Roadha Mihaaru
ބަލޮޓެލީގެ އެނބުރި އައުން ލަނޑަކާ އެކު

ބަލޮޓެލީގެ އެނބުރި އައުން ލަނޑަކާ އެކު

29 މެއި 2018

ސެއިންޓް ގަލެން (މޭ 29) – ހަތަރަށް އަހަރަށް ފަހު މާރިއޯ ބަލޮޓެލީ އިޓަލީ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު ރޭ އެކުވެރިކަމުގެ މެޗެއްގައި ސައުދީ އަރަބިއާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސެއިންޓް ގަލެން (މޭ 29) – ހަތަރަށް އަހަރަށް ފަހު މާރިއޯ ބަލޮޓެލީ އިޓަލީ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު ރޭ އެކުވެރިކަމުގެ މެޗެއްގައި ސައުދީ އަރަބިއާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

މި މެޗަކީ މި އަހަރުގެ ވޯލްޑް ކަޕުން ޖާގަ ނުލިބޭ އިޓަލީން އާ ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. އަދި 1997 ވަނަ އަހަރުން ފެށިގެން ކުޅެމުން އައި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ނެތި ކުޅުނު ފުރަތަމަ މެޗު ވެސް މެ އެވެ. އިޓަލީގެ ގޯލް ބެލެހެއްޓީ އޭސީ މިލާނުގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. ކެޕްޓަން ބޭންޑް އެޅީ ލިއޮނާޑޯ ބޮނޫޗީ އެވެ.

ސްވިޒަލެންޑުގައި ރޭ ކުޅުނު މެޗުގައި އިޓަލީ އަށް ބަލޮޓެލީ ލީޑު ނަގައިދިނީ 21 ވަނަ މިނެޓުގަ އެވެ. އޭނާ މި ގޯލް ވައްދާލީ އޭރިއާ ބޭރުން، ސައުދީގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށެވެ. އިޓަލީގެ ދެ ވަނަ ގޯލް 68 ވަނަ މިނެޓުގައި ޖެހީ ބަލޮޓެލީގެ ބަދަލުގައި އެރި އަންދްރެއާ ބެލޮއްޓީ އެވެ. ސައުދީގެ ހަމައެކަނި ގޯލް 72 ވަނަ މިނެޓުގައި ޖެހީ ޔަހްޔާ އަލް ޝެހްރީ އެވެ.

އިޓަލީ އަށް ދެން އޮތީ ހުކުރު ދުވަހު ފްރާންސާ ދެކޮޅަށް ކުޅޭ މެޗާއި ހޯމަ ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.