Roadha Mihaaru
ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ވޯލްޑް ކަޕް ޕްލޭ އޮފަށް

ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ފިޔަވަޅެއް ފަހަތަށް

16 ނޮވެމްބަރ 2021

ބެލްފާސްޓް (ނޮވެމްބަރު 16) - ނޮދަން އަޔަލެންޑް އަތުން އެއްވަރުވެ ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ފަހަތަށް ފިޔަވަޅެއް އަޅައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެލްފާސްޓް (ނޮވެމްބަރު 16) - ނޮދަން އަޔަލެންޑް އަތުން އެއްވަރުވެ ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ފަހަތަށް ފިޔަވަޅެއް އަޅައިފި އެވެ.

މެޗުން މޮޅުވެގެން އިޓަލީ އަށް ގުރޫޕް ސީގެ އެއްވަނަ ހޯދައި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ފުރުސަތު އޮތެވެ. ގުރޫޕްގެ އެއްވަނަ ސްވިޒަލެންޑުން ހޯދީ ބަލްގޭރިއާ ބަލި ކުރުމަށް ފަހު އެވެ.

އިޓަލީ އެއްވަރުވުމުން އެ ޓީމަށް ޖެހުނީ އަންނަ އަހަރުގެ މާޗް މަހު ކުޅޭ ޕްލޭއޮފަށް އިންތިޒާރު ކުރާށެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގައި އިޓަލީ އަށް ލިބުނީ ކެއްސެވެ. ސްވިޑެން އަތް ދަށުވެ ރަޝިއާގެ ވޯލްޑް ކަޕަށް އެޓީމު ކޮލިފައި ނުވި އެވެ.

އިޓަލީ މެޗު ކުރިއަށް ދިޔައީ ބަލި ނުވެ ޖެހޖެހިގެން 37 މެޗު ފުރިހަމަކޮށް، ދުނިޔޭގެ ރެކޯޑާ އެކު އެވެ. އެކަމަކު ވޯލްޑް ކަޕް ކޮލިފައިންއިން ސީދާ ޖާގަ ނުލިބުމަކީ ހިތްދަތި ކަމެއް ކަމަށް އެ ޓީމުގެ ފޯވާޑް އެންޑްރެއާ ބެލޯޓީ ބުންޏެވެ.

"މިއީ ވަރަށް ހިތި އަދި އެހާމެ ހިތްދަތި ކުރުވި ވަގުތެއް. ސަބަބަކީ އަހރެމެން އަތުގައި ކޮލިފައިވުމުގެ ބާރު އޮއްވައި މިހެން ދިމާވީމަ. އެކަމަކު ފުޓްބޯޅައިގައި މިހެން ދިމާވެދާނެ. މިއީ ވަރަށް ހިތްދަތި ކަމެއް،" ބެލޯޓީ ބުންޏެވެ.

އިޓަލީގެ ކޯޗް ރޮބާޓޯ މަންޗިނީ: އޭނާ ބުނީ އިޓަލީއަށް ސީދާ ކޮލިފައި ނުވެވުނީ ފުރުސަތުތައް ބޭނުން ނުކުރެވުމުން ކަމަށް. -- ފޮޓޯ: އޭއެފްޕީ

އިޓަލީގެ ކޯޗް ރޮބާޓޯ މަންޗިނީ: އޭނާ ބުނީ އިޓަލީއަށް ސީދާ ކޮލިފައި ނުވެވުނީ ފުރުސަތުތައް ބޭނުން ނުކުރެވުމުން ކަމަށް. -- ފޮޓޯ: އޭއެފްޕީ

އޭނާ ބުނީ ޓީމުގެ ފޯވަޑުން އެކަމުގެ ޒިންމާއިން ބައެއް ނަގަންޖެހޭ ކަމަށެވެ. ގިނަ ފުރުސަތުތަކެއް ލިބުނު އިރު ގޯލް ނުޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް އޭނާ ބުންޏެވެ.

"ގޯލް ދާގަނޑުގެ ތެރެއަށް ބޯޅަ ނުވަންނަންޏާ ބޯލް ޕޮސެޝަން ކުރީގައި އޮތަސް އެކަމެއް ބަލައިނުގަންނާނެ."

އިޓަލީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނީ، މިހާލަތަށް އައުމުގެ މާ ކުރިން އިޓަލީ އަށް ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އޭނާ ބުނީ ކުރިން ކުޅުނު މެޗުތަކުން މޮޅުވާން ލިބުނު ފުރުސަތުތައް އިޓަލީ އަށް ބޭނުން ނުކުރެވުމަކީ މި ހާލަތަށް ދާން ޖެހުނު ސަބަބު ކަމަށެވެ.

"މިހާރު ދެން ކުރެވޭނެ ކަމަކަށް އޮތީ ޕްލޭއޮފްއަށް ތައްޔާރުވުން," މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީ އަށް ކާމިޔާބުކޮށްދިން މަންޗިނީ ބުންޏެވެ. "އަހަރެމެންނަށް ވޯލްޑް ކަޕަށް ކޮލިފައި ވެވޭވެނެ. އަދި އަހަރެން އުންމިދުކުރަނީ އަހަރެމެންނަށް ވޯލްޑް ކަޕް ކާމިޔާބު ވެސް ކުރެވޭނެ ކަމަށް."