Roadha Mihaaru
ކެރިއަރު އޮޔާނުދަނީސް ބަލޮޓެލީ ހޭލަން ޖެހޭ: މަންޗިނީ

ކެރިއަރު އޮޔާނުދަނީސް ބަލޮޓެލީ ހޭލަން ޖެހޭ: މަންޗިނީ

21 ޖޫން 2020

ރޯމް (ޖޫން 21) – ފުޓްބޯޅަ ކެރިއަރު އޮޔާނުދަނީސް މާރިއޯ ބަލޮޓެލީ ހޭލަން، އިޓަލީ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ގޮވާލައިފި އެވެ.

ރޯމް (ޖޫން 21) – ފުޓްބޯޅަ ކެރިއަރު އޮޔާނުދަނީސް މާރިއޯ ބަލޮޓެލީ ހޭލަން، އިޓަލީ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ގޮވާލައިފި އެވެ.

ފަހަކަށް އައިސް އިޓަލީގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑަށް އެއް ފެންވަރެއްގައި ހިފެހެއްޓޭ ގޮތެއް ނުވެ އަދި އަބަދުވެސް ފެންނަނީ ކޮންމެވެސް މައްސަލަގަނޑެއްގެ ތެރެއިންނެވެ. އޭނާ މިހާރު ކުޅޭ ބްރެޝިއާގެ ފަރިތަކުރުންތަކަށް ހާޒިރުނުވާތީ އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް އުވާލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބަލޮޓެލީ އަށް އިންޓަ މިލާނުގައި ކޯޗުކޮށްދިން މަންޗިނީ ބުނީ ބަލޮޓެލީ އެ ބޭކާރުކޮށްލަނީ އާދަޔާހިލާފު ހުނަރެއް ކަމަށް އޭނާ ގާތު ހާހެއްހާ ފަހަރު ބުނެފައިވާ ކަމަށެވެ.

"އޭނާ ޅަ ކުޅުންތެރިއެއްގެ ގޮތުގައި ހުރި އިރުއްސުރެ އަހަރެން އޭނާ ދެކެ ލޯބިވޭ. އޭނާ ވަނީ އާދަޔާހިލާފު ކަންތައްތަކެއްކޮށްފައި. އޭނާގެ ކިބައިގައި އާދަޔާހިލާފު ފިޒިކަލް ވަރުގަދަކަމަކާއި، ދުވެއްޔާއި ޓެކްނީކްސް އެބަހުރި. އަދި އޭނާ 30 އަހަރުގައި އެހެރީ ކެރިއަރުގެ މެދުތެރޭގައި،" މަންޗިނީ ބުންޏެވެ.

"އަހަރެން އުއްމީދުކުރަން އޭނާ ކޮންމެވެސް ދުވަހަކު ހޭލައި ބަދަލުވާނެ ކަމަށް."

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އިންޓަ އިން 2010 ގެ ސީޒަނުގައި އިޓާލިއަން ލީގާއި ޗެމްޕިއަންސް ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކުރިއިރު ސްކޮޑުގައި ހިމެނުނު ބަލޮޓެލީ އޭގެ ފަހުން މެންޗެސްޓާ ސިޓީ އަށް ކުޅެ އެ ޓީމާ އެކު ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. އަދި ފަހުން އޭސީ މިލާނަށް ބަދަލުވެ އެ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. އެ ދުވަސްވަރު، 2012 ގެ ޔޫރޯގެ ފައިނަލަށް އިޓަލީ ދަތުކުރިއިރު މުހިއްމު ދައުރެއް އަދާކުރި އެވެ.

އެކަމަކު ފަހުން ފޯމް ދަށްވެ ގައުމީ ޓީމުން ވެސް ޖާގަ ގެއްލުނީ އެވެ. އެންމެ ބޮޑު މައްސަލައަކީ، މީހުންނާ ނުގުޅުމާއި އަހުލާގީ މައްސަލަތަކެވެ. އަނެއްކޮޅުން އޭނާގެ އެންމެ ބޮޑު ޝަކުވީ އަކީ ނަސްލީ ތަފާތުކުރުންތައް ކުރިމަތިވުމެވެ. ފަހުން ފްރާންސުގެ ނީސް އާއި މާސޭ އަށް ބަދަލުވެ ކެރިއަރު އަލުން އަނބުރަލީ ކަމަށް ބެލެވުނު ނަމަވެސް މިދިޔަ ސީޒަނުގައި އަލުން އިޓަލީ އަށް އައިސް ބްރެޝިއާގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

މަންޗިނީ އިޓަލީއާ ހަވާލުވެ 2018 ވަނަ އަހަރު ނެގި ފުރަތަމަ ސްކޮޑުން ބަލޮޓެލީ އަށް ފުރުސަތު ދިން ނަމަވެސް ފަހުން ޖާގަ ލިބޭ ގޮތެއް ނުވި އެވެ.