Roadha Mihaaru
އިޓަލީން ފުރުސަތު ދީފި ނަމަ ކުޅެން ތައްޔާރު: ބަލޮޓެލީ

އިޓަލީން ފުރުސަތު ދީފި ނަމަ ކުޅެން ތައްޔާރު: ބަލޮޓެލީ

26 އޮކްޓޯބަރ 2017

ނީސް، ފްރާންސް (އޮކްޓޯބަރު 26) – އިޓަލީ ގައުމީ ޓީމުން ގޮވާލައިފި ނަމަ ދާން ތައްޔާރު ކަމަށާއި ފުރުސަތު ނުލިބިއްޖެ ނަމަ ސަޕޯޓަރެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށް އިޓަލީގެ ހުނަރުވެރި ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނީސް، ފްރާންސް (އޮކްޓޯބަރު 26) – އިޓަލީ ގައުމީ ޓީމުން ގޮވާލައިފި ނަމަ ދާން ތައްޔާރު ކަމަށާއި ފުރުސަތު ނުލިބިއްޖެ ނަމަ ސަޕޯޓަރެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށް އިޓަލީގެ ހުނަރުވެރި ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފި އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން އިޓަލީ ކެޓި ފަހުން ބަލޮޓެލީ އަށް ސްކޮޑުން ފުރުސަތު ލިބުނީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެކަމަކު އަނިޔާގެ ސަބަބުން އެ ފަހަރު ކުޅެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން އެންޓޯނިއޯ ކޮންޓޭ ވެސް އަދި އާ ކޯޗު ޖިއެމްޕިއެރޯ ވެންޗޫރާ ވެސް ބަލޮޓެލީ އަށް ފުރުސަތެއް ނުދެ އެވެ.

އިޓަލީގެ އެއް ވަނަ ފޯވާޑް އަންދްރޭ ބެލޮއްޓީ އަށް އަނިޔާވެފައިވާތީއާ އެކު އަދި ފްރާންސް ލީގުގައި ބަލޮޓެލީ ރަނގަޅު ކުޅުމެއް ދައްކަމުން އަންނާތީ ގިނަ ބަޔަކު އުއްމީދުކުރަނީ މި ފަހަރު ފުރުސަތު ލިބޭނެ ކަމަށެވެ. އިޓަލީ އަށް ދެން އޮތީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފުގައި އަންނަ މަހު ސްވިޑަންއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

"އަހަރެން ނަގަން ކޯޗު ބޭނުންވަންޏާ އަހަރެން މިހިރީ ތައްޔާރަށް. އަހަރެން ނަގަން ކޯޗު ބޭނުންނުވަންޏާ އަހަރެން އަބަދުވެސް ހުންނާނީ އިޓަލީގެ ސަޕޯޓަރެއްގެ ގޮތުގައި،" ފްރާންސްގެ ނީސް އަށް ކުޅެމުން އަންނަ ބަލޮޓެލީ ބުންޏެވެ.

މިދިޔަ އަހަރު ވެންޗޫރާ ވަނީ ބަލޮޓެލީއާ ބެހޭގޮތުން ވާހަކަދައްކައިފަ އެވެ. އޭނާ ބުނީ ބަލޮޓެލީގެ ހުނަރުވެރިކަމާ މެދު ސުވާލު ނުއުފައްދާ ކަމަށެވެ.

"އެކަމަކު އެބަހުރި ސުވާލު އުފައްދައި ވާހަކަދައްކަން ޖެހޭ ބައެއްކަންކަން ޓީމުން ފުރުސަތު ދޭން ބަލާއިރު. ޓީމެއްގެ ކާމިޔާބަކީ ޓީމުގައި ތިބޭ ހުރިހާ ކުޅުންތެރިން އެއް މިސްރާބަކަށް ދިއުން. ޓީމަށްޓަކައި ގުރުބާނީވެ އެންމެންނާ އެކުގައި މަސައްކަތްކުރެވެން ޖެހޭނެ ޓީމުގެ ކޮންމެ މެމްބަރަކަށް ވެސް. ބަލޮޓެލީގެ ވިސްނުން ވެސް ޖެހޭނީ އެގޮތަށް،" ވެންޗޫރާ ބުނެފައިވެ އެވެ.

ބަލޮޓެލީ ވަނީ އިޓަލީން 2012 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ހޯދިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އޭގެ ފަހުން ގައުމީ ޓީމުގައި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. ހުނަރުވެރި ނަމަވެސް އަހުލާގީ މައްސަލަތަކާ ހެދި ބަލޮޓެލީގެ ކެރިއަރަށް މިހާތަނަށް ވެސް ވަނީ ހިޔަނި އެޅިފަ އެވެ.

އުމުރުން 27 އަހަރުގެ ފޯވާޑް ކްލަބް ކެރިއަރުގައި އިންޓަ، މެންޗެސްޓާ ސިޓީ، އޭސީ މިލާން އަދި ލިވަޕޫލް ފަދަ ބޮޑު ޓީމުތަކަށް ކުޅެފައިވީ ނަމަވެސް އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓޭ ގޮތެއް ނުވެ އެވެ.