Roadha Mihaaru
ރޯދަ މުދަލާ އެކު ޓީޖެޓީއަށް ބާރު ބޮޑުވެ މަގު ބަންދު

ރޯދަ މުދަލާ އެކު ޓީޖެޓީއަށް ބާރު ބޮޑުވެ މަގުގައި ޓްރެފިކް ތޮއްޖެހިއްޖެ

01 މާޗް 2023

މުދާ އުފުލާ ވެހިކަލްތަކަށް ޓީޖެޓީއަށް ނުވަދެވި، މާލެ ބޭރު މަގުގައި ޓްރެފިކް ތޮއްޖެހިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މުދާ އުފުލާ ވެހިކަލްތަކަށް ޓީޖެޓީއަށް ނުވަދެވި، މާލެ ބޭރު މަގުގައި ޓްރެފިކް ތޮއްޖެހިއްޖެ އެވެ.

ޓީޖެޓީއަށް ވެހިކަލް ވަންނަ ގޭޓުން ފެށިގެން ބޮޑުތަކުރުފާނު މަގުގައި ވިލާ ކޮލެޖާ ހަމައަށް ޓްރެފިކް ކިޔު ޖެހުނެވެ. އެ ބަނދަރަށް ވަންނަން ދާ ވެހިކަލްތަކާއި އާންމުންގެ ވެހިކަލްތަކާއި އަދި ބަސްތަކަށް ވެސް ދަތުރު ނުކުރެވި އެ ސަރައްހަދު އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވެފައި ވަނީ އަންނަ ރޯދަމަހަށް މުދާ ސަޕްލައި ކުރާ ދޯނިތަކަށް މުދާ އަރުވަން ދާ ގިނަ އަދަދެއްގެ ވެހިކަލްތައް ޓީޖެޓީއަށް ނުވަދެވި، މަގުމަތީގައި ކިއުގައި ހަދަން ޖެހިގެން ކަމަށެވެ.

މުދާ އުފުލާ ވެހިކަލްތަކަށް ޓީޖެޓީއަށް ނުވަދެވި، މާލެ ބޭރު މަގުގައި ޓްރެފިކް ތޮއްޖެހިފައި. -- ފޮޓޯ: މިހާރު

މުދާ އުފުލާ ވެހިކަލްތަކަށް ޓީޖެޓީއަށް ނުވަދެވި، މާލެ ބޭރު މަގުގައި ޓްރެފިކް ތޮއްޖެހިފައި. -- ފޮޓޯ: މިހާރު

އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ބަނދަރަށް މުދާ ހުސްކުރަން ދާ ވެހިކަލްތައް މިއަދު ވަރަށް ބޮޑަށް އިތުރުވެ، ބަނދަރަށް ބާރުބޮޑުވެފައިވާ ކަމަށެވެ.

އެމްޕީއެލުން ވަނީ ޓީޖެޓީ އާއި ނޯތު ހާބަރުގެ ޓެރިފްއަށް ވެސް މިއަދުން ފެށިގެން ބަދަލު ގެނެސްފަ އެވެ. ކުރިން ޓީޖެޓީއަށް ވަންނަ ވެހިކަލްތަކުން ދުވާލަކަށް ނަގަނީ 10ރ. އެވެ. އެކަމަކު މިއަދުން ފެށިގެން ނަގާނީ، ބަނދަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރަކަށް 5ރ. އެވެ.

އަމީނީ މަގުގައި ތާރު އަޅަން އެ މަގުގެ ބައެއް ބަންދުކޮށްފައި އޮންނާތީ މި ދުވަސްވަރު މާލޭގެ އެހެން ސަރަހައްދުތަކުގައި ވެސް ވަރަށް ބޮޑަށް ޓްރެފިކް ބާރުބޮޑުވެ އެވެ.