25 މާޗް 2018
ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާ ގުޅިގެން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާ ގުޅިގެން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ ބޯ ފެނާއި އެހެނިހެން ބުއިންތަކާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި އެ ނޫން ވެސް ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.
އާ އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރުކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.
މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ މުދާ ހޯސޭލްކޮށް ސަޕްލައިކުރާ ފިހާރަތަކާއި ފެން ވިއްކާ ކުންފުނިތަކުންނެވެ. ބައެއް ވިޔަފާރިވެރިން ބުނީ މިހާރު ހަމަޖައްސާފައިވާ ގަޑިތަކުގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު ދަައްޗަކަށް ވާނެ ކަމަށެވެ.
ބާޒާރުމަތީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިޔަކު، ނަން ނުޖެހުމަށް އެދި ވާހަކަދައްކަވަމުން، ވިދާޅުވީ ދަންވަރު ގަޑީގައި ފިހާރަތައް ހުޅުވައިގެން މަސައްކަތްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ދަންވަރު ފިހާރަތައް ހުޅުވައިގެން މަސައްކަތްކުރަން ޖެހިއްޖެ ނަމަ ތަކެތީގެ އަގު ވެސް އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭގަނޑު ފިހާރަތައް ހުޅުވައިގެން މުދާ ސަޕްލައިކުރަން ޖެހިއްޖެ ނަމަ ތަކެތީގެ އަގަށް ބަދަލު އަންނާނެ. އަދި މިގޮތަށް ދާއިމަށް ކުރިޔަށް ގެންދިއުމަކީ ދަތި ކަމަކަށް ވާނެ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
"މިއަށް ވުރެ ރަނގަޅު ހައްލެއް ހޯދަން ސަރުކާރުން ވިޔަފާރިވެރިންނާ މަޝްވަރާކުރަން ޖެހޭ."
އޭނާ ވިދާޅުވީ ހަމައެކަނި ރޭގަނޑު މުދާ ސަޕްލައިކުރެވޭ ގޮތަށް ހަދައިފި ނަމަ ދުވާލު ގަޑީގައި ބާޒާރުމަތި ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
"ރޭގަނޑު ސަޕްލައިކުރާ ނަމަ ބާޒާރުމަތީ ފިހާރަތަކުގެ އިތުރުން ރަށުތެރޭގެ ފިހާރަތައް ވެސް ހުޅުވައިގެން ތިބެން ޖެހެނީ. އަޅުގަނޑަށް ހިއެއްނުވޭ ސަރުކާރުން މިގޮތަށް ބާއްވާނެހެނެއް. ސަރުކާރުގެ ބޭނުމަކަށް ވެސް ވާނީ ވީހާ ވެސް ރައްޔިތުންނަށް ފަސޭހަކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
އެ ވިޔާރިވެރިޔާ ވިދާޅުވީ މާލެ ތެރޭގައި ގުދަން ހުރުމުން ދުވާލު ގަޑީގައި މުދާ އުފުލުމަކީ ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަން ޖެހެނީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ވިދާޅުވި އެވެ.
"މި މައްސަލައަށް ހައްލެއް ގެނެވޭނީ ބްރިޖް ހުޅުވުނީމަ. މިހާރު ވެސް ގިނަ ފިހާރަތަކުން ބޮޑެތި ގުދަންތައް ހުޅުމާލޭގައި ހަދާފައި އެބަހުރި. އޭރުން ލޮރީތަކަށް މުދާ އަރުވައިގެން ދުވާލު ގަޑީގައި ދުއްވުން ހުއްޓުމަކަށް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ރިސޯޓުތަކުގެ މުދާ ހުޅުމާލެ ޖެޓީން އަރުވައިގެން ގެންދާނެ."
އެހެން ވިޔަފާރިވެރިޔަކު ވިދާޅުވީ މާލެތެރޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރެވޭނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ވެހިކަލްތައް އެތެރެކޮށް ވިއްކުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
"އަޅުގަނޑުމެން ވެސް ބޭނުން މާލެތެރޭގައި ދުއްވުން ވީހާ ވެސް މަދުކުރަން. އެކަމަކު މާލޭގެ މަގުތައް ތޮއްޖެހިފައި ހުރީ މުދާ އުފުލާ ލޮރީތަކުން ނޫން،" އޭނާ ވިދާޅުވި އެވެ.
"ސައިކަލްތަކާއި ކާރުތަކުން މުޅި މާލެ މިވަނީ ތޮއްޖެހިފައި. އެކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅައިގެން ނޫނީ މިކަމަށް ރަނގަޅު ހައްލެއް ނުލިބޭނެ."
އެ ވިޔަފާރިވެރިޔާ ވިދާޅުވީ މާލެ ތެރޭގައި އެ ކުންފުނިން ތަފާތު ތިން ސަރަހައްދެއްގައި ހުންނަ ގުދަންތަކުން ބާޒާރުމަތީގެ ފިހާރަތަކަށް މުދާ ސަޕްލައިކުރަން ކުރިން ދުވާލަކު 25 ދަތުރުކުރި ނަމަވެސް މިހާރު ކުރެވެނީ ދެތިން ދަތުރުކުރު ކަމަށެވެ.
"އަޅުގަނޑުމެންނަށް ދަތުރުތައް ކުރެވޭނެ އިތުރު ގޮތެއް ނެތިގެން އެތައް ގުނައެއް ބޮޑު އަގުގައި ބާޒާރުމަތިން ގުދަންތައް މިހާރު ކުއްޔަށް ނަގައިގެން މިއުޅެނީ. ޓްރެފިކްގެ މައްސަލަ އިންތިހާއަށް ބޮޑުވުމުން ވިޔަފާރިވެރިންނަށް ވެސް އިންތިހާއަށް އުނދަގޫތަކާ ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.
ބާޒާރުމަތީ ފިހާރައަކަށް މުދާ ބާލަނީ: ދެން މުދާ އުފުލޭނީ ރޭނގަނޑު! --މިހާރު ފައިލް ފޮޓޯ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެން ބަންދުކޮށްގެން ވިއްކާ ހެޕީ މާކެޓުގެ ސީއީއޯ އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައިވާ ގަޑިތަކުގައި ފެން ސަޕްލައިކުރުން ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
"ފިހާރަތައް ރޭގަނޑު ދިހައެއް ޖަހާއިރު މިހާރު ބަންދުކުރާނެ. އެކަމަކު މިހާރު ހަމަޖެއްސި އުސޫލުން ފެން ވިއްކަން ރޭގަނޑު ދަންވަރު ފިހާރަތައް ހުޅުވައިގެން ތިބެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އޮޕަރޭޝަން ވެސް ޖެހޭނީ ރޭގަނޑަށް ބަދަލުކުރަން. އެގޮތަކަށް އެކަމެއް ކުރިޔަކަށް ނުގެންދެވޭނެ."
އިހުސާން ވިދާޅުވީ މާލޭގެ މަގުތައް ތޮއްޖެހިފައި އޮންނައިރު، އެ ކުންފުނީގެ ލޯގޯ ޖަހާފައިވާ ލޮރީއެއްގައި ފެން ކޭސް ސަޕްލައިކުރަން މަޑުކުރުމުން ފަހަތުގައި ބޮޑު ކިޔޫއެއް އޮންނަން ބޭނުންނުވާ ކަމަށެވެ. އެކަމަކު އެ މައްސަލައަށް ހައްލެއް ހޯދަން މިހާރަށް ވުރެ ރަނގަޅު ގޮތެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ބަދަލުތައް ގެނައީ ވިޔަފާރިވެރިންނާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"ވިޔަފާރިތަކަށް ވެސް އޮތް ކަންބޮޑުވުމެއް [ދަތުރުތައްކުރަން އުނދަގޫވުމަކީ]. އަޅުގަނޑުމެން ވިޔަފާރިވެރިންނާ މަޝްވަރާކުރިން. މިއިން ދިމާވާނެ ދަތިތަކާއި ގެއްލުންތައް ފޫބެއްދުމާ ބެހޭ ގޮތުން ދެ ފަރާތް ގުޅިގެން ކުރިޔަށް އޮތް ތަނުގައި ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު،" އޭނާ ވިދާޅުވި އެވެ.
ތައުފީގް ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން އަދިވެސް ވިޔަފާރިވެރިންނާ މަޝްވަރާކުރައްވާނެ ކަމަށެވެ.
މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން މިހާރު ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މާލެ ތެރެއަށް ގުދަންކުރަން ގެންދާ މުދާ ދޫކުރުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމައެކަނި ރޭގަނޑަށް ހަމަޖައްސައިފަ އެވެ.
މުދާ އުފުލައިދޭ ލޮރީތަކާއި މަޖޫރީންގެ އަގަށް ވެސް، އެމްޕީއެލްގެ މި ބަދަލާ އެކު، ބަދަލުތަކެއް އަތުވެދާނެ ކަމަށް ބައެއް ލޮރީ ޑްރައިވަރުން ބުނެ އެވެ.
"ރޭގަނޑު ދަތުރުކުރާ ނަމަ މިހާރު ވެސް ނަގާ އަގު ބޮޑުވާނެ. އެކަމަކު މިހާރު މި ހަމަޖެއްސި އުސޫލުން އަޅުގަނޑުމެން ވެސް ޖެހޭނީ އޮޕަރޭޝަން މުޅިން ރޭގަނޑަށް ބަދަލުކުރަން. އެކަމަކު އެކަން އަންނަ މަހަށް ފަސްކުރުމުން އަދި އަގުތަކަށް ގެންނާނެ ބަދަލުތައް މުޅިން ނުނިމޭ،" އޭނާ ބުންޏެވެ.
އެމްޕީއެލް ސަރަހައްދުގައި ހުންނަ ކޮންޓެނައިރުން މުދާ ނެރެގެން ގެންދާ ނަމަ ދުވާލު ގަޑީގައި ލޮރީތަކުން ޗާޖުކުރަނީ ގަޑިއަކަށް 480ރ. އެވެ. ޕިކަޕެއް ނަމަ 360ރ. ނަގަ އެވެ. އެކަމަކު ރޭގަނޑު 11ގެ ފަހުން ނަމަ އެ އަގު 600ރ. ބޮޑުވެ އެވެ.
"ބައެއް ޑްރައިވަރުން މިހާރު ވެސް އެބަ ބުނޭ ދެ ގުނަ އަގުބޮޑުކުރަން ޖެހޭ ކަމަށް. އެއީ ދުވާލު ގަޑީގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ މިހާރު [މި ހެދި] އުސޫލުން. އެހެންވީމަ އަގުތައް ވަރަށް އަވަހަށް ފައިނަލްކުރާނަން،" އެ ޑްރައިވަރު ބުންޏެވެ.
އެމްޕީއެލް ސަރަހައްދުން މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެ ކުންފުނީގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ އެމްޕީއެލްގެ އުސޫލުގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް އަދި ލޮރީތައް ދުއްވާ ޑްރައިވަރުންނަށް ވެސް ލިބޭނީ ފަސޭހަތަކެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އަންނަ އެންމެ ބޮޑު ޝަކުވާއަކީ މާލޭގެ ކާރޫބާރު ބޮޑު ގަޑިތަކުގައި ބޮޑެތި ލޮރީތައް ދުއްވާއިރު އެ މީހުންނަށް ވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަން. އެއް ދަތުރު ނިންމާލަން އެއް ގަޑިއިރާއި ދެ ގަޑިއިރާ ދެމެދު ވަގުތު ނަގާ ކަމަށް އެ ބޭފުޅުން ވިދާޅުވޭ،" ހަލީމް ވިދާޅުވި އެވެ.
"އޭގެ ސަބަބުން ލޮރީ ދަތުރުގެ އަގު ވެސް ބޮޑުވޭ."
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި
ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް
މިދިޔަ އަހަރު 15،500 އެއްހާ ސައިކަލް އެތެރެކުރި
ވެހިކަލްގެ މުއްދަތާބެހޭ ދިރާސާ ހަދަން އައިޔޫއެމްއަށް
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
ރޯދަ މުދަލާ އެކު ޓީޖެޓީއަށް ބާރު ބޮޑުވެ މަގު ބަންދު
ޖަރުމަނުގައި ޕަބްލިކް ޓްރާންސްޕޯޓަށް މަހަކު 9 ޑޮލަރު
އެމްޕީއެލްގެ އެކްސިޑެންޓްތަކުގައި ބޮޑެތި އިހުމާލުތައް