Roadha Mihaaru
ހުޅުމާލޭގައި ދެ އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް

ހުޅުމާލޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި، އެކަކުގެ ހާލު ސީރިއަސް

03 ޖުލައި 2024

ހުޅުމާލެ 2 ގައި މިއަދު ހެނދުނު ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި، އެކަކުގެ ހާލު ސީރިއަސް ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 2 ގައި މިއަދު ހެނދުނު ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި، އެކަކުގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓްގެ ފަސްވަނަ ޓަވަރު ކައިރިން ކާރަކާއި ސައިކަލެއް ޖެހި، އެ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް މިއަދު ހެނދުނު 8:13 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

"އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އެ ސައިކަލް ދުއްވި މީހާ އަކީ ދުއްވުމުގެ ލައިސަން ނެތް މީހެއް،" ފުލުހުން ބުންޏެވެ.

އޭނާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ ދެވަނަ އެކްސިޑެންޓް ހިނގީ އާހިޔާގޮފި ކައިރީގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް ވެސް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެތަނުން އެއް ސައިކަލު ދުއްވީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ އަކީވެސް ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ. ދެން އަނިޔާވީ 33 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސަންސް އޮތެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.