Roadha Mihaaru
ބަލޮޓެލީ އަށް ވެންޗޫރާ ފުރުސަތު ދީފާނެތަ؟

ބަލޮޓެލީ އަށް ވެންޗޫރާ ފުރުސަތު ދީފާނެތަ؟

20 ޑިސެމްބަރ 2016

ފްލޮރެންސް، އިޓަލީ (ޑިސެމްބަރު 20) – މާރިއޯ ބަލޮޓެލީ އަށް އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ދިނުމާ މެދު އަދިވެސް ގޮތެއް ނުނިންމާ ކަމަށާއި އެކަމަކު އެކަމާ ބެހޭގޮތުން އޭނާއާ ވާހަކަދައްކާނެ ކަމަށް އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފްލޮރެންސް، އިޓަލީ (ޑިސެމްބަރު 20) – މާރިއޯ ބަލޮޓެލީ އަށް އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ދިނުމާ މެދު އަދިވެސް ގޮތެއް ނުނިންމާ ކަމަށާއި އެކަމަކު އެކަމާ ބެހޭގޮތުން އޭނާއާ ވާހަކަދައްކާނެ ކަމަށް އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނެފި އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފަހުން ބަލޮޓެލީ އަށް ގައުމީ ޓީމުން ފުރުސަތެއް ނުލިބެ އެވެ. އޭސީ މިލާނާއި ލިވަޕޫލުގައި ނާކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު މި ސީޒަނުގައި އޭނާ އަންނަނީ ފްރާންސްގެ ނީސްގައި މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އަށް ގޯލް ޖަހާފައިވާއިރު އާ ކޯޗު ވެންޗޫރާ އޭނާ އަށް ފުރުސަތު ދީފާނެ ކަމަށް ބެލެވުނެވެ.

"ބަލޮޓެލީގެ ހުނަރުވެރިކަމާ މެދު އަހަރެން ސުވާލެއް ނުއުފައްދަން. އެކަމަކު އެބަހުރި ސުވާލު އުފައްދައި ވާހަކަދައްކަން ޖެހޭ ބައެއްކަންކަން ޓީމުން ފުރުސަތު ދޭން ބަލާއިރު. ޓީމެއްގެ ކާމިޔާބަކީ ޓީމުގައި ތިބޭ ހުރިހާ ކުޅުންތެރިން އެއް މިސްރާބަކަށް ދިއުން. ޓީމަށްޓަކައި ގުރުބާނީވެ އެންމެންނާ އެކުގައި މަސައްކަތްކުރެވެން ޖެހޭނެ ޓީމުގެ ކޮންމެ މެމްބަރަކަށް ވެސް. ބަލޮޓެލީގެ ވިސްނުން ވެސް ޖެހޭނީ އެގޮތަށް،" ވެންޗޫރާ ބުންޏެވެ.

އޭނާ ބުނީ ބަލޮޓެލީއާ ވާހަކަދައްކާނެ ކަމަށާއި އެކަމަކު އޭނާ އަށް ޓީމުން ފުރުސަތު ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"އަހަރެން އޭނާއާ ވާހަކަދައްކާނަން. އެކަމަކު އެ ބައްދަލުވުމަކީ ގޮތެއް ނިންމާ ބައްދަލުވުމެއް ނޫން. އަހަރެން ބަލޮޓެލީއާ ވާހަކަދެއްކުން އޭނާ އަމިއްލަ ނަފުސާ ސުވާލުކޮށް ޖަވާބު ހޯދަން ޖެހޭނެ (ތިމަންނަ ތައްޔާރުތޯ)،" ވެންޗޫރާ ބުންޏެވެ.

މި މައްސަލައިގައި ވެންޗޫރާ ސީދާ ޖަވާބެއް ނުދިން ނަމަވެސް އިޓަލީ ނޫސްތައް ބުނާ ގޮތުގައި އަންނަ އަހަރުގެ ސްކޮޑުން އޭނާ އަށް ފުރުސަތު ދޭނެ އެވެ. އިޓަލީގެ އެއް ވަނަ ފޯވާޑް ގްރަޒިއާނޯ ޕެއްލޭ ވެސް އަހުލާގީ މައްސަލައެއްގައި ޓީމުން ބޭރުކޮށްފައިވާތީ ބަލޮޓެލީ ފަދަ ސެންޓަ ފޯވާޑެއްގެ މުހިއްމުކަން ވެންޗޫރާ އަށް ވަނީ ބޮޑުވެފަ އެވެ.

އިޓަލީ އެންމެ އަވަހަށް ކުޅެން ޖެހޭ ދެ މެޗަކީ އަންނަ އަހަރުގެ މާޗު މަހު އަލްބޭނިއާއާ ދެކޮޅަށް ކުޅޭ މެޗާއި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިޓަލީ ގައުމީ ޓީމަށް 2010 ވަނަ އަހަރުން ފެށިގެން 33 މެޗު ކުޅެދީ 13 ގޯލް ޖަހައިދީފައިވާ ބަލޮޓެލީ އަކީ އެ ޓީމުން 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ ދެ ވަނަ މަގާމް ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.