Roadha Mihaaru
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި

ތޮއްޖެހުން ކުޑަކުރަން މާލެ، ހުޅުމާލޭގެ މަގުތަކުން 108 އުޅަނދު ނަގައިފި

25 ފެބުރުއަރީ 2024

މާލެ ސަރަހައްދުގެ ތޮއްޖެހުން ބޮޑުވެ، ބޭނުންނުކޮށް ހުރި އުޅަނދުތައް މާލެ އާއި ހުޅުމާލޭގެ މަގުތަކުން ނެގުމުގެ މަސައްކަތްކުރަމުން އަންނައިރު މިހާތަނަށް 108 އުޅަނދެއް ނަގާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ ސަރަހައްދުގެ ތޮއްޖެހުން ބޮޑުވެ، ބޭނުންނުކޮށް ހުރި އުޅަނދުތައް މާލެ އާއި ހުޅުމާލޭގެ މަގުތަކުން ނެގުމުގެ މަސައްކަތްކުރަމުން އަންނައިރު މިހާތަނަށް 108 އުޅަނދެއް ނަގާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެއްގަމުގައި ދުއްވާ އުޅަނދުތައް ގިނަވެ މަގުތަކުގައި ތޮއްޖެހުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ވާތީ، އެ މިނިސްޓްރީން ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ހައްލެއް ހޯދުމަށް އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ ހަފުތާގައި އެކަނި ވެސް މާލެ އާއި ހުޅުމާލޭގެ މަގުތަކުން 52 އުޅަނދު ނަގާފައިވާ ކަމަށެވެ. މިހާތަނަށް ޖުމްލަ 108 އުޅަނދު ނަގާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ނިންމާފައި ވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން އެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށެވެ.

ފުރަތަމަ މަރުހަލާގައި ކުރާ މަސައްކަތް:

- މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތަކުގެ ބައިތައް މަގުތަކުން ނެގުން.

- އުޅަަނދު ނައްތާލަން ވޮލެންޓިއާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން.

- ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ޓޯ ކުރުން.

- ރަޖިސްޓަރީ ނުކޮށް މަގުމަތީ ބަހައްޓާފައިވާ އުޅަނދުތައް ނެގުން.

ވެހިކަލްތަކުން މާލޭގެ މަގުތައް އާދަޔާ ހިލާފަށް ތޮއްޖެހިފައިވާއިރު، މިހާރު ވަނީ ގަވާއިދާ ހިލާފަށް ދުއްވާ އުޅަނދުގައި ސްޓިކާ ވެސް ޖެހުން ހުއްޓާލައިފަ އެވެ. އެއާ އެކު، މީހުން ހިތު ހުރި ގޮތަކަށް މަގުތަކުގައި ދަނީ ޕާކުކުރަމުންނެވެ.