha Mihaaru
ލިލީގެ ގޯލުން މާޒިޔާ އަތުން ނިއު މޮޅުވެއްޖެ

ލިލީގެ ގޯލުން މާޒިޔާ އަތުން ނިއު މޮޅުވެއްޖެ

09 ޖުލައި 2018

އަހުމަދު އަބްދުﷲ (ލިލީ) ޖެހި ހަމައެކަނި ގޯލާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މާޒިޔާ އަތުން 1-0 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަހުމަދު އަބްދުﷲ (ލިލީ) ޖެހި ހަމައެކަނި ގޯލާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މާޒިޔާ އަތުން 1-0 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ނިއު ވަނީ ހަތް ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ގްރީންސްޓްރީޓްސް އެވެ. ހަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބުން މާދަމާ ކްލަބް އީގަލްސް އަތުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މާޒިޔާ އޮތީ ހަތަރު ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

މިރޭގެ މެޗުގައި ނިއު އަށް ތަފާތު ދައްކައިދިނީ މުޅިން އަލަށް ޓީމާ ގުޅުނު ތުރުކުމެނިސްތާން ވިންގާ އާމިރް ގުރުބާނީ އެވެ. ކުޑަ މެދުކެނޑުމަކަށް ފަހު ސްޕެއިން ޑިފެންޑަރު ޖޯޖް ގޮޓޯ ވެސް މިރޭ ކުޅުނެވެ. އެކަމަކު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ސްޕެއިން ޕްލޭމޭކާރު ކަންޑޭލާގެ ބޭނުމެއް ނުހިފުނެވެ.

ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗުގެ ފުރަތަމަ 20 މިނެޓު ކޮންޓްރޯލްކޮށް ރަނގަޅު ފުރުސަތު ހޯދީ މާޒިޔާ އިންނެވެ. އެގޮތުން ހަތް ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) އަށް އެކަނިމާއެކަނި، ބޭނުން ގޮތަކަށް ޖަހަން ލިބުނު ބޯޅަ ގޯލާ އަމާޒުނުކުރެވުނުއިރު، 14 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓް ނެގި ހުރަސް ކެޕްޓަން އަސަދުﷲ އަބްދުﷲ ބޮލުން ޖެހުމުން ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ނިއު އަށް މައްސަލަތަކެއް ކުރިމަތިވީ މިޑްފީލްޑަރު މުހައްމަދު އުމެއިރަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. އެކަމަކު އުމެއިރުގެ ބަދަލުގައި އެރި އިމްރާން ނަޝީދު (އިންމަ) ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ފުރަތަމަ ހާފުގެ ފަހުބައިގައި ނިއު އިން ކޮންޓްރޯލް ހޯދައި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. އެންމެ ފުރަތަމަ ގުރުބާނީ އަރިމަތިން ނެގި ހުރަހެއް ރުވާންޑާ ފޯވާޑް އަތުހިއޭ ކިޕްސަން އަތުން ބޭކާރުވިއިރު ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ އަށް ހަސަން އަދުހަމް (ސަޑޭ) ހުހަށް އެރި ނަމަވެސް ކޮންޓްރޯލެއް ނުކުރެވުނެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 25 ވަނަ މިނެޓުގަ އެވެ. ގުރުބާނީ ނެގި ހުރަހެއް ފެނުޖެހިފައި ގޮސް ލިލީ އަށް ލިބުމުން އޭނާ ވަނީ އެ ބޯޅަ ބޮލުން ޖަހައި ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ. އޭގެ ފަހުން ގުރުބާނީ ނެގި ހުރަހެއް މުޅިން ހުހަށް ހުރި ސަޑޭގެ ބޮލަށް އެރި ނަމަވެސް ގޯލާ އަމާޒެއް ނުކުރެވުނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ނިއު އަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ލިލީ ނެގި ހުރަސް ކިޕްސަން އޭރިއާ ތެރެއިން ކޮންޓްރޯލްކުރުމަށް ފަހު ޖެހީ މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފުގެ އަތަށެވެ.

މެޗުގެ ފަހު ބައިގައި މާޒިޔާ އިން ނިއު އަށް ވަރަށް ބޮޑަށް ނުރައްކާކުރި އެވެ. އެގޮތުން ފަހު ވަގުތު އެ ޓީމަށް ރަނުގެ ތިން ފުރުސަތެއް ލިބުނެވެ. މެޗުގެ 89 ވަނަ މިނެޓުގައި ސްޓެވާޓް އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ދަނޑި ކައިރިން ބޭރަށް ދިޔައިރު އިތުރު ވަގުތުގެ ތެރޭ އަސަދުﷲ އަށް އޭރިއާ ތެރެއިން ހުހަށް ލިބުނު ބޯޅަ ޖެހީ ގޯލް މަތިންނެވެ. އޭގެ ފަހުން އޭނާ އަށް ބޮލުން ޖަހަން ލިބުނު ބޯޅަ ވެސް ގޯލާ އަމާޒެއް ނުކުރެވުނެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން މެޗަށް ފަހު ބުނީ މޮޅެއް މި ލިބުނީ ވަރަށް އުނދަގޫ މެޗަކުން ކަމަށާއި މާޒިޔާ އިން ކައުންޓާ އެޓޭކުގައި ވަރަށް ބޮޑަށް ނުރައްކާކުރި ކަމަށެވެ.

"އަހަރެމެންނަށް ދެ ވަނަ ހާފުގައި ފޯމޭޝަނަށް ވެސް ބަދަލު ގެންނަން ޖެހުނު. ވަރަށް އުނދަގޫ ގޭމެއް މިއީ. މުޅި 90 މިނެޓު ވަރަށް ބާރުބޮޑުކޮށް މިދިޔައީ. އެކަމަކު މެޗުގެ ނަތީޖާ އިންސާފުވެރިކަމަށް ބަލާނީ. އަހަރެން ދެކޭ ގޮތުގައި މާޒިޔާ އިން ލީގުގައި ވަރުގަދަ ޗެލެންޖްތަކެއް ދޭނެ،" އޮސްކާ ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ރަނގަޅު ގޭމެއް ކުޅެ ކުޅުންތެރިން ދަނޑުމަތީގައި ރަނގަޅަށް މަސައްކަތް ވެސް ކުރި ކަމަށާއި އެކަމަކު އެއާ އެއްވަރަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ.

"ކުރާ މަސައްކަތާ އެއްވަރަށް ނަތީޖާ ވެސް ނެރެން އެބަޖެހޭ. ލިބޭ ފުރުސަތުތައް ގޯލަށް ބަދަލުކޮށްލަން ވެސް އެބަޖެހޭ. އުއްމީދުކުރަނީ ކުރިއަށް އޮތްތަނުގައި އެކަން ރަނގަޅުވާނެ ކަމަށް،" އިންމަ ބުންޏެވެ.