Roadha Mihaaru
އިޓަލީ ޓީމަށް ބަލޮޓެލީ ނުނެގުމުން ރިއޯލާ ރުޅިގަދަވެފައި

އިޓަލީ ޓީމަށް ބަލޮޓެލީ ނުނެގުމުން ރިއޯލާ ރުޅިގަދަވެފައި

22 މާޗް 2018

މޮނާކޯ (މާޗް 22) – ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް މާރިއޯ ބަލޮޓެލީ އަށް އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ނުދިނުމުން އޭނާގެ އޭޖެންޓް މިނޯ ރިއޯލާ ރުޅިގަދަވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މޮނާކޯ (މާޗް 22) – ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް މާރިއޯ ބަލޮޓެލީ އަށް އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ނުދިނުމުން އޭނާގެ އޭޖެންޓް މިނޯ ރިއޯލާ ރުޅިގަދަވެއްޖެ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕަށް ފަހު ބަލޮޓެލީ އަށް އިޓަލީން ފުރުސަތެއް ނުލިބެ އެވެ. އެކަމަކު މި ސީޒަނުގައި ފްރާންސްގެ ނީސް އަށް 30 މެޗުން 22 ގޯލް ޖަހައިދީފައިވާ ފޯވާޑަށް، އާޖެންޓީނާ އާއި އިންގްލެންޑާ ދެކޮޅަށް ކުޅެން ވަގުތީ ކޯޗު ކުލިޖީ ޑި ބިއާޖިއޯގެ ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ.

"ބަލޮޓެލީ އަށް ޖާގަ ދިނުމުގައި ފެއިލްވުމުން އަހަރެމެން މިތިބީ ހިތްހަމަނުޖެހިފައި،" ރިއޯލާ ބުންޏެވެ. "މައްސަލައަކީ ކޯޗެއް ނޫން. ފުޓްބޯޅަ ސިސްޓަމް މީގައި ގޯހީ. އަހަރެމެންގެ އޮތީ ޕްލޭނެއް ނެތި ކުރިމަގަށް ވިސްނުންތަކެއް ނެތި މަސައްކަތްކުރާ ފެޑެރޭޝަނެއް. ގައުމީ ޓީމު ތަމްސީލްކުރަން ޖެހޭނީ އެންމެ މޮޅު ކުޅުންތެރިން. އެހެންވީމާ އެންމެ މޮޅު ކުޅުންތެރިންނަށް ޖާގަ ނުދެންޏާ ދެން (ޓީމު ނަގާ) އުސޫލުތައް އަހަރެމެންނަކަށް ނޭގޭ."

ރިއޯލާ ބުނީ އެހެން ގައުމުތަކުގައި ގައުމީ ޓީމު ކުޅޭއިރު އެއީ އުފަލުގެ ވަގުތު ކަމަށާއި އިޓަލީގައި އެއީ ދެކޮޅުވެރިވާން ފަށަން ލިބޭ ސަބަބެއް ކަމަށެވެ. އަދި އިޓަލީގައި އެއްވެސް ޕްލޭނެއް، އަމިއްލަ ގޮތެއް ކަމަށާއި ކުރާ ހުރިހާ ވެސް ކަމަކީ ކޯޗު ބަދަލުކުރުން ކަމަށް ވެސް ބުންޏެވެ.

ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ޖިއަމްޕިއޭރޯ ވެންޗޫރާ ވަކިކުރުމަށް ފަހު އިޓަލީން އަންނަނީ އާ ފެށުމަކުން ފަށަން ކޯޗަކަށް ބަލަމުންނެވެ. އެކަމަކު ވަގުތީ ކޯޗު ޑި ބިއާޖިއޯ ނެގި ސްކޮޑުގައި ޖިއަންލުއިޖީ ބުފޮން ފަދަ ރިޓަޔާމަންޓާ ކައިރީގައި ހުރި ކުޅުންތެރިޔަކު ހިމެނުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އިޓަލީގެ ދާއިމީ ކޯޗަކަށް ގެންނަން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި އެންޓޯނިއޯ ކޮންޓޭ އާއި ކާލޯ އަންޗެލޮޓީ އާއި ރޮބާޓޯ މަންޗިނީ ހިމެނެ އެވެ.

އިޓަލީގެ ސްކޮޑުގައި މި ފަހަރު ހިމަނާފައިވާ ފޯވާޑުންނަކީ މި ވަގުތު އެންމެ ފޯމުގައި ހުރީ ޗީރޯ އިމޮބިލޭ އާއި ލޮރެންޒޯ އިންސީނޭ އާއި ފޯމް ދަށްވެފައިވާ އަންދްރޭ ބެލޮއްޓީ އާއި ސިމޮނީ ވާޑީ އަދި މެޗެއް ކުޅެފައިނުވާ ފެޑެރިކޯ ޗިއެސާ އާއި ޕެޓްރިކް ކުޓްރޯނޭ އެވެ.