Roadha Mihaaru

ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗުން އިޓަލީ ބަލިވެއްޖެ

އެންމެ ފަހުގެ ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވި އިޓަލީ، އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރޭ ނޯވޭ އަތުން 3-0 އިން ބަލިވެއްޖެ އެވެ.

ކޮލިފައިން ފުރަތަމަ މެޗުން އިޓަލީ ބަލިވެއްޖެ

އެންމެ ފަހުގެ ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވި އިޓަލީ، އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރޭ ނޯވޭ އަތުން 3-0 އިން ބަލިވެއްޖެ އެވެ.

މި ނަތީޖާއާ އެކު، އިޓަލީ އަށް ވަނީ އަނެއްކާ ވެސް ކޮލިފައިނުވުމުގެ ބިރު ކުރިމަތިވެ ޕްރެޝަރު ބޮޑުވެފަ އެވެ.

އިޓަލީ އާއި ނޯވޭގެ އިތުރުން، އިޒްރޭލާއި، އެސްޓޯނިއާ، އަދި މޯލްޑޮވާ ހިމެނޭ ގްރޫޕުން ވޯލްޑް ކަޕަށް ކޮލިފައިވާނީ ގްރޫޕުގެ އެއް ވަނަ އެވެ. ދެ ވަނަ އަށް ދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

ނޯވޭ މިހާރު ވެސް ވަނީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ. އިޒްރޭލް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. އެސްޓޯނިއާ ވަނީ އެއް މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހަމަކޮށްފަ އެވެ. ޕޮއިންޓެއް ނުލިބެނީ އިޓަލީ އަށާއި، މޯލްޑޮވާ އަށެވެ.

އޮސްލޯގައި ކުޅުނު މި މެޗުގައި ނޯވޭ އިން ތިން ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. ގޯލުތައް ޖަހައިދިނީ އެލެކްސެންޑާ ސޮލޮތު، އެންޓޯނިއޯ ނުސާ، އަދި އާލިން ހާލަންޑެވެ.

އިޓަލީގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ރޭގެ މެޗަށް ފަހު ބުނީ ސަޕޯޓަރުންނަށް މިފަދަ މެޗެއް ހައްގުނުވާ ކަމަށާއި، މިއީ ގަބޫލުކުރެވޭ ފަދަ ނަތީޖާއެއް ނޫން ކަމަށެވެ.

"އަހަރެމެންގެ ރޫހު އެބަ ޖެހޭ ޖެހޭ އަލުން ގެންނަން،"

އިޓަލީ ކޯޗު ލޫސިއާނޯ ސްޕެލެއްޓީގެ ގާބިލުކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނައިރު، ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ފެޑެރޭޝަނާ ބައްދަލުކޮށް މަގާމުގައި ދެމި ހުރުމާ މެދު ވަރަށް އަވަހަށް މަޝްވަރާކުރާނެ އެވެ. އެކަމަކު އެއީ، ހޯމަ ދުވަހުގެރޭ އަމިއްލަ ގައުމުގައި، މޯލްޑޮވާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ކަމަށް ބެލެވެ އެވެ.

އަނިޔާގެ ސަބަބުން އިޓަލީގެ ޑިފެންސް ވަނީ ބަލިކަށިވެފަ އެވެ. އަނެއްކޮޅުން ތަޖުރިބާކާރު ޑިފެންޑަރު ފްރެންސެސްކޯ އެޗެއަބީ ވަނީ ގައުމީ ޓީމަށް ގޮވާލުމުން ނޫނެކޭ ބުނެފަ އެވެ. އޭނާ ހުށަހެޅުން ގަބޫލުނުކުރީ ސްޕެލެއްޓީގެ ފަރާތުން އޭނާ އަށް އިހުތިރާމު ނުލިބޭ ކަމަށް ބުނެ އެވެ.

އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ދެން ކުޅުނު ދެ ވޯލްޑް ކަޕުން ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން އައި ދެ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ. ވަރުގަދަ ސްކޮޑެއް އޮވެމެ، އަދި 2021 ގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމަށް ނަތީޖާ ނެރެވޭ ގޮތެއް ނުވެ އެވެ.