09 ސެޕްޓެމްބަރ 2024
"އެއް ބަޔަކު ކިތަންމެ ބާރަށް ދުއްވިޔަސް، ގަވައިދާ ހިލާފަށް ސައިކަލް މޮޑިފައިކޮށް މަގުމަތީ ރޭސް ޖެހިޔަސް ޓްރެފިކް ފުލުހަކަށް ނުފެންނާނެ. ފުލުހުން ބަލަން ބޭނުން ވާނީ މަގުމަތީ ޓޯ ކުރާނެ ސައިކަލެއް ހުރި ތޯ، ނޫނީ މަޑުން ދުއްވާފައި ދާ މީހާގެ ސްޓިކައެއް މަދުތޯ،"
"އެއް ބަޔަކު ކިތަންމެ ބާރަށް ދުއްވިޔަސް، ގަވައިދާ ހިލާފަށް ސައިކަލް މޮޑިފައިކޮށް މަގުމަތީ ރޭސް ޖެހިޔަސް ޓްރެފިކް ފުލުހަކަށް ނުފެންނާނެ. ފުލުހުން ބަލަން ބޭނުން ވާނީ މަގުމަތީ ޓޯ ކުރާނެ ސައިކަލެއް ހުރި ތޯ، ނޫނީ މަޑުން ދުއްވާފައި ދާ މީހާގެ ސްޓިކައެއް މަދުތޯ،"
މިއީ މި ފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅޭ ގޮތުން މީހަކު ފޭސްބުކްގައި ކުރި ކޮމެންޓެކެވެ. އޭނާގެ ހިޔާލަށް އެތައް ބަޔަކު ތާއީދުކޮށް ސޯޝަލް މީޑިއާގައި ޓްރެފިކް ފުލުހުން "ކަތިލަމުން" އެބަދެ އެވެ. ބޮޑެތި ފާޑުކިޔުންތަކެއް ފެންނަން އެބަހުއްޓެވެ.
ތޮއްޖެހި ކޮންކްރީޓު ހާއްޔަކަށް ވެފައިވާ މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކަމަކީ މަގުމަތީގެ ޓްރެފިކް މައްސަލަތައް ކަން ނޭނގޭ މީހަކު ނެތެވެ. ހަމައެއް ލަމައެއް ނެތި ވެހިކަލްތައް އެތެރެ ކުރަން އޮތީ ދޫކޮށްލައިފަ އެވެ. ގޯޅި އަޅާނެ ޖާގައެއް ނެތް ވަރަށް ސައިކަލާއި ކާރުތައް އޮންނަނީ މަގުތައް ފުރާލައިފަ އެވެ. މިއީ މިދިޔަ ހުރިހާ ދުވަސްތަކުގައި މިކަން އޮތް ގޮތެވެ.
ސައިކަލުގައި މަގުމައްޗަށް ނުކުންނަ ހިސާބުން އޮންނަނީ އެ މީހަކާ އެ މީހެކެވެ. ގަވާއިދުން ސައިކަލު ދުއްވާ މީހާ ވެސް ނަފުސާނީ ވާ ވަރަށް މަގުތައް ނުރައްކާވެފައި އޮއްވާ، އަނެއްކާ ސައިން ބޯޑެއް ނުވަތަ ލޭނެެއްހާ ހިސާބު ވެސް ވަކިނުކޮށް އޮތް ހުޅުމާލެ 2 ވެސް އެތައް ހާސް ބަޔަކާ އެކު އާބާދު ކޮށްފި އެވެ.
މިހެން ގޮސް ހުސް ނުވާ ވަރަށް މައްސަލަތައް އޮތް އިރު، ދުއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަން ޖެހޭ އަދި މަގުމަތީގެ ގަވާއިދުތައް ތަންފީޒު ކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ފުލުހުން ވަނީ މި މައްސަލާގައި މުޅިން ފެއިލް ވެފަ އެވެ. މި އޮތް ކުޑަކުޑަ މާލޭގެ ޓްރެފިކް މެނޭޖުކުރަން ނޭނގި މުޅި މާލެ ބޮއްސުންލައިފި އެވެ.
މާލޭގައި ހިނގި އެކްސިޑެންޓެއްގައި ކާރަކަށް ގެއްލުން ވެފައި.
މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ކައިރިކައިރިން ދެ ޒުވާނަކު މަރުވެ އެކަކު ވެންޓިލޭޓަރުގައި ފުރާނައާ ހަނގުރާމަ ކުރަން ފެށުމުން ރެއިން ފެށިގެން ފުލުހުން ވަނީ އަނެއްކާވެސް މަގުތަކަށް "ގިނަ" ވެފަ އެވެ. ދިއްލޭ ބޮކިތަކާއި ބެރިކޭޑުތައް ހިފައިގެން މަގުމަތީގައި ފޯރި މަރަން ފަށައިފި އެވެ. އަނެއްކާ ޕްރެޝަރު ކުޑަވާއިރަށް ފުލުހުން މަގުމަތިން ގެއްލެ އެވެ. ނުވަތަ މަގު މެދުގައި ކޮޅަށް ތިއްބަސް މާ ބޮޑު ކަމެއް ނުކުރެ އެވެ.
ކޮންމެ ފަހަރަކު ޓްރެފިކް ފުލުހުންނަށް ގަވާއިދު ތަންފީޒު ކުރުން އޮންނަނީ ކަންކަން ފާލުން ނެއްޓި ބަޔަކު މަރުވެގެންތޯ މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
ރެއިން ފެށިގެން ފުލުހުން މާ ހުޝިޔާރު ވެގެން މާލެ އާއި ހުޅުމާލޭގައި އުޅެން މި ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހުޅުމާލެ 1 ގައި ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވެ، އެ ކަމުގެ ސީރިއަސްކަން ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވިސްނިވަޑައިގެން އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއީ ޓްރެފިކް މައްސަލަތައް ހައްލު ކުރަން މީގެ ކުރިން އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަަޑައިނުގެންނެވި ވަރުގަދަ ފިޔަވަޅުތަކެވެ.
ރައީސް މުއިއްޒުގެ އެ އިސްނެންގެވުން ނައި ނަމަ މި ފަހަރު ވެސް ޓްރެފިކް ފުލުހުން މިހާ ވަރު ވެސް ކުރާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.
މާލެ ސަރަހައްދުގައި ވަކިން ހާއްސަކޮށް ޓްރެފިކް މައްސަލަތައް އިންތިހާ އަށް ބޮޑުވެ އެތައް ބައެއްގެ ފުރާނަ ގޮސްފައިވާ އިރު މި މައްސަލަތައް ހައްލު ނުވެ އޮތް ސަބަބާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ފުލުހުންގެ ކުރީގެ އިސް އޮފިސަރަކު ވިދާޅުވި ގޮތުގައި ޓްރެފިކް ފުލުހުންގެ ހަރަކާތްތަކަށް އެންމެ ބޮޑު ބަދަލެއް އައީ މިދިޔަ ފަސް އަހަރު ތެރޭގައި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓު އުވައިލުމުންނެވެ.
ފުލުހުންގެ ތެރޭގައި ޓްރެފިކް ޑިޕާޓްމަންޓު އޮތް އިރު ވަރަށް ފުރިހަމަ އަށް ތަމްރީން ލިބިފައި ހުރި ތަޖުރިބާކާރު އޮފިސަރުން ތިއްބެވި ކަމަށާއި ނަމަވެސް ކުރީ ސަރުކާރުން އެ ޑިޕާޓްމަންޓް އުވާލުމާ ގުޅިގެން އެ މީހުން އެހެން ޑިޕާޓްމަންޓުތަކަށް ބެހި، ބޭކާރުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރެފިކް ފުލުހަކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމާއި ފުލުހުން ފޯރި މަރައިގެން ތަންފީޒު ކުރުވަން ޖެހޭ މުހިންމު ގަވައިދުތަކާ ހިލާފަށް މީހުން ހަމައެއް ލަމައެއް ނެތި ވެހިކަލްތައް ދުއްވަމުން ދާއިރު އެއްވެސް ވަރަކަށް އަޅާ ނުލެވި އޮތް އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އެކަށީގެންވާ ވަރަށް އެ ދާއިރާ އަށް ނުބެލި އޮތުމެވެ.
"ހަގީގަތުގައި ކުރީ ސަރުކާރުން [ޓްރެފިކް] ޑިޕާޓްމަންޓު އުވާލުމާ ގުޅިގެން މަގުތަކުގެ މައްސަލަތަކަށް ފޯކަސް ކޮށްގެން މަގުމައްޗަށް ނެރެ އެންފޯސް ކުރުމުގެ ބައި ހަމަ އެއްކޮށް ކަހަލަ ގޮތަށް ދިޔައީ. އަލުން މި ސަރުކާރުން އެ ޑިޕާޓްމަންޓު އުފެއްދިޔަސް އަޅުގަނޑަށް ހީވަނީ އަދި އެކަށީގެންވާ ގޮތެއްގައި އެކުލަވާ ނުލެވިގެންހެން އެ އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އެންމެ އިސް ފަންތިތަކުގައި މަސައްކަތް ކުރައްވާފައިވާ އޮފިސަރު ވިދާޅުވި ގޮތުގައި ޓްރެފިކް ފުލުހުންނަކީ ވަކި ހާއްސަ ތަމްރީނެއް ލިބިގެން ވަކި ގޮތަކަށް އޮޕަރޭޓްވާން އޮންނަ ބައެކެވެ. ނަމަވެސް ރާއްޖޭގައި ޓްރެފިކް ފުލުހުން ތިބީ އެ ތަމްރީންތައް ހަދައި އަދި މަގުމަތީގެ ގަވާއިދުތަކަށް ވެސް އެކަށީގެންވާ ގޮތެއްގައި އަހުލުވެރިވެފައިތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކަށް ފުލުހުން ނެރެފައި ތިއްބަސް އެއީ ޓްރެފިކް ފުލުހެއް ކަމެއް އެނގޭކަށް ނޯވެ އެވެ. ޓްރެފިކް ފުލުހެއްކަން އަންގައިދޭ ޖެކެޓެއް އަދި ޓްރެފިކް ފުލުހުން ގެންގުޅޭ އާލާތްތަކެއް އަތަކު ނުހުރެ އެވެ. މަގުތައް ތޮއްޖެހި، މީހުން ރުޅި ގަދަވާ ހިސާބަށް ދާއިރު ވެސް ބައެއް ފަހަރު ފެންނަނީ ޓްރެފިކް ފްލޯ ހަމަޔަކަށް އަޅުވަން ނޭނގިގެން އުޅޭ ތަނެވެ. މަގުގެ އެއް ފަރާތަކަށް މަޑުކޮށްލައިގެން އޮންނަ ކާރަކާ ހެދި މުޅި މަގުގެ ޓްރެފިކް ފްލޯ ގޯސްވާ މަންޒަރު ބަލަން ޓްރެފިކް ފުލުހަކު ހުރެދާނެ އެވެ. އެ ކާރު އެ ތަނުން ދުރަށް ޖައްސާލަން ބުނެލަން އެ ފުލުސް މީހާ އަށް ނޭނގެ އެވެ.
މިއީ އެންމެ އާދައިގެ މީހާ އަށް ވެސް އެނގޭ ވަރުގެ ކުދިކުދި ކަންތައްތަކެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ފުލުުހުން ސްޓިކާ ޖަހަނީ: މާލޭގެ ތޮއްޖެހުން ހައްލުކުރެވޭނެ އިންތިޒާމެއް މިހާތަނަށް ހަމަޖައްސާފައެއް ނުވޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިސާލަކަށް ހަތަރު އަނގޮޅި ކަންމައްޗެއްގައި ހުންނާނީ އެންމެ ޓްރެފިކް ފުލުހެއް އެކަނި. އެހެންވެ ހަތަރު ފަރާތުން ކޯއްޗަކަށްތޯ އިސްކަން ދޭންވީ، ކޮން ފްލޯއެއްތޯ ގެންގުޅެންވީ. ވަރަށް ގިނަ ޑިސިޝަންތަކެއް ނަގަން ޖެހޭ ކަމެއް މިއީ. ވަކި ގޮތަކަށް މީހާ ހާނުވައި ތަމްރީން ކުރުވައިގެން ނޫނީ އެ ނޮލެޖެއް ނުހުންނާނެ،" ފުލުހުންގެ އިސް އޮފިސަރު ވިދާޅުވި އެވެ.
މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދު ކަމަށްވާ މާރުކޭޓު ސަރަހައްދަށް ވެސް ފުލުހުން ނުކުމެ ޓްރެފިކް ބަލަހައްޓާނީ ހަމައެކަނި ރޯދަ މަހެއްގަ އެވެ. ނަމަވެސް އެ ސަރަހައްދަކީ އަބަދުވެސް ތޮއްޖެހި ވެހިކަލްތަކަށް ގުޑާލަން އުނދަގޫ މަގެކެވެ.
ޓްރެފިކް ފުލުހުންގެ ޑިޕާޓްމަންޓު އުވާލުމާ ގުޅިގެން ދޭތެރެއަކުން މަގުތައް ބަލަހައްޓާން ފުލުހުން ނެރުނީ އެ ވަގުތެއްގައި ޑިއުޓީގަ ތިބި މަދު ބައެކެވެ. ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ކަންމަތި ބަލަހައްޓަން ވެސް ނުކުންނަނީ އެއާޕޯޓު ސަރަހައްދު ބަލަހައްޓަން ތިބޭ ފުލުހުންނެވެ.
އެކަށީގެންވާ ގޮތެއްގައި ޓްރެފިކް ފްލޯ މެނޭޖުކޮށް، ރައްކާތެރި ތަނަކަށް ހަދައި ދިނުމަށް ނުވަތަ ގަވައިދާ ހިލާފުވާ ފަރާތްތައް ހުއްޓުވައި ހަރުކަށި ފިޔަވަޅު އަޅަން ފުލުހުން އޮތީ ނުކުޅެދިފަ އެވެ.
ނަމަވެސް މަގުމަތީގައި ހުރި ބައެއް އުޅަނދުތައް ޓޯކޮށްގެން އާމްދަނީ އިތުރުކުރުމުގެ ބައި ފަތު އަޑު ކިޔާފައި ބާރަށް ކުރިޔަށް ދެ އެވެ. ސައިލެންސަރު ބަދަލުކޮށްލައިގެން، އަޑުތައް ގަދަކަމުން، އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ މީހުންނާ ސުވާލު ކުރާ މަންޒަރު ފެންނަލެއް މަދެވެ.
މާލެ ސަރަހައްދުގައި ގިނަ އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަ ގޮސްފައި ވަނީ ބާރަށް ދުއްވާފައި ދާ ވެހިކަލްތަކުގެ ސަބަބުންނެވެ. އެ މައްސަލަ ހައްލުކުރަން ފުލުހުން ތަފާތު އެކި ވާހަކަދައްކާ އިރު މި ފަހުން ކުރި އެންމެ ބޮޑު އެއް ކަމަކީ ސްޕީޑް ގަން ބޭނުންކުރުމެވެ.
ފުލުހުން ސްޕީޑް ގަން ބޭނުންކުރަން ފެށި ދުވަސްވަރު ސިނަމާލެ ބްރިޖާއި ހައިވޭ ކައިރީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކެމެރާ ސްޓޭންޑެއްގައި ސްޕީޑް ގަން ޖަހައިގެން ފުލުހުން ފާރަ އަށް ތިބޭނެ އެވެ. ބާރަށް ދުއްވާފައި ދާ ބައެއް އުޅަނދުތައް ހުއްޓުވައި ޖޫރިމަނާ ވެސް ކުރި އެވެ.
ޓްރެފިކް ފުލުހުން މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ: ޓްރެފިކް ޖޫރިމަނާ މާފުކުރަން ބޭނުންވާ މީހުން އަންނަ މަހު 25 ގެ ކުރިން ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާން ފުރުސަތު ވަނީ ހުޅުވާލައިފައި.-- ފޮޓޯ: މިހާރު
އެކަމަކު، މިހާރު އެއްވެސް ސްޕީޑް ގަންއެއް މަގުމަތިން ނުފެންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ބޭނުން ކުރަމުން އައި ސްޕީޑް ގަންތައް ބޭނުންކުރުން ހުއްޓާލީ ބްރިޖާއި ހައިވޭގައި ސްޕީޑް ކެމެރާ ހަރު ކުރުމުގެ މަސައްކަތް ނިމުމުންނެވެ. އޭގެ ބޭނުމަކަަށްވީ ފުލުހުން މަގުމަތީ ނުތިއްބަސް ހައިވޭގައި ހަރުކޮށްފައި ހުރި ސްޕީޑް ކެމެރާތަކަށް އަރާ އުޅަނދުތައް ޓްރެކްކޮށް، ޖޫރިމަނާ ކުރުމެވެ.
އެހެންކަމުން ބާރަށް ދުއްވުމުން ނުވަތަ ގަވައިދާ ހިލާފަށް ލޭން ބަދަލުކުރުމުން ވަގުތުން ވެހިކަލްގެ ވެރި ފަރާތުގެ ފޯނަށް ފުލުހުންގެ މެސެޖެއް ދާ ގޮތަށް އޮޓަމޭޓަޑް ނިޒާމެއް ވެސް ފުލުހުން ހެދި އެވެ. އަދި މިދިޔަ އަހަރު ފުލުހުން ވަނީ އެކަން އާންމުކޮށް އިއުލާންކޮށް، އެގޮތަށް މެސެޖު ފޮނުވަން ވެސް ފަށައިފަ އެވެ.
ނަމަވެސް މައްސަލައަކީ ފުލުހުން ފޮނުވާ މެސެޖުގައި އޮންނަނީ ގަވައިދާ ހިލާފުވި ވާހަކަ އެކަންޏެވެ. ގަވައިދާ ހިލާފުވެގެން ޖޫރިމަނާ ކުރެވޭނެ އެއްވެސް ގޮތެއް ލިޔެފައެއް ނެތެވެ. އެއްވެސް މީހަކު އެގޮތަށް ޖޫރިމަނާއެއް ވެސް ނުކުރެ އެވެ. ފުލުހުން އެ ބުނާ މެސެޖު ލިބުނު ބަޔަކާ މާ ގިނައެއްކޮށް ދިމައެއް ނުވެ އެވެ. ނުވިތާކަށް އެއީ ބޭކާރު، ނަތީޖާއެއް ނުފެންނަ މެސެޖެކެވެ.
ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް ވަގުތުން ފައިން ކުރެވޭ އުސޫލުން އެކަން ކުރުމަށް ބައެއް ކަރުދާސްތައް ކުރިން ތައްޔާރުކުރި އެވެ. ނަމަވެސް މިހާރު އެ މަސައްކަތް އަނެއްކާވެސް އޮތީ ހުއްޓިފަ އެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި އެ ކަން ވަނީ ދާއިމީ ވެފަ އެވެ.
އެނގިފައިވާ ގޮތުގައި ގަވައިދާ ހިލާފަށް ބްރިޖާއި ހައިވޭގައި ދުއްވާ މީހުންގެ ފޯނަށް މެސެޖު އައުން ވެސް އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފަ އެވެ.
ފެބުރުއަރީ 21، 2021: ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއެކު ބްރިޖު ސަރަހައްދުގެ ޓްރެފިކް ފުލުހުން ބަލަހައްޓަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
އެހެންވެ މިއަދުގެ ހާލަތަކީ ސްޕީޑް ގަން އާއި ސްޕީޑް ކެމެރާތައް ވެސް ބޭނުންކުރުން ހުއްޓުމެވެ. މިކަން ވެސް ތަންފީޒު ނުވެ އޮއްވާ ބާރު ސްޕީޑެއްގައި ދުއްވައިގެން އެތައް އެކްސިޑެންޓެއް ހިނގައި ބޮޑެތި ގެއްލުންތައް ވަނީ ވެފަ އެވެ.
މި ހުރިހާ މައްސަލައެއްގެ އިނގިލި ހަމައެކަނި ފުލުހުންނާ ދިމާލަށް ފަސޭހައިން ދިއްކުރެވެނީ އާންމުން ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެ ކަން މީހުންނަށް ނޭނގޭތީއެއް ނޫނެވެ. އެއީ ގަވައިދު ތަންފީޒު ކުރުމުގެ ޒިންމާ ފުލުހުން އަދާ ނުކުރުމުގެ ސަބަބުން ގަވައިދާ އެއްގޮތަށް އުޅޭ އާންމު މީހުންގެ ފުރާނަ އަށް ވެސް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައި ހުރުމުންނެވެ.
މި ފަހުން ހިނގި ނުރައްކާތެރި ހާދިސާތަކާއި ދެ ޒުވާނަކު މަރުވުމާ ގުޅިގެން ފުލުހުން އަލުން މަގުމައްޗަށް ނުކުމެ ފޯރި މަރަން ފަށާފައިވާ އިރު މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ފުލުހުން ވަނީ އަމަލު ކޮށްފަ އެވެ.
ކުރީ ސަރުކާރު އޮތް އިރު، މަގެއް ހުރަސް ކުރި މީހެއް ގައިގައި ވެހިކަލަކުން ޖެހި އަނިޔާވި މައްސަލަ ބޮޑުވެ، ޕްރެޝަރު ބޮޑުވުމުން ކޮންމެ ކަފިހި ހުރަހެއް ކައިރީގައި ފުލުހަކު ބަހައްޓަން ފެށި އެވެ. މީހަކު ހުރަސްކުރަން ބޭނުންވުމުން މަގު މެދަށް ނުކުމެ ހުރިހާ އުޅަނދުތަކެއް ހުއްޓުވަން ފެށި އެވެ.
މިކަން ކުރިޔަށް ދިޔައީ ހަފުތާއެއްހާ ދުވަހަށެވެ. މައްސަލަގަނޑު ހިނދުމުން އަނެއްކާވެސް މަގުތަކުން ފުލުހުން "ގެއްލުނެވެ".
މިހާރު މަގުތަކަށް ނުކުމެ ތިބި ފުލުހުން ވެސް މި ދުވަސްވަރު މިގޮތަށް އަމަލުކުރަމުން ދިޔަ ނަމަވެސް ވާނީ ކިހާ ދުވަހެއްތޯ ސުވާލު އުފެދެ އެވެ. އެކަމަކު، ސީދާ ގައުމުގެ އެންމެ އިސްވެރިޔާ ރައީސް މުއިއްޒުގެ އިސްނެންގެވުމެއް މި ފަހަރު ލިޔުމުން އޮތުމުން ތަފާތު ފެނުމަކީ ކައިރި ކަމެކެވެ. މާޒީއަށް ބަލާއިރު ރާއްޖޭގައި ޓްރެފިކް ފުލުހުންނަކީ ނެތް ބައެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހަމައެކަނި ލައިސަންސް ޗެކް ކޮށްލާ، ސްކޫލް ނިމޭ ވަގުތު ކޯން ޖަހަން ނުވަތަ އެ ވަގުތު މަގުތައް ބަލަހައްޓަން ނުކުމެލޭ ބައެއް ބާވައޭ ވެސް ބައެއް ފަހަރު ހިތަށް އަރަ އެވެ.
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް ކެންސަލްކޮށްފި
އެކްސިޑެންޓަށް އަހަރެއް؛ މެސެޖާއެކު އޮއްތޮ މަގުމައްޗަށް
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
ފިލަން އުޅުމުން ޕޮލިހެއްގެ ގައިގައި ސައިކަލުން ޖެހިއްޖެ
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
އެކްސިޑެންޓްތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް
މިރޭ ވެސް އެކްސިޑެންޓެއް، ތިން މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ދެ އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް
ޓްރެފިކް ގަވައިދުތައް ބަދަލުވާން ޖެހޭ: ސީޕީ