Roadha Mihaaru
ބޭލް އާއި ރޮނާލްޑޯ ނެތި އިސްކޯ ތަފާތު ދައްކައިފި

ބޭލް އާއި ރޮނާލްޑޯ ނެތި އިސްކޯ ތަފާތު ދައްކައިފި

16 އެޕްރީލް 2018

މެޑްރިޑް (އޭޕްރީލް 16) - ސްޕެނިޝް ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލް ނުލައި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އިސްކޯ ދެއްކި މޮޅު ކުޅުމާ އެކު މަލާގާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޭޕްރީލް 16) - ސްޕެނިޝް ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލް ނުލައި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އިސްކޯ ދެއްކި މޮޅު ކުޅުމާ އެކު މަލާގާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ރެއާލް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ކުރިން ތިން ވަނައިގައި އޮތް ވެލެންސިއާ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބާސެލޯނާ އަތުން ބަލިވުމުންނެވެ. ރެއާލް ތިން ވަނަ އަށް ޖެހިލީ 32 މެޗުން 67 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 32 މެޗުން 65 ޕޮއިންޓް ލިބިފަ އެެވެ.

ރޭގެ މެޗަށް ރެއާލުން ނުކުތީ ބޭލް އާއި ރޮނާލްޑޯ އަށް އަރާމްކުރަން ފުރުސަތު ދިނުމަށް ފަހު އާއްމުކޮށް ޓީމުން ފުރުސަތު ނުލިބޭ ކުޅުންތެރިން ހިމަނައިގެންނެވެ. ރެއާލަށް ލީޑު ލިބުނީ މެޗުގެ 29 މިނިޓްގައި އިސްކޯ ޖެހި ހިލޭ ޖެހުމަކުންނެވެ. ލަނޑު ޖެހުމަށް ފަހު އިސްކޯ އުފާފާޅެއް ނުކުރެ އެވެ. އެއީ މަލާގާ އަކީ އޭނާ ކުރިން ކުޅުނު ކްލަބް ކަމަށްވުމުންނެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ އިސްކޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ.

ލީގުގެ އެންމެ ފުލުގައި އޮތް މަލާގާގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ އުރުގުއާއީގެ ފޯވާޑް ޑިއޭގޯ ރޮލާން އެވެ.

ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި ރޭ ލެވާންޓޭ އަތުން 3-0 އިން މޮޅުވެފަ އެވެ. އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކުރީ އެންހެލް ކޮރެއާ އާއި ފެނާންޑޯ ޓޮރޭޒް އަދި އެންޓޮއިން ގްރީޒްމަން އެވެ.

މި މެޗުގައި ޓޮރޭޒް ޖެހި ގޯލަކީ އޭނާ ސްޕެނިޝް ލީގުގައި ޖެހި 100 ވަނަ ގޯލެވެ. ކުރިން ލިވަޕޫލާއި ޗެލްސީ އަދި އޭސީ މިލާނަށް ކުޅުނު އުމުރުން 34 އަހަރުގެ ޓޮރޭޒް މި ސީޒަނަށް ފަހު އެތުލެޓިކޯ ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. ޓޮރޭޒް ދެން ގުޅޭނީ ޗައިނާ ނޫނީ އެމެރިކާ ލީގުގެ ކްލަބަކާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.