Roadha Mihaaru
ސްވިޑަން އަތުން ބަލިވެ އިޓަލީ ވޯލްޑް ކަޕާ ދުރަށް!

ސްވިޑަން އަތުން ބަލިވެ އިޓަލީ ވޯލްޑް ކަޕާ ދުރަށް!

11 ނޮވެމްބަރ 2017

ސްޓޮކްހޯމް، ސްވިޑަން (ނޮވެމްބަރު 11) - ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި ރޭ ސްވިޑަން އަތުން 1-0 އިން ބަލިވެ އިޓަލީ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ހަގީގީ ބިރާ ކުރިމަތިވެއްޖެ އެވެ.

ސްޓޮކްހޯމް، ސްވިޑަން (ނޮވެމްބަރު 11) - ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި ރޭ ސްވިޑަން އަތުން 1-0 އިން ބަލިވެ އިޓަލީ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ހަގީގީ ބިރާ ކުރިމަތިވެއްޖެ އެވެ.

ދެ ވަނަ ލެގުގައި ހޯމަ ދުވަހުގެރޭ މިލާނުގެ ސެންސީރޯގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ސްވިޑަން އަށް އޮތުމާ އެކު އިޓަލީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެ މެޗުން އިޓަލީ 2-1 އިން މޮޅުވިޔަސް ފުރުސަތު އޮންނާނީ ސްވިޑަން އަށެވެ.

ރޭގެ މެޗުގައި ސްވިޑަންގެ ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި ޖެހީ ޔަކޫބް ޔޮހަންސަން އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ އިޓަލީގެ ޑެނިއަލް ޑި ރޮސީގެ ފައިގައި ޖެހިފަ އެވެ. އިޓަލީން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުގެ ދެ ހަމަލައެއް ގޯލް ދަނޑިއަށް އަމާޒުވި އެވެ. އެކަމަކު ޖުމްލަކޮށް ބަލާއިރު އެ ޓީމަށް މާގިނަ ހަމަލާތަކެއް ނުއުފެއްދުނެވެ.

ދެ ވަނަ ލެގަށް ނުކުންނައިރު އިޓަލީ އަށް އޮތް ކަންބޮޑުވުމަކީ މުހިއްމު މިޑްފީލްޑަރު މާކޯ ވެރާޓީ ސަސްޕެންޑްވެފައިވުމެވެ. އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނީ ބަދަލުތަކެއް ފެންނާނެ ކަމަށެވެ. އެކަމަކު އޭނާ ބުނީ ކުޅޭ ސިސްޓަމް އެއް ފަރާތް ކުރަން ޖެހޭ ކަމަށެވެ. އަދި މި ވަގުތު އެންމެ މުހިއްމީ ކުޅުންތެރިން ވަރަށް ވަރުގަދަ އަޒުމަކާ އެކު ކުޅުން ކަމަށެވެ.

ޕްލޭއޮފުގައި އިޓަލީ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ސްޕެއިނާ ވާދަކޮށް ގްރޫޕުގެ އެެއް ވަނަ ނުލިބުމުންނެވެ. ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީ ނެތި އެންމެ ފަހުން ވޯލްޑް ކަޕެއް ކުޅުނީ ސްވިޑަންގައި 1958 ވަނަ އަހަރެވެ. ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބެމެ ވޯލްޑް ކަޕުން އިޓަލީ އަށް ޖާގަ ނުލިބިއްޖެ ނަމަ އެއީ އެ ގައުމުގެ ފުޓްބޯޅައަށް ކުރިމަތިވާނެ ބޮޑު މައްސަލައަކަށް ވާނެ އެވެ. ރޭގެ ނަތީޖާއާ އެކު އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނީ ކޯޗު ވެންޗޫރާ އަށެވެ. ކްލަބް ލެވެލްގައި މާބޮޑު ކާމިޔާބެއް ނެތް ކޯޗަކާ އިޓަލީ ހަވާލުކުރުމުން އެންމެ ފުރަތަމަ ވެސް ފާޑުކިއުން އަމާޒުވި އެވެ.