14 އޮކްޓޯބަރ 2024
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެ، މީހުންގެ ފުރާނަ އާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބޭ ސަބަބަކީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މަގުމަތީގެ ގަވާއިދުތަކާއި އިރުޝާދުތަކަށް ނުބަލައި ދުއްވުމެވެ. ނަމަވެސް އެކްސިޑެންޓުތައް ގިނަވާ ހަމައެކަނި ސަބަބަކީ މިއީ ނޫންކަން ފުލުހުން އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގެ އެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެ، މީހުންގެ ފުރާނަ އާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބޭ ސަބަބަކީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މަގުމަތީގެ ގަވާއިދުތަކާއި އިރުޝާދުތަކަށް ނުބަލައި ދުއްވުމެވެ. ނަމަވެސް އެކްސިޑެންޓުތައް ގިނަވާ ހަމައެކަނި ސަބަބަކީ މިއީ ނޫންކަން ފުލުހުން އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގެ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ ސިނަމާލެ ބްރިޖާއި ހައިވޭގަ އެވެ. ދެން އެންމެ ގިނަ އެކްސިޑެންޓުތައް ހިނގީ ހުޅުމާލޭގަ އެވެ. އެ މުއްދަތުގައި ހިނގި އެކްސިޑެންޓުތަކުން 30 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރެއިން ދެ މީހެއް ފިޔަވައި އެހެން އެންމެންގެ ފުރާނަ ގޮސްފައި ހުރީ ބްރިޖާއި ހައިވޭގައި ހިނގި އެކްސިޑެންޓުތަކުންނެވެ.
އެކަމަށް ބަލައި ތަޖުރިބާކާރުން ބުނާ ގޮތުގައި ގަވައިދާ ހިލާފަށް ދުއްވުމުގެ މައްސަލަ އަށް ވުރެ މިހާރު ބޮޑީ މާ ކުރީ ޒަމާނެއްގެ ގަވައިދުތަކަށް އަމަލުކުރަން ޖެހޭ މައްސަލަ އެވެ. އެއީ ބްރިޖާއި ހައިވޭ އާއި މަލްޓިޕަލް ލޭންތަކާއި ރައުންޑްއަބައުޓް އަދި ކަނެކްޓިން ބްރިޖުތައް މަގުތަކަށް އައިއިރު އެފަދަ ތަންތަނުގައި އަމަލުކުރަން ޖެހޭ ގޮތެއް ގަވައިދެއްގައި ލިޔެފައެއް ނެތެވެ.
އަލަށް ލައިސަންސް ނަގައިގެން އަންނަ މީހާ ވެސް "އެކްސްޕަޔާ" ވެފައި އޮތް ގަވައިދަކަށް އަމަލުކުރަން ޖެހޭތީ ދިމާވާ ނުރައްކާތެރި ހާދިސާތައް ގިނަ ވެއްޖެ އެވެ.
މާލޭގެ ޑްރައިވިން ސްކޫލެއްގެ ހިންގުމުގައި ކުރިން އުޅުއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޑްރައިވިން ޓެސްޓު ހެދުމަށް އެއްވެސް ބަދަލެއް ނައިސް އެންމެ ކުރީ ޒަމާނުގައި އޮންނަ ގޮތަށް އޮތުމުގެ ސަބަބުން މިހާރުގެ މަގުތަކާއި ބްރިޖާއި ހައިވޭގައި ދުއްވަން އެއްގޮތަކަށް ވެސް ފަރިތައެއް ނޫނެވެ.
އެހެންވެ ޑްރައިވިން ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓުން ކިތަންމެ މަތީ މާކްސް ހޯދައި ފާސް ވިޔަސް އަލަށް މަގުތަކަށް ނުކުންނަ މީހުންގެ ސަބަބުން ދުއްވާ އެހެން މީހުންނަށް ވެސް ނުރައްކާ އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ދެ މީހަކު ސައިކަލް ދުއްވަން ދަސްކުރަނީ. --ފައިލް ފޮޓޯ: މިހާރު
"ޓެސްޓުން ފާސްވެގެން ނުކުންނަ މީހާ ވެސް އެހާ ނުފަރިތަ. އެއްގޮތަކަށް ވެސް ގަވައިދު ނޭނގޭ މީހުން އެބައުޅޭ. އަދި ވަކިން ހާއްސަކޮށް މިހާރު މި ހުރި މަލްޓިޕަލް ލޭންތަކާއި ރައުންޑްއަބައުޓްތަކުން ވާނުވާގައި އުޅޭ ތަން ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބްރިޖުގައި ސްޕީޑް ލިމިޓް 50 ގައި ހުންނަ އިރު އަލަށް ލައިސަންސް ނަގައިގެން ނުކުންނަ ބައެއް މީހުން 15-20 ގައި ދުއްވަ އެވެ. އެކަމަކު، ވަކި ވަރަކަށް ވުރެ މަޑުން ދުއްވުމަކީ ވެސް ނުރައްކާތެރި ކަމެއް ކަމަށާއި ބްރިޖާއި ހައިވޭގައި ހުއްޓުން މަނާ ސަރަހައްދުތަކެއް ވެސް ހުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރު ގައުމުތަކުގައި މަނާ ވާނެ ހައިވޭގައި ވަކި ވަރަކަށް ވުރެ މަޑުން ދުއްވުން. ބްރިޖެއްގައި ބާރު ބޮޑުވާ ޕޮއިންޓުތަކުގަ ނޫނީ ލަނބާލާ ސަރަހައްދެއްގައި ހުއްޓިގެން އޮތުން ވެސް މަނާ ވާނެ. ގަވައިދުގައި އެހެން ނޯންނާތީ ދިމާވާ އެކްސިޑެންޓުތައް ވެސް ގިނަ. އަދި އަލަށް ނުކުންނަ މީހުންގެ ފަރާތުން މި ކަންކަން ވަރަށް ގިނައިން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
އެއްގަމު އުޅަނދުފަހަރުގެ ޑްރައިވިން ލައިސަންސް ނެގުން އަދިވެސް މި އޮންނަނީ މީގެ ވިއްސަކަށް އަހަރު ކުރިން ވެސް އޮތް ގޮތަށެވެ. ސައިކަލު ބެލެންސް ކުރަން ދަސްކުރުމާއި ސިގްނަލް ދީގެން ގޯޅި އެޅުމާއި ޕާކް ކުރަން ދަސްކޮށް ރަނގަޅަށް އަށެއް އަޅަން އެނގޭ ނަމަ ލައިސަންސް ލިބޭނެ އެވެ.
"ކިރިޔާ އަށެއް އަޅަން އެނގޭ މީހުންނަށް ވެސް މިހާރު ފަސޭހައިން އެބަ ޑްރައިވިން ލައިސަންސް ދޭ. އަނެއްކޮޅުން ބައެއް ސްކޫލްތަކާއި ޓްރާންސްޕޯޓުގައި އުޅޭ ބަޔަކާ ގުޅިފައި އޮވޭ. ވިޔަފާރިއަކަށް ހަދައިގެން އެންމެ ފަސޭހައިން ލައިސަންސް ހޯދޭނީ މިވެނި ޑްރައިވިން ސްކޫލަކުންކަން އެނގޭ ވަރަށް މިކަން ކުރޭ. ދެން ކިހިނެއްތޯ މަގުތައް ރައްކާތެރި ވާނީ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެސް އެ މައްސަލަތައް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނާއި ގަވައިދުތައް ވަރަށް ބޮޑަށް ބަދަލު ކުރުމުގެ އިތުރުން ޑްރައިވިން ލައިސަންސް ނެގުމުގެ މުޅި ނިޒާމަށް ބޮޑެތި ބަދަލުތަކެއް މިހާރު ގެންނަން ޖެހެ އެވެ.
"ޑްރައިވިން ލައިސަންސް ކަންތައް ވެސް މިހާރު މި އޮންނަނީ ވަރަށް ދޯދިޔާ ގޮތަކަށް. ތިއަރީ ވެސް ޕްރެކްޓިކަލް ބައި ވެސް މި އޮންނަނީ ވަރަށް މުސްކުޅި ގަވައިދެއްގެ މައްޗަށް ހަދާފައި. އެ ދެ ބައި ވެސް ވަރަށް ބޮޑަށް ބަދަލު ކުރަން ޖެހޭ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ގާނޫނާއި ގަވައިދުތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ލައިސަންސް ދިނުމުގެ އުސޫލަށް ކުރިޔަށް އޮތް ދެތިން މަހެއް ތެރޭގައި ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އޭގެ ތެރޭގައި ލައިސަންސް ދޫކުރުމުގެ ކުރިން ޓްރާންސްޕޯޓުން ކަނޑައަޅާ ވަކި ފަރާތެއް މެދުވެރިކޮށް އިތުރު އެސެސްމަންޓެއް ހަދަން ޖެހޭ ގޮތަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި މިހާރު މަގުމަތީގެ ހާލަތާ އެއް ފެންވަރަކަށް ތިއަރީ އާއި ޕްރެކްޓިކަލް ގެންދަން ޖެހެ އެވެ. އެ ނޫން ނަމަ އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. މުޅި ނިޒާމަށް ބަދަލުތައް ގެނައުމަށް ފުލުހުންނާއި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ މަސައްކަތް އެޓާނީ ޖެނަރަލް އޮފީހަށް މިހާރު ގޮސްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
މަގުތަކުގެ ނުރައްކާތެރި މިންވަރު އެނގޭނީ ސަރުކާރު ބަންދު ނޫން ދުވަހެއްގައި ހެނދުނު 7:30 އާއި 8:00 އާ ދޭތެރެއިން ހުޅުމާލެއިން މާލެ އަށް ދާން ނުކުންނަ މީހަކަށެވެ. ހުޅުމާލެ 2 ތަރައްގީވެ، އެތައް ހާސް ބަޔަކު ދިރިއުޅުން ބަދަލުކުރި ނަމަވެސް އޮފީހަށް ދާ ގަޑިއަށް އެ އެންމެން އެއްފަހަރާ ހައިވޭ އާއި ބްރިޖު ހުރަސްކުރަން ކުރަން ޖެހެ އެވެ.
ފުލުހުން "މިހާރު" އާ ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބްރިޖު މަތިން ދުވާލަކަށް ކޮޅަކަށް 20,000 އަށް ވުރެ ގިނަ ވެހިކަލް ހުރަސް ކުރެ އެވެ. އެހާ ބާރު ބޮޑު ވަގުތެއްގައި އެންމެ މީހަކު ކިރިޔާ ބުރެކި ހިފާލިޔަސް ނުވަތަ އަރިއަކަށް ޖެހިލިޔަސް އެކްސިޑެންޓުވެ އެކަތި އަނެކަތި މުޑި އަރައި ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައި އެބަހުއްޓެވެ.
ބްރިޖު ހުރަސްކުރާ ވެހިކަލްތަކުގެ ތަފާސްހިސާބުތައް
އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ބްރިޖާއި ހައިވޭގައި ކޮންމެހެން ހުންނަން ޖެހޭ މުހިންމު ސައިން ބޯޑުތަކެއް ނެތެވެ. އަދި ކުރިން ނުބައިކޮށް ކުރަހާފައި ހުރި އެތައް ނިޝާންތަކެއް ވެސް އެބަހުއްޓެވެ.
މާލެ ޕޮލިސްގެ ހެޑް އޭސީޕީ އާސިމް އަބްދުﷲ ވިދާޅުވި ގޮތުގައި ބްރިޖުމަތީގައި އެންމެ ގިނަ އެކްސިޑެންޓް ހިނގަނީ ލޭން ބަދަލުކުރާ ގޮތުންނެވެ.
މާލެކޮޅުން ބްރިޖަށް އަރާއިރު ސައިކަލާއި ކާރަށް ހާއްސަ ދެ ލޭން އޮތް ނަމަވެސް ވަކި ހިސާބަކުން އެއާޕޯޓަށް ދާން ބޭނުންވާ ކާރުތައް ސައިކަލު ލޭނަށް އަރަން ޖެހެ އެވެ. އަދި ހުޅުމާލެ އަށް ކުރިޔަށް ދުއްވަން ޖެހޭ ސައިކަލުތައް ކާރު ލޭނަށް ބަދަލުވެ އެވެ.
ނަމަވެސް ލޭން ބަދަލު ކުރަންވީ ހިސާބެއް ކަނޑައެޅިފައި ނެތް ކަމަށާއި އެފަދަ ސައިން ބޯޑުތައް ހަރުކޮށްފައި ނެތުމުގެ ސަބަބުން އެތައް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް އާސިމް ވިދާޅުވި އެވެ.
ބްރިޖުގައި ބޭނުންކުރަން މުހިންމު ޓްރެފިކް ސައިންތައް
"ބްރިޖުގެ މެދަކާ ހަމައިން ވިޔަސް ލޭން ބަދަލު ކުރަން ސައިން ބޯޑެއް އިންނަ ނަމަ ވަރަށް ފަސޭހައިން އެނގޭނެ ލޭނު ބަދަލުކުރަންވީކަން. އަދި އޭގެ ފަހުން ލޭނު ބަދަލު ނުކުރެވޭނެ ކަން ވެސް އެނގޭނެ. ވަރަށް ގިނަ އެކްސިޑެންޓުތައް ނުވެ ސަލާމަތް ކުރެވޭނެ،" އާސިމް ވިދާޅުވި އެވެ.
އޭގެ އިތުރުން އެއާޕޯޓާ ހަމައަށް އަރާ ހަތަރު އަނގޮޅީގައި މިހާރު ކަފިހިހުރަސްތަކެއް ކުރަހާފައި ހުރި ނަމަވެސް އެއީ ހުރަސްކުރަން ވާ ވަރުގެ ތަނެއް ނޫން ކަމަށް އާސިމް ވިދާޅުވި އެވެ. އެފަދަ ތަނެއްގައި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ވެސް ކަފިހިހުރަސް ކުރަހާފައި ނުހުންނާނެ ކަމަށާއި އެތަންތަން ފޮހެން ކަމާބެހޭ ފަރާތްތަކަށް ލަފާ ދީފައިވާ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
ހަމަ އެގޮތަށް ހައިވޭގައި ކޮންމެހެން ހުންނަން ޖެހޭ މުހިންމު އެތައް ސައިން ބޯޑެއް ނެތްކަން އާސިމް ފާހަގަ ކުރެއްވި އެވެ. ހަތަރު ލޭނުން ދެ ލޭނަށް ބަދަލުވާން އުޅޭ ކަން ދައްކުވައި ދިނުމާއި ސްޕީޑް ކެމެރާ އިން މޮނިޓާކުރާ ސައިން ބޯޑާއި ވެހިކަލް ހުއްޓުން މަނާ ސަރަހައްދުތަކާއި ހިނގާފައި އުޅުން މަނާކަން އަންގައިދިނުން ފަދަ އެތައް ސައިން ބޯޑެއް ނެތް ކަމަށް އާސިމް ވިދާޅުވި އެވެ.
ބްރިޖާއި ހުޅުމާލޭގައި ބޭނުންކުރަން މުހިންމު ސައިން ބޯޑުތައް
"ސައިން ބޯޑުތައް މަދު މައްސަލަ އަޅުގަނޑުމެން ވާނެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލްގެ ސަމާލު ކަމަށް ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.
ބްރިޖުމަތީގެ ޓްރެފިކް ހަމައަކަށް އަޅުވަން ފުލުހުން ބޮޑު ހަރަދުކޮށްގެން އެޅި އެންމެ ބޮޑު ފިޔަވަޅަކީ ޒަމާނީ ފެންވަރުގެ ސްޕީޑް ކެމެރާތައް ހަރު ކުރުމެވެ. އެއީ ބްރިޖުގައި 50 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވައިފި ނަމަ ނުވަތަ ގަވައިދާ ހިލާފަށް ލޭން ބަދަލުކޮށްފި ނަމަ ވަގުތުން ވެހިކަލްގެ ވެރި މީހާގެ ފޯނަށް ޖޫރިމަނާގެ މެސެޖެއް އަންނަ ވަރުގަދަ ސިސްޓަމެކެވެ. ނަމަވެސް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނު މުސްކުޅި ކަމުން އޭގެ ބޭނުން އެއްގޮތަކަށް ވެސް ނުހިފުނެވެ.
އާސިމް ވިދާޅުވި ގޮތުގައި ގާނޫނު އޮންނަ ގޮތުން ޖޫރިމަނާކުރަން ޖެހެނީ ދުއްވި މީހާ އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެހިކަލެއް ދުއްވަނީ އޭގެ ވެރި ފަރާތެއް ނޫނެވެ. އެހެންވެ ދުއްވި މީހާ ދެނެނުގަނެވިއްޖެ ނަމަ ފިޔަވަޅު ވެސް އެޅޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންވެ އޮޓަމޭޓް ސިސްޓަމް ބޭނުން ކުރުމުގެ ބަދަލުގައި ސީދާ ދުއްވާ މީހާ އަށް ފިޔަވަޅު އަޅަން މިހާރު ބޭނުން ކުރަނީ ސްޕީޑް ގަން އެވެ.
އެކަން ހައްލު ކުރުމަށް ފުލުހުން ހުށަހަޅާފައި ވަނީ ސައިކަލުގެ ވެރި ފަރާތް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ. އެގޮތުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނާއި އީމެއިލް އަށް ވަގުތުން މެސެޖު ދާ ގޮތަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ. އަދި ދެ ފަހަރަށް ވުރެ ގިނައިން އެގޮތަށް ގަވައިދާ ހިލާފު ވެއްޖެ ނަމަ އެ ވެހިކަލެއް ޓޯ ކުރެވޭ ގޮތް ހެދުމަށް ފުލުހުން ވަނީ ހުށަހަޅައިފަ އެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިހާރު އަމަލު ކުރާ ގާނޫނުގެ ދަށުން މީހުންގެ ފުރާނަ އަށް ނުރައްކާވާ ވަރަށް ބާރަށް ދުއްވިޔަސް ކުރަނީ ކުޑަ ޖޫރިމަނާއެކެވެ. އެ ޖޫރިމަނާގެ އަދަދު ވަރަށް ބޮޑު ކުރަން ޖެހެ އެވެ. ޖޫރިމަނާ ނުދައްކާ ވެހިކަލްތަކުގެ ފުރޮޅު ލޮކް ކުރުމުގެ ބާރު ދިނުމާއި ޖޫރިމަނާގެ އަދަދުތައް ލައްކައަކަށް އަރައިގެން ދާން ދޫކޮށް ނުލައި އެ ވެހިކަލްތައް ހިފަހައްޓަން ވެސް ޖެހެ އެވެ.
އޭގެ އިތުރުން އެންމެ މުހިންމު ކަމަކަށް ކޮންމެ ފަސް އަހަރަކުން އެއްފަހަރު ހުރިހާ ޖޫރިމަނާއެއް މާފު ކުރުމުގެ ނުބައި ސަގާފަތް އެއްކޮށް ނިންމާލަން ޖެހެ އެވެ. އެއީ އެގޮތަށް ކޮންމެ ފަހަރަކު މާފު ކުރާ ނަމަ ޓްރެފިކް ގާނޫނަކަށް ކަމޭ ހިތާނެ އެއްވެސް މީހަކު ނުވާނެ އެވެ. އެ މައްސަލަ މިހާ ހިސާބަށް ދިޔުމުގެ ފަހަތުގައި އޮތް އެއް ސަބަބަކީ ވެސް މި އެވެ.
ހަމައެއާ އެކު، މަގުމަތީގެ ގަވައިދުތައް ވެސް އަލުން އިސްލާހުކޮށް ލައިސަންސް ދިނުމުގެ އުސޫލުތައް ހަރުކަށި ކުރަން ޖެހެ އެވެ. ލައިސަންސް ނެގުމުގެ ކުރިން ފުލުހުން ދޭ އެސެސްމަންޓެއް ހަދަން ޖެހޭ ގޮތަށް މަޖުބޫރު ކުރުވަން ޖެހެ އެވެ. ރައުންޑްއަބައުޓްތައް ހެދިތާ އެތައް ދުވަހެއް ވީއިރު އަދިވެސް ގިނަ މީހުން ދުއްވަނީ ނުބައި ކޮށެވެ. އެއްކޮޅަށް ދުއްވާ މަލްޓިޕަލް ލޭންތައް ހުރި އިރު އެގްޒިޓް ލޭންތަކާއި ލޭން ބަދަލު ކުރަންވީ ގޮތް ފަދަ މިއިން އެއްވެސް ކަމެއް ބުނެދީފައެއް ނެތެވެ.
މާލޭގައި އެކްސިޑެންޓެއް ވެފައި
ހުޅުމާލެ 2 އަށް އަރަން އޮންނަ ކަނެކްޓިން ބްރިޖުތަކާ ހަމައިން ސްޕީޑަށް ގެންނަންވީ ބަދަލުތަކާއި މަގުތަކުގައި މަޑު ނުކުރެވޭނެ ސަރަހައްދެއް ވެސް ކަނޑައަޅާފައެއް ނެތެވެ. އެހެންވެ، އެ ކުދި ބްރިޖުތަކުގެ މަތީގައި ފޮޓޯ ނަގަން ވެސް މީހުން ސައިކަލުތަކުގައި މަޑު ކޮށްލައިގެން ތިބެ އެވެ.
މިފަދަ އެތައް ބަދަލެއް ބޭނުންވެފައި އޮތް ނަމަވެސް ހައްލު ނުކޮށް އޮއްވައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގައިފި އެވެ. އަދިވެސް ހުޅުމާލެ 2 އިތުރަށް އާބާދު ވަނީ އެވެ. މާލޭގެ ހުޅަނގު ފަރާތުން ވިލިމާލެ ތިލަފުށި އަދި ގުޅިފަޅު ވެސް ގުޅުވާލެވޭ ބްރިޖެއްގެ މަސައްކަތް އެބަދެ އެވެ.
މި ހުރިހާ ބަދަލެއް އަންނަ އިރު އެއާ އެއްވަރަށް ގާނޫނުތަކާއި ގަވައިދު ބަދަލުނުވާ ނަމަ މިކަން ދާނީ ގޯހުން ގޯހަށެވެ. މުސްކުޅި ގަވާއިދުތަކުގެ ސަބަބުން ގެއްލުން ނޫން ކަމެއް ނެތެވެ.
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!
ބްރިޖްގެ ބޮޑު އެކްސިޑެންޓްވި މީހާގެ ލައިސަންސްް ބާތިލް
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
މިރޭ ވެސް އެކްސިޑެންޓެއް، ތިން މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ދެ އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް
މީހަކު މަރުވިއްޔާ ނޫނީ ހަމަ ފިޔަވަޅެއް ނޭޅެނީތަ؟!
ހުރިހާ ވެހިކަލެއްގެ ނަމްބަ ޕްލޭޓް ބަދަލުކުރަން ޖެހޭތަ؟
ނަމްބަރު ޕްލޭޓް ދެނެގަނެވޭ ކެމެރާ ބްރިޖްގައި ހަރުކުރަނީ
ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް
ޖޫރިމަނާ ކޮށްކޮށް ނުހުއްޓުވުނު! ލާންވީ ޖަލަށް!