Roadha Mihaaru

ނިއު ބަލިކޮށް، ފައިނަލުގައި މާޒިޔާއާ ވާދަކުރުމުގެ ފުރުސަތު އޮޑިއަށް

ފަހު ވަގުތު ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް އޮޑި ސްޕޯޓްސް އިން، އެފްއޭއެމް ލީގު ކަޕުގެ ފައިނަލުގައި މާޒިޔާއާ ވާދަކުރުމުގެ ފުރުސަތު މިރޭ ހޯދައިފި އެވެ.

ފައިނަލުގައި މާޒިޔާއާ ވާދަކުރުމުގެ ފުރުސަތު އޮޑިއަށް

ފަހު ވަގުތު ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް އޮޑި ސްޕޯޓްސް އިން، އެފްއޭއެމް ލީގު ކަޕުގެ ފައިނަލުގައި މާޒިޔާއާ ވާދަކުރުމުގެ ފުރުސަތު މިރޭ ހޯދައިފި އެވެ.

މާޒިޔާ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ޓީސީ ސްޕޯޓްސް އަތުން 1-0 އިން މޮޅުވެގެންނެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރެ އެވެ.

މިރޭ ނިއު އާއި އޮޑި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ނިއު އިންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެހީ މޫސާ ޔާމީން (ޔާންބެ) އެވެ. ނިއު އިން ލީޑުގައި އޮވެ މެޗު ނިންމަން ދަނިކޮށް އޮޑިން އެއްވަރުކުރީ 70 ވަނަ މިނެޓުގައި އަޝޫރް އަބްދުލް ޖެހި ގޯލުންނެވެ. އެ ޓީމު މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން ދެ ވަނަ މިނެޓުގައި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ޖެހި ގޯލުންނެވެ.

މިއަދު ހަވީރު މާޒިޔާ އާއި ޓީސީ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި މާޒިޔާގެ ހަމައެކަނި ގޯލު 38 ވަނަ މިނެޓުގައި ޖެހީ ހުސެއިން ސިފާއު ޔޫސުފް އެވެ.

ފައިނަލުގައި ވާދަކުރާ މާޒިޔާ އާއި އޮޑިން، ލީގު ބުރުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވީ އެވެ. އެ މެޗުން މާޒިޔާ ސަލާމަތްވީ ފަހު ވަގުތު ޖެހި ގޯލަކުންނެވެ.

ލީގު ކަޕަކީ، އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއި، އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނާތީ މިވަގުތު ދިވެހި ޕްރިމިއާ ލީގު ބޭއްވެން ނެތުމުން، ކްލަބްތަކަށް މެޗުތަކެއް ހޯދައިދޭން ބާއްވާ ނުރަސްމީ މުބާރާތެކެވެ.

ނިއު އާއި މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ ފިޔަވައި މުބާރާތުގައި ދެން ހިމެނޭ މާޒިޔާ، އޮޑި، އަދި ޓީސީ ނިސްބަތްވަނީ ފުރަތަމަ ޑިވިޝަނަށެވެ. އެ ތިން ޓީމުން މި މުބާރާތުގެ ބޭނުން ހިފަނީ ކުރިއަށް އޮތް ލީގަށެވެ. ނިއު އިން ތައްޔާރުވަނީ ދެ ވަނަ ޑިވިޝަން މުބާރާތެވެ.