Roadha Mihaaru
ނަމޫނާ ކެޕްޓަނަކަށްވާން ބޭނުން: ބަލޮޓެލީ

ނަމޫނާ ކެޕްޓަނަކަށްވާން ބޭނުން: ބަލޮޓެލީ

04 ޖޫން 2018

ޓިއުރިން، އިޓަލީ (ޖޫން 4) - ރަހުމަތްތެރިކަމުގެ މެޗެއްގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭއިރު ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ނަމޫނާ ދައްކަން ބޭނުންވާ ކަމަށް އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން، އިޓަލީ (ޖޫން 4) - ރަހުމަތްތެރިކަމުގެ މެޗެއްގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭއިރު ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ނަމޫނާ ދައްކަން ބޭނުންވާ ކަމަށް އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފި އެވެ.

އިޓަލީގެ ކޯޗުކަމާ ރޮބާޓޯ މަންޗިނީ ހަވާލުވި ފަހުން ބަލޮޓެލީ އަށް ވަނީ ހަތަރު އަހަރަށް ފަހު ޓީމުން ފުރުސަތު ދީފަ އެވެ. ޓީމަށް އެނބުރި އަައިސް ކުޅުނު ފުރަތަމަ ކުޅުނު މެޗުގައި ބަލޮޓެލީ ވަނީ ލަނޑު ޖަހައިފަ އެވެ. އަދި ދެ ވަނަ މެޗުގައި ހުކުރު ދުވަހުގެރޭ ފްރާންސް އަތުން ބަލިވި ނަމަވެސް ބަލޮޓެލީ މޮޅަށް ކުޅުނެވެ.

ނެދަލެންޑްސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ތަފާތު ދައްކަން ބޭނުންވާ ކަމަށް ބަލޮޓެލީ ވަނީ ބުނެފަ އެވެ.

"ކެޕްޓަނަކަށް ވުމަކީ އެހާ ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމެއް ނޫން. އެކަމު އެއީ އިޓަލީގައި ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ދެވޭ ސިގްލަނެއް. އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން ބޭނުންވަނީ ނަމޫނާ ދައްކަން. ކެޕްޓަނެއްގެ ޒިންމާ އޮންނާނެ،" ބަލޮޓެލީ ބުންޏެވެ.

މިރޭގެ މެޗުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭއިރު ބަލޮޓެލީ އަށް ބޭންޑް ލިބުމުގެ ފުރުސަތު ބޮޑެވެ.

ފްރާންސްގެ ނީސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަލޮޓެލީ ބުނީ ގައުމީ ޓީމުން ފުރުސަތު ނުލިބި ހުންނަން ޖެހުމުން އެކަމާ އަސަރުކުރި ކަމަށެވެ.

"ޔޫރޯ 2016 ގައި ކޮންޓޭ ކަންތައް ކުރީ ރަނގަޅަށް. އެ ފަހަރު ގައުމީ ޓީމަށް ކުޅޭ ވަރަށް ފިޒިކަލީ އަހަރެން ތައްޔާރެއް ނޫން. އެކަމަކު އޭގެ ފަހުން އައި ޖިއަންޕިއޭރޯ ވެންޗޫރާ އަހަންނާ ވާހަކަ ދެއްކި. އަހަރެން ނުނެގުމުގައި އޭނާ ދެއްކި ސަބަބުތަކެއް އެއްވެސް ގޮތަކަށް އޮޅުން ނުފިލި. އެކަމަކު އޭނަ އަށް ވެސް އަހަރެން އިހުތިރާމްކުރަން،" ބަލޮޓެލީ ބުންޏެވެ.

މަންޗިނީ ބުނީ ބަލޮޓެލީ އަކީ އޭނާ އަށް ހުރިހާ ގޮތަކުން ވެސް ފަރިތަ ކުޅުންތެރިއެއް ކަމަށާއި އިންޓަ އާއި މެންޗެސްޓާ ސިޓީގައި އެކަން ފެނިފައިވާނެ ކަމަށެވެ.

މި ފަހަރު ވޯލްޑް ކަޕުން އިޓަލީ އާއި ނެދަލެންޑްސް އަށް ފުރުސަތު ނުލިބުމަކީ އެ މުބާރާތަށް ލިބޭނެ އުނިކަމެކެވެ. އެ ދެ ޓީމު މިހާރު އަންނަނީ އާ ކޯޗަކާ ޓީމު ހަވާލުކޮށް ހާލަތު ރަނގަޅުކުރަމުންނެވެ.