Roadha Mihaaru
ހަވީރު 6 ގެ ފަހުން ވެސް ތޮއްޖެހުމެއް ނުފެނުނު

ހަވީރު 6 ގެ ފަހުން ވެސް ތޮއްޖެހުމެއް ނުފެނުނު

02 އެޕްރީލް 2018

މާލެތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން އެއް ބަޔަކަށް ހީވީ އިއްޔެގެ ހަވީރު ހައެއްގެ ފަހުން ޓްރެފިކް އާދަޔާ ޚިލާފަށް ބާރު ބޮޑުވެ، މަގުތައް ވަރަށް ބޮޑަށް ތޮއްޖެހޭނެ ކަމަށެވެ. ދުވާލު ގަޑީގައި މަގުތަކަށް ލިބުނު ލުއި ރޭ އަނެއްކޮޅަށް ޖަހާލައި މަގުމަތި ހަލަބޮލި ވެދާނެ ކަމަށް ހީކުރި މީހުން މަދެއް ނޫނެވެ. ނަމަވެސް އިއްޔެގެ ހަވީރު ހައެއްގެ ފަހުން މާލޭގެ މަގުތަކުން އެހެން ދުވަސް ދުވަހާ މާ ބޮޑު ތަފާތެއް ފެންނާކަށް ނެތެވެ. އެއް ފަހަރާ ޕިކަޕް/ ލޮރީތައް ނުކުމެ މުދާ ބަރުކޮށް، ޑެލިވަރީ ފެށުމުން ކުޑަ ވަގުތުކޮޅަކަށް ބާރު ބޮޑުވި ނަމަވެސް އެކަން މާ ގިނަ ވަގުތަކު ނެތެވެ.

މާލެތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން އެއް ބަޔަކަށް ހީވީ އިއްޔެގެ ހަވީރު ހައެއްގެ ފަހުން ޓްރެފިކް އާދަޔާ ޚިލާފަށް ބާރު ބޮޑުވެ، މަގުތައް ވަރަށް ބޮޑަށް ތޮއްޖެހޭނެ ކަމަށެވެ. ދުވާލު ގަޑީގައި މަގުތަކަށް ލިބުނު ލުއި ރޭ އަނެއްކޮޅަށް ޖަހާލައި މަގުމަތި ހަލަބޮލި ވެދާނެ ކަމަށް ހީކުރި މީހުން މަދެއް ނޫނެވެ. ނަމަވެސް އިއްޔެގެ ހަވީރު ހައެއްގެ ފަހުން މާލޭގެ މަގުތަކުން އެހެން ދުވަސް ދުވަހާ މާ ބޮޑު ތަފާތެއް ފެންނާކަށް ނެތެވެ. އެއް ފަހަރާ ޕިކަޕް/ ލޮރީތައް ނުކުމެ މުދާ ބަރުކޮށް، ޑެލިވަރީ ފެށުމުން ކުޑަ ވަގުތުކޮޅަކަށް ބާރު ބޮޑުވި ނަމަވެސް އެކަން މާ ގިނަ ވަގުތަކު ނެތެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައިވާ ގޮތުން ނަމަ، މާލެތެރޭގައި މުދާ އުފުލޭނީ ހަވީރު ހަޔަކުން އަނެއް ދުވަހުގެ ހެނދުނު ހަޔަކާ ހަމައަށެވެ. ނަމަވެސް ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދުގައި ކައްކާ ގޭސް ވެހިކަލްގައި އުފުލޭނެ އެވެ.

މި އުސޫލަށް އިއްޔެ އަމަލުކުރަން ފެށުމުން ފުރަތަމަ ދުވަހު ވެސް މާލޭގެ ޓްރެފިކަށް ވަރަށް ބޮޑަށް އެނގުން ވި ކަން ފާހަގަކުރެވުނެވެ. އާންމުކޮށް ކާރޫބާރޫ ބޮޑު މަގުތައް އަދި ޚާއްސަކޮށް ސްކޫލްތައް ނިމޭ ގަޑީގައި މަގުތަކުގެ ޓްރެފިކްގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވި ތަން ފެނުނެވެ.

އިއްޔެގައި މުދާ އުފުލަން ފެށި ވަގުތު (ހަވީރު 6:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް) މާރުކޭޓު ސަރަހައްދުގެ ކާރޫބާރޫ ބޮޑުވި އެވެ. ދުވާލު ގަޑީގައި މުދާ އުފުލޭ ގޮތަށް އަމަލުކުރިއިރު، އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމާ މާ ބޮޑު ތަފާތެއް އެ ވަގުތަކު ނުފެނުނެވެ. ނަމަވެސް އޭގެ ފަހުން އެ ސަރަހައްދު ވެސް ވަނީ އަމާންވެ، އެއްވެސް ދައްޗަކާ ނުލައި ވެހިކަލް ދުއްވާލެވޭ ވަރު ވެފަ އެވެ.

ދުވާލު ގަޑީގައި ޓްރެފިކް ބާރު ބޮޑު މަގުތަކުގެ ގޮތުގައި ފާހަގަ ކުރެވޭ، ފަރީދީ މަގާއި ޗާންދަނީ މަގުގެ އިތުރުން އޯކިޑް މަގުގެ ޓްރެފިކް ވެސް އެހެން ރޭރެ އެކޭ ރޭގައި ދާދިއެއް ގޮތެވެ. އަދި މަޖީދީ މަގުން ވެސް މާ ބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެ އެވެ. ފެން އުފުލާ ވެހިކަލްތައް ޑެލިވަރީ އަށް ފިހާރަތައް ކައިރި އަށް މަޑުކުރުމުން، މާލެތެރޭގެ ބައެއް ގޯޅިތަކުގައި ކޮންމެވެސް ވަރަކަށް ޓްރެފިކަށް ދަތިތަކެއް ކުރިމަތިވި އެވެ. އެކަމަކު އެކަމުން ވެސް މާ ބޮޑު އަސަރެއް ނުކުރެ އެވެ.

"އަޅުގަނޑު ހީކުރީ ކުއްލިއަކަށް ހުރިހާ އެއްޗެއް [މުދާ އުފުލާ ވެހިކަލްތައް] ނުކުތީމަ މަގުތައް ފުރޭނެ ކަމަށް. އެކަމު އެހެން ރޭ ރެއާ މާ ބޮޑު ތަފާތެއް އަދި ފާހަގައެއް ނުވޭ،" ފަރީދީ މަގުގައި، ސައިކަލެއްގައި މަޑު ކޮށްލައިގެން ހުރި މީހަކު ބުންޏެވެ.

މުދާ އުފުލޭ ގަޑި ބަދަލު ކުރުމާ ގުޅިގެން އާންމުން އެކަމާ މެދު ދެކޭ ގޮތް ވެސް ތަފާތެވެ. ބައެއް މީހުން އެ އުސޫލު ރަނގަޅު ކަމަށް ބުނާއިރު، ތަފާތު ސަބަބުތަކާ ހެދި އެކަމާ ހިޔާލު ތަފާތުވާ މީހުން ވެސް މަދެއް ނޫނެވެ.

އާ އުސޫލުގެ ދަށުން ރޭގައި މުދާ އުފުލަން ފެށި ގަޑީގައި، މާރުކޭޓު ސަރަހައްދުގައި، ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު "މިހާރު" އަށް ބުނީ، ދުވާލު ގަޑީގައި އެއްވެސް ދައްޗެއް ކުރިމަތި ނުވެ، ރޭގަނޑު ކުޑަކޮށް އެ ދަތިކަން ކުރިމަތި ވިޔަސް ޝަކުވާއެއް ނެތް ކަމަށެވެ.

"ކުރިން ނަމަ ތާށިވެފަ އިންނަން ޖެހޭނީ ދުވާލު މެންދުރު ގަދަ އަވީގައި. މިހާރު އަސްލު މައްސަލައެއް ނެތް އިރުކޮޅަކު އިންނަން ޖެހުނަސް،" އޭނާ ބުންޏެވެ.

"ގިނަ ފަހަރަށް ދުވާލު ނަމަ މި ދަނީ ކޮންމެވެސް ތާކަށް ދާން ލަސްވެގެން."

މި އުސޫލާ ދެކޮޅު މީހަކު ބުނީ، ޓްރެފިކް މައްސަލަ އަށް ހައްލެއް ހޯދަން އެހެން ތަފާތު ގޮތެއް ސަރުކާރުން ވިސްނަން ޖެހޭ ކަމަށެވެ. ނުވަތަ މިފަދަ ބޮޑު ބަދަލެއް ގެންނަ އިރު، އެކަމަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރަމުން އޭނާ ބުނީ ސަރުކާރުން މިކަން ކުރަން ޖެހޭނީ މުދަލުގެ އަގަށް ބަދަލު ނާންނާނެ ފަދަ ގޮތަކަށް ކަމަށެވެ.

"އެއްޗެހީގެ އަގު ބޮޑުވުން މިއީ ވަރަށް ބޮޑު މައްސަލައެއް. އެއްޗެއްގެ އަގު ބޮޑުވާއިރު، ގޭގެ ކުލި ވެސް ބޮޑުވާނެ. ދެން ހުރި ހުރިކާ ކަމެއް ވެސް އަގު ބޮޑުވާނެ. އެއްޗެތީގެ އަގު ބޮޑު ވާއިރަށް މި އޮންނަނީ އެކަން ހުރިހާ ކަމަކާ ގުޅިފައި،" އޭނާ ބުންޏެވެ.

ބައެއް ޑްރައިވަރުން ވެސް ބުނަނީ ދުއްވަން ފަސޭހަ ކަމަށް

ޕިކަޕް ޑްރައިވަރަކު ބުނީ، ދުވާލަށް ވުރެ ރޭގަނޑު ދުއްވަން ފަސޭހަ ކަމަށެވެ. ނަމަވެސް މައްސަލަ އަކީ ރޭގަނޑު އެއްކޮށް މަސައްކަތުގައި އުޅެން ޖެހުން ކަމަށް އޭނާ ބުންޏެވެ.

"އަނެއް ގޮތަށް ދުއްވަން ބަލައިފިއްޔާ ފަސޭހަ. މައްސަލަ އަކީ މި ޖެހެނީ ދުވާލާ ރޭގަނޑާ އޮޅުވާލަން އަޅުގަނޑުމެން. ދިވެހިން އެއް އިރެއްގައި ވެސް ނޫޅޭ ދަންވަރު މަސައްކަތް ކޮށްފައި، ދުވާލު ނިދާ އުސޫލަކަށް. ސަރުކާރުން މިކަން ހަމަ ހިތަށް އެރީމަ ކޮށްލީ. އެކަށީގެންވާ ވަގުތު ވެސް ނުދޭ،" އޭނާ ބުންޏެވެ.

މުދާ ގެންދަން ފެށި ވަގުތު، މާރުކޭޓު ސަރަހައްދުގެ މަގެއް ބްލޮކް ވެފައި.-- ފޮޓޯ: މިހާރު

މުދާ ގެންދަން ފެށި ވަގުތު، މާރުކޭޓު ސަރަހައްދުގެ މަގެއް ބްލޮކް ވެފައި.-- ފޮޓޯ: މިހާރު

"މިހާރު" އާ ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރަކު ބުނީ ދުވާލު ގަޑީގައި މާލެ ތެރޭގައި މުދާ އުފުލާ އުޅަނދުތައް ހަރަކާތްތެރި ނުވާތީ ދުއްވަން ވަރަށް ބޮޑަށް ފަސޭހަ ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވެސް އެ އުސޫލަށް މުޅިއަކުން ތާއީދެއް ނުކުރެ އެވެ.

"މިސާލަކަށް މާދަމާ އަނެއްކާ ބުނެދާނެ މިހާރު ރޭގަނޑު މާާ ބާރު ބޮޑުވަނީއޭ ދެން ހަވީރު ހައެއްގެ ފަހުން ޓެކްސީއެއް ނުދުއްވޭނެއޭ. ކުއްލިކުއްލި އަށް މިކަހަލަ ބަދަލުތައް، ވަގުތު ކުޑަތަންކޮށް ދިނުމަކީ ވަރަށް ނުރައްކާ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" އެ ޑްރައިވަރު ބުންޏެވެ.

އޭނާ ވެސް ބުނިގޮތުގައި، މާރުކޭޓް ސަަރަހައްދުގެ ޓްރެފިކް އެހެން ރޭރެ އާ ރޭގައި ވަކި ތަފާތެއް ނެތެވެ. ޓްރެފިކް އާދަޔާ ޚިލާފަށް ބާރު ބޮޑުވެ، މުޅި މާލެ އަށް އޭގެ އަސަރު ކުރާ ފަދަ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

މާލޭގައި ޓެކްސީ ކުރާތާ 10 އަހަރަށް ވުރެ ގިނަ ވެފައިވާ ޑްރައިވަރު ބުނީ، ރޭގަނޑު މުދާ އުފުލުމުން މަގުތައް އެހާ ބޮޑަށް ބްލޮކް ނުވާ އެއް ސަބަބަކީ ދުވާލާ އަޅާ ބަލާއިރު މަގުތަކުގައި ދުއްވާ ތަކެތި މަދު ވުމެވެ. އޭނާ ދެކޭ ގޮތުގައި ދުވާލަށް ވުރެ ރޭގަނޑު ދުއްވާ ޓެކްސީގެ އަދަދު ވެސް މަދެވެ. އަދި ސައިކަލުތަކުގެ އަދަދު ވެސް ވަރަށް ބޮޑުތަން މަދުވާ ކަމަށް އޭނާ ބުންޏެވެ.