Roadha Mihaaru

ސްޕެލެއްޓީ ވަކިކޮށްފި، އިޓަލީން ބޭނުންވަނީ ރަނިއޭރީ

މަގާމުން ވަކިކޮށްފައިވާ އިޓަލީގެ ހެޑްކޯޗު ލޫސިއާނޯ ސްޕެލެއްޓީގެ ބަދަލުގައި، އެ މަގާމަށް ކްލައުޑިއޭ ރަނިއޭރީ ގެންނަން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި އެވެ.

ސްޕެލެއްޓީ ވަކިކޮށްފި، އިޓަލީން ބޭނުންވަނީ ރަނިއޭރީ

މަގާމުން ވަކިކޮށްފައިވާ އިޓަލީގެ ހެޑްކޯޗު ލޫސިއާނޯ ސްޕެލެއްޓީގެ ބަދަލުގައި، އެ މަގާމަށް ކްލައުޑިއޭ ރަނިއޭރީ ގެންނަން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި އެވެ.

ސްޕެލެއްޓީ މަގާމުން ވަކިކުރިކުރީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން ނޯވޭ އަތުން 3-0 އިން ބަލިވުމުންނެވެ. އޭނާގެ ފަހު މެޗަކީ މިރޭ މޯލްޑޮވާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ސްޕެލެއްޓީ ވަކިކުރިކަން ކަށަވަރުކޮށްދިނީ، މޯލްޑޮވާ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ އަމިއްލަ އަށެވެ. ސްޕެލެއްޓީ ބުނީ އޭނާ ހުރީ ކަންކަން ރަނގަޅުކޮށް ކުރިއަށް ދިއުމަށް ބޭނުންވެފައި ކަމަށެވެ. އިޓަލީ ފެޑެރޭޝަނުން މިކަމުގައި ބުނި ހަމައެކަނި ބަހަކީ ބުނީ މޯލްޑޮވާ މެޗަކީ، ސްޕެލެއްޓީގެ ފަހު މެޗު ކަމަށެވެ.

އިޓަލީން ކޯޗަކަށް ގެންނަން ބޭނުންވާ ރަނިއޭރީ ހުރީ މިދިޔަ ސީޒަނަށް ފަހު ރޯމާގެ ކޯޗުކަމުން ވަކިވެ، އެ މަސައްކަތް އެއްކޮށް ހުއްޓާލައިގެންނެވެ. އޭނާގެ އާ ވަޒީފާއަކީ، ރޯމާގެ ރައީސްގެ އެޑްވައިޒަރުކަމެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަނިއޭރީ ވަނީ އިޓަލީގެ އޮފާ އަށް ފުރަތަމަ ދެކޮޅު ހަދައިފަ އެވެ. އެކަމަކު ރޯމާގެ އާ މަގާމުގައި ހުރެވޭ ގޮތަށް އިޓަލީގެ ކޯޗުގެ ވަޒީފާ ހުށަހެޅުމުން ރަނިއޭރީ މިހާރު އެކަމާ ވިސްނަމުން އަންނަ ކަމަށާއި، މިއަދު އޭނާ ޖަވާބެއް ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 73 އަހަރުގެ ރަނިއޭރީ ގެންނަން އިޓަލީން ބޭނުންވާ ސަބަބަކީ އޭނާ އަކީ، އެންމެން އިހުތިރާމުކުރާ، އަދި މައްސަލަގަނޑެއްގެ ތެރޭގައި އޮތް ޓީމުތައް ހަމަޔަކަށް އެޅެވުމުގައި އެފަދަ ދެ ވަނައެއް ނެތް ކޯޗަކަށް ވުމެވެ. މިދިޔަ ސީޒަނުގައި ވެސް ރޯމާއާ އޭނާ ހަވާލުވީ އެ ހާލަތުގައި ޓީމު އޮއްވަ އެވެ. އެކަމަކު ޓީމު ހަމަމަގަށް އަޅުވައި، ރަނގަޅު ނަތީޖާތަކެއް ނެރެދިނެވެ.

ރަނިއޭރީ އެއްބަސްނުވެއްޖެ ނަމަ އިޓަލީން ދެން ކޯޗަކަށް ގެންނާނީ ސައޫދީ އަރަބިއްޔާގެ އަލް ނަސްރުގެ ކޯޗު ސްޓެފާނޯ ޕިއޮލީ އެވެ. އިޓަލީގެ ޝޯޓްލިސްޓުގައި ދެން ހިމެނޭ ކޯޗުންނަކީ، ކުރީގެ ތިން ކުޅުންތެރިން ކަމަށްވާ ފަބިއޯ ކަނަވާރޯ، ޖެނާރޫ ގަޓޫސޯ، އަދި ޑެނިއަލީ ޑި ރޮސީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެންމެ ފަހުގެ ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވި އިޓަލީ، މި ފަހަރު ކޮލިފައިންގެ ފުރަތަމަ މެޗުން ބަލިވުމުން، އަންނަ އަހަރުގެ މުބާރާތުން ޖާގަ ނުލިބިދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ. އިޓަލީ، ނޯވޭ، އަދި މޯލްޑޮވާގެ އިތުރުން އިޒްރޭލާއި، އެސްޓޯނިއާ ހިމެނޭ ގްރޫޕުން ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ އެއް ވަނަ ޓީމަށެވެ. ދެ ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. އިޓަލީ މިވަގުތު ހަތަރު ވަނައިގައި އޮތްއިރު، ކުރީގައި އޮތް ތިން ޓީމު ވެސް ވަނީ އިޓަލީ އަށް ވުރެ އިތުރަށް ދެ މެޗު ކުޅެފަ އެވެ.