Roadha Mihaaru
އިޓަލީ ޓީމުން ޕިރްލޯ އާއި ބަލޮޓެލީ އަށް ޖާގައެއް ނެތް

އިޓަލީ ސްކޮޑުން ޕިރްލޯ އާއި ބަލޮޓެލީ އަށް ޖާގައެއް ނެތް

24 މެއި 2016

ރޯމް (މޭ 24) - ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އާއި މައްސަލަ ބޮޑު ފޯވާޑް މާރިއޯ ބަލޮޓެލީ ނުހިމަނައި، ޔޫރޯ އަށް އިޓަލީ ސްކޮޑް އިއުލާންކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރޯމް (މޭ 24) - ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އާއި މައްސަލަ ބޮޑު ފޯވާޑް މާރިއޯ ބަލޮޓެލީ ނުހިމަނައި، ޔޫރޯ އަށް އިޓަލީ ސްކޮޑް އިއުލާންކޮށްފި އެވެ.

އިޓަލީގެ ގައުމީ ކޯޗު އެންޓޯނިއޯ ކޮންޓޭ ނެގި 30 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުން ޕިރްލޯ އަށް ފުރުސަތު ނުލިބުނު އިރު، އޭނާ އަށް އެންމެ ފަހުން ފުރުސަތު ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހު ކޮލިފައިންގައި ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުންނެވެ.

އުމުރުން 37 އަހަރުގެ ޕިރްލޯ އަކީ 2002 ވަނަ އަހަރުން ފެށިގެން އިޓަލީގެ ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. އުމުރުން ދުވަސްވީ ނަމަވެސް ފާއިތުވި އަހަރުތަކުގައި ޔުވެންޓަސްގައި ވެސް ޕިރްލޯ ވަނީ އޭނާގެ މޮޅު ކުޅުން ދައްކައިފަ އެވެ. އަދި ޔުވެންޓަސް ދޫކޮށް ނިއުޔޯކަށް ބަދަލުވި ފަހުން ވެސް ޕިރްލޯ ވަނީ ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ.

އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރު މާކޯ ވެރާޓީ: އަނިޔާގެ ސަބަބުން މި ފަހަރު ޔޫރޯގައި ނުކުޅޭނެ. -- ފޮޓޯ: އޭއެފްޕީ

އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރު މާކޯ ވެރާޓީ: އަނިޔާގެ ސަބަބުން މި ފަހަރު ޔޫރޯގައި ނުކުޅޭނެ. -- ފޮޓޯ: އޭއެފްޕީ

އިޓަލީ ގައުމީ ޓީމާ ކޮންޓޭ ހަވާލުވި ފަހުން، ލޯން އެއްބަސްވުމުގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ ލިވަޕޫލްގެ ފޯވާޑް ބަލޮޓެލީ އަށް ޓީމުން ޖާގަ ލިބުން ވަނީ ދަތިވެފަ އެވެ.

ޕްރޮވިޝަނަލް ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންނަށް ބަލާއިރު ވެސްޓް ހޭމްގެ ޑިފެންޑަރު އެންޖެލޯ އޮގްބޯނާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ މަޓެއޯ ޑާމިއާން އަދި ސައުތެމްޓަންގެ ގްރަޒިއާނޯ ޕެލޭ ހިމެނެ އެވެ.

އަނިޔާގެ ސަބަބުން މި ފަހަރު އިޓަލީ ޓީމުގެ މުހިއްމު ދެ މިޑްފީލްޑަރަކު ވަނީ ޓީމުން ބާކީކޮށްފަ އެވެ. ޕީއެސްޖީގެ މާކޯ ވެރާޓީ އާއި ޔުވެންޓަސްގެ ކްލައުޑިއޯ މާޗީސިއޯ އަށް ކްލަބަށް ކުޅެނިކޮށް ލިބުނު އަނިޔާއާ ގުޅިގެން ޔޫރޯގައި ކުޅުމުގެ ފުރުސަތު ގެއްލުނުއިރު މި ދެ ކުޅުންތެރިންނަކީ ކޮންޓޭގެ އިތުބާރު ލިބިފައިވާ ދެ ކުޅުންތެރިންނެވެ.

ޔޫރޯގައި ވާދަކުރާ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކުރަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މި މަހު 31 އެވެ. ޔޫރޯގައި އިޓަލީ އޮތީ ބެލްޖިއަމް އާއި ސްވިޑަން އަދި ރިޕަބްލިކް އޮފް އަޔަލެންޑާ އެކު ގްރޫޕް އީގަ އެވެ.