Roadha Mihaaru
ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް

ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް ބަދަލުކޮށްފި

25 މާޗް 2018

މާލޭގެ ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މާލެ ތެރެ އަށް ގުދަންކުރަން ގެންދާ މުދާ ދޫކުރުން، ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާ އެއްގޮތަށް ހަމައެކަނި ރޭގަނޑަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން ބަދަލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގެ ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މާލެ ތެރެ އަށް ގުދަންކުރަން ގެންދާ މުދާ ދޫކުރުން، ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާ އެއްގޮތަށް ހަމައެކަނި ރޭގަނޑަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން ބަދަލުކޮށްފި އެވެ.

ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ގެނައި ބަދަލާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ ބަދަލާ ގުޅިގެން މާލެ ތެރެއަށް ލޮރީތަކުން މުދާ އުފުލުން މަޑުޖައްސާލި ނަމަވެސް އެ ތަނުގެ ޖެޓީން ދޯނިތަކަށް ބަރުކޮށްގެން ގެންދިއުމަށް ހުރަހެއް ނޯންނާނެ ކަމަށެވެ. އެގޮތުން ހެދުނު 8:00 ން ހަވީރު 6:00 އާ ހަމަޔަށް ދޯނިފަހަރަށް މުދާ ބަރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހައެއްޖަހާއިރު ދޯނިތަކަށް ނުނިމޭ ނަމަ އެ ދުވަހަކަށް ނޯޓުކޮށްފައި ހުރި ހުރިހާ މުދަލެއް ނިމެންދެން އަޅުގަނޑުމެން ކުރިޔަށް ގެންދާނަން. ގަވައިދަށް ގެންނެވި ބަދަލާ ގުޅިގެން ދުވާލު ގަޑީގައި ލޮރީ ވައްދައިގެން މުދާ ނެރުމުގެ ކަންތައް މަޑުޖެހެނީ. އެއާއެކު ރޭގަނޑު ދިހައެއް ޖަހާއިރު މަގުތަކަށް ލޮރީތައް ނުކުމެވޭ ގޮތަށް އަޅުގަނޑުމެން ރާވާފައި މިވަނީ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަނދަރު ސަރަހައްދުން މުދާ ހިފައިގެން ދަތުރުކުރާ ލޮރީތައް ރޭގަނޑު ވައްދަން ފަށާނީ ނުވައެއް ޖަހާއިރު ކަމަށެވެ. އެގޮތުން ފަތިހު 5:00 އާ ހަމަޔަށް އެމްޕީއެލް އިން މުދާ ދޫކުރާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް އަދި ލޮރީތައް ދުއްވާ ޑްރައިވަރުންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް އަންނަ އެންމެ ބޮޑު ޝަކުވާއަކީ މާލޭގެ ކާރޫބާރު ބޮޑު ގަޑިތަކުގައި ބޮޑެތި ލޮރީތައް ދުއްވާއިރު އެ މީހުންނަށް ވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަން. އެއް ދަތުރު ނިންމާލަން އެއް ގަޑިއިރާއި ދެ ގަޑިއިރާ ދެމެދު ވަގުތު ނަގާ ކަމަށް އެ ބޭފުޅުން ވިދާޅުވޭ. އޭގެ ސަބަބުން ލޮރީ ދަތުރުގެ އަގު ވެސް ބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ގުދަންކުރަން ގެންދާ މުދާ ރޭގަނޑު ދޫކުރާ ގޮތަށް ހަމަޖެހުމުން އެ ކުންފުންޏަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން އެމްޕީއެލްގެ ހުރިހާ ވަސީލަތެއް ވެސް ބޭނުންކުރަން ފުރުސަތު ލިބުމުން ހިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ޓީ ޖެޓީން ވެސް މުދާ ނެރެވޭނީ ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައިވާ ގަޑީގައި ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ވިޔަފާރިވެރިންނާ މަޝްވަރާކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ މުދަލާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި ބޯ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫން ވެސް އެފަދަ ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 ން ހެނދުނު 6:00 އާ ދެމެދު ކަމަށް ހަމަޖައްސައިފަ އެވެ.

އެ އޮތޯރިޓީގެ އާ އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރު ކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 ން ހެނދުނު 6:00 އާ ދެމެދު އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑުރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.