Roadha Mihaaru

ފަހު ވަގުތު އިޒްރޭލް އަތުން އިޓަލީ ސަލާމަތްކޮށްދިނީ ޓޮނާލީ

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސަންދްރޯ ޓޮނާލީ އިތުރު ވަގުތު ޖެހި ގޯލާ އެކު، އިޒްރޭލުގެ މައްޗަށް އިޓަލީން 5-4 އިން ކުރި ހޯދައިފި އެވެ.

ފަހު ވަގުތު އިޒްރޭލް އަތުން އިޓަލީ ސަލާމަތްކޮށްދިނީ ޓޮނާލީ

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސަންދްރޯ ޓޮނާލީ އިތުރު ވަގުތު ޖެހި ގޯލާ އެކު، އިޒްރޭލުގެ މައްޗަށް އިޓަލީން 5-4 އިން ކުރި ހޯދައިފި އެވެ.

އިޒްރޭލުގެ ހޯމް މެޗެއް ނަމަވެސް ނިއުޓްރަލް ވެނޫއެއް ކަމަށްވާ ހަންގޭރީގައި ކުޅުނު މި މެޗުން މޮޅުވުމުން އިޓަލީ އަށް ވަނީ ގްރޫޕުގެ ދެ ވަނަ ލިބިފަ އެވެ. އެ ޓީމާއި އިޒްރޭލަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އިޓަލީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ހަންގޭރީ އެވެ. ގްރޫޕުގެ ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކު އެސްޓޯނިއާ އޮތްއިރު، ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މޯލްޑޮވާ އެވެ.

ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ ގްރޫޕުގެ އެއް ވަނަ ޓީމަށެވެ. ދެ ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

އިޓަލީގެ އާ ކޯޗު ޖެނާރޫ ގަޓޫސޯ މި ވަނީ އޭނާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު ފުރަތަމަ މެޗުން އެސްޓޯނިއާ އަތުން 5-0 އިން ހޯދި މޮޅާ ބަލާއިރު، ރޭ އިޓަލީ އަށް މޮޅުވެވުނީ ވަރަށް އުނދަގުލުންނެވެ.

ރޭގެ މެޗުގެ 16 ވަނަ މިނެޓުގައި އިޓަލީގެ މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ އަތުން ބައިކޮޅަށް ވަން ގޯލުން އިޒްރޭލަށް ލީޑު ލިބުނެވެ. އިޓަލީން އެއްވަރުކުރީ 40 ވަނަ މިނެޓުގައި މޮއިސެ ކީން ޖެހި ގޯލުންނެވެ.

އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު، 52 ވަނަ މިނެޓުގައި ޑޯ ޕެރެޓްޒް ލަނޑު ޖަހައި އިޒްރޭލަށް އަލުން ކުރި ހޯދައިދިނެވެ. އޭގެ ދެ މިނެޓު ފަހުން ކީން އަނެއްކާ ވެސް އިޓަލީ އަށް އެއްވަރުކޮށްދިނެވެ. އަދި މަޓެއޯ ޕޮލިޓާނޯ އާއި ޖިއަކޯމޯ ރަސްޕަޑޯރީގެ ގޯލުތަކުން 4-2 ގެ ލީޑެއް ނެގި އެވެ.

އެ ހިސާބުން އިޓަލީ މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް 87 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އަތުން ބައިކޮޅަށް ވަން ގޯލާ އެކު، އިޒްރޭލަށް ހިތްވަރު ލިބި، 89 ވަނަ މިނެޓުގައި ޑޯ ޕެރެޓްޒް އިތުރު ގޯލެއް ޖަހައި އެއްވަރުކުރި އެވެ. އިޓަލީ މޮޅުވި ގޯލް ޓޮނާލީ ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ ތެރެއިން ފުރަަތަމަ މިނެޓުގަ އެވެ.

އިޓަލީގެ ކޯޗު ގަޓޫސޯ ބުނީ މިއީ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މުހިއްމު މޮޅެއް ކަމަށާއި، އެކަމަކު މި މެޗުގައި ޓީމުގެ ފަރާތުން ފެނުނީ ގަބޫލުކުރަން ދަތި ކަންކަން ކަމަށެވެ.

"ކޮން ކަހަލަ ފީކަޅާ ގޯލުތަކެއް ވަންނަން ފުރުސަތު ދީގެން ތިބީ. އެކަމަށް އެބަޖެހޭ މަސައްކަތްކުރަން. މާ ބަލިކަށިކޮށް ކުޅެނީ. މާ ފަސޭހައިން ގޯލު ވަންނަނީ އަހަރެމެން ކޮޅަށް. އެކަން ހައްލުކުރުމަކީ އަހަރެންގެ ޒިންމާއެއް،" ގަޓޫސޯ ބުންޏެެވެ.

އެކަމަކު އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ބުނީ، ބައިކޮޅަށް ގޯލެއް ވަން ކޮންމެ ހިސާބަކުން ކުޅުންތެރިން ހިތްވަރުކޮށް ގެއްލުނުތަން ހޯދި ކަމަށާއި، އެއީ ޝުކުރު ހައްގު ކަމަށެވެ.