Roadha Mihaaru
އެސްޓީއޯ އިން ޑީސަލް ލީޓަރަކުން 10ލ. ބޮޑުކޮށްފި

އެސްޓީއޯ އިން ޑީސަލް ލީޓަރަކުން 10ލ. ބޮޑުކޮށްފި

07 ޖޫން 2018

އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 10 ލާރި މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 10 ލާރި މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ، އެ ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ކަމަށެވެ. ލީޓަރަކުން 10 ލާރި ބޮޑުކުރުމުން، ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 11.23 ލާރި އަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފަ އެވެ. އެ ދުވަހު ޑީސަލް ލީޓަރަކުން ބޮޑުކުރީ ޑީސަލް ލީޓަރަކުން 41ލ. އެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް މިދިޔަ ޖެނުއަރީ މަހު އެރުމަށް ފަހު، މިހާރު ވަނީ މަޑުމަޑުން ދަށްވާން ފަށައިފަ އެވެ. އެގޮތުން، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމިޑިއޭޓް (ޑަބްލިއުޓީއައި) ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 1.3 ޕަސެންޓް ދަށްވެ، 64.67 ޑޮލަރަށް ވަނީ ހެޔޮވެފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 36 ޕަސެންޓްގެ އިތުރުވުމެކެވެ.

ތެލާ ގުޅޭ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައި ވަނީ އެމެރިކާގައި ތެލުގެ އަގު ދަށްވާން ފެށީ ތެލުގެ ސްޓޮކް އިތުރުކުރުމާ ގުޅިގެން ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި 2.1 މިލިއަން ފީފާ އިތުރުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ބްލޫމްބާގްއާ ހަވާލާދީ ބައެއް ވެބްސައިޓްތަކުގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާ އާއި އެނޫން ވެސް ގިނަ އަދަދަކަށް ތެޔޮ އުފައްދާ ގައުމުތަކުން، ދުވާލަކު އެއް މިލިއަން ފީފާ އިތުރަށް އުފެއްދުމަށް އެމެރިކާ އިން އެދިފައިވާ ކަމަށެވެ.