Roadha Mihaaru
ހުރިހާ ވެހިކަލެއްގެ ނަމްބަ ޕްލޭޓް ބަދަލުކުރަން ޖެހޭތަ؟

ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހޭތަ؟

05 ޖެނުއަރީ 2021

މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަރުކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާ، ބަޔަކާ އެ މަސައްކަތް، ގަވާއިދާ ހިލާފަށް ހަވާލުކުރީ ހަމައެކަނި މާލޭގައި ދުއްވާ އެއްޗެހި ހިމަނައިގެން ނޫނެވެ: ރާއްޖޭގެ ހުރިހާ ރަށެއްގައި ގެންގުޅޭ އިންޖީނުލީ ހުރިހާ އެއްގަމު އުޅަނދުފަހަރު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަރުކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާ، ބަޔަކާ އެ މަސައްކަތް، ގަވާއިދާ ހިލާފަށް ހަވާލުކުރީ ހަމައެކަނި މާލޭގައި ދުއްވާ އެއްޗެހި ހިމަނައިގެން ނޫނެވެ: ރާއްޖޭގެ ހުރިހާ ރަށެއްގައި ގެންގުޅޭ އިންޖީނުލީ ހުރިހާ އެއްގަމު އުޅަނދުފަހަރު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ބީލަމުގެ ތެރެއިން މި މަސައްކަތް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވިއިރު، މިއީ ހުރިހާ ރަށެއްގައި ކޮންމެހެން މަޖުބޫކުރަން ޖެހޭ ކަމެއްތޯ ވެސް މިވަނީ ސުވާލު އުފެދިފަ އެވެ.

އެކަމަކު ފުލުހުން ބުނާ ގޮތުގައި އެއީ ކުރަން ޖެހިފައި އޮތް ކަމެކެވެ.

ވަސާޖިއޯއާ އެކު އެއްބަސްވީ ވަކި މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރާށެވެ. ޓްރެފިކް ބެލެހެއްޓުމާއި ވެހިކަލްތައް ރައްކާތެރިކޮށް އަދި ޓްރެފިކް ކުށްތައް ހުއްޓުވަން މި ބަދަލު ގެންނައިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ސްޕީޑް ގަން ނުވަތަ ކެމެރާތަކެއް ނުގެންގުޅެ އެވެ. އެހެންކަމުން ރާއްޖޭގައި ދުއްވާ ހުރިހާ އުޅަނދެއްގެ ނަމްބަރު ޕްލޭޓް ވަކި މުއްދަތެއްގެ ތެރޭގައި ބަދަލުކުރަން ޖެހޭ ހެއްޔެވެ؟

މިކަން ކުރަން ބަޔަކާ ހަވާލުކޮށް އެއްބަސްވުން ބާތިލްކުރަން ޖެހުނުއިރު ވެސް ޚިދުމަތް ދޭނެ ގޮތެއް ރައްޔިތުންނަށް ޓްރާންސްޕޯޓް އޮތޯރިޓީން ސާފެއް ނުކޮށްދެ އެވެ. އެކަމަކު ނަމްބަރު ޕްލޭޓަށް ވަސާޖިއޯއަށް ފައިސާ ދައްކަން ޖެހެނީ ވެހިކަލްގެ ވެރިފަރާތުންނެވެ. ވަސާޖިއޯއާ އެކު ޓްރާންސްޕޯޓުން އެއްބަސްވީ ސައިކަލަކަށް 475ރ. އަށް އަދި ހަތަރު ފުރޮޅުލީ ވެހިކަލަކަށް 675ރ. ނެގުމަށެވެ.

ވަކި މުއްދަތެއްގައި އެކަން ކޮށް ނިންމަން ޖެހޭ އިރު ވަސާޖިއޯއަށް ގާތްގަނޑަކަށް 64 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ނަމްބަރު ޕްލޭޓުގައި ހުންނަން ޓްރާންސްޕޯޓް މިނިސްޓްރީން ޝަރުތުކުރި ކަންތައްތަކުގެ ތެރޭގައި ރިފްލެކްޓިވް މެޓީރިއަލް އަކުން ނަމްބަރު ޕްލޭޓް ހެދުމާއި އަކުރުތައް އެމްބޯސްކުރުމާއި ޕްލޭޓުގެ ބެކްގްރައުންޑުގައި އެއްވެސް މަންޒަރެއް ނުވަތަ ޕެޓާންއެއް ނުހުރުން ހިމެނެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ވެހިކަލްތަކެއްގައި މެޝީން ރީޑަބަލް ނަމްބަރު ޕްލޭޓް ބަދަލުކުރުމުގެ ބޭނުމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ދެންނެވުމުން ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓުގެ ހެޑް، ހުސެއިން ސަމީރު ވިދާޅުވީ އެއީ ވީހާވެސް އަވަހަކަށް ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ފުލުހުން އެކަން ޓްރާންސްޕޯޓަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ހުރިހާ ވެހިކަލެއްގެ ނަމްބަރު ބޯޑު ބަދަލުކުރުމުން، ގަވާއިދާ ޚިލާފަށް ދުއްވުން ހުއްޓުވުމާއި ވަގަށް ނަގައިގެން ވެހިކަލް ދުއްވުން ފަދަ ކަންކަން ހައްލުކުރަން ފަސޭހަވާނެ އެވެ.

ހޮލޯގްރާމް ފީޗާއަކާ އެކު ނަމްބަރު ބޯޑުތައް ދަގަނޑުން ހަދައި ބޭނުންކުރަން ފެށުމުން މިހާރު ބޭނުންކުރާ، ވެހިކަލް ޒޯންތައް އުވި ކޮންމެ ރަށަކަށް ވަކި ނަމްބަރުތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކެމެރާތަކުން ބޯޑުތައް ރީޑްކުރާނެ، އަޅުގަނޑުމެން މި އަންނަނީ ބޮޑެތި ރަށްތަކުގައި ވެސް ކެމެރާ ބޭނުންކުރަން ފަށަމުން. އެހެންވީމަ މުޅި ރާއްޖޭގައި ވެސް ވަކި މުއްދަތެއްގެ ތެރޭގައި [ނަންބަރު ޕްލޭޓް] ބަދަލުކުރުން މުހިއްމު،" ސަމީރު ވިދާޅުވި އެވެ.

ސްޕީޑް ގަން ބޭނުންކުރަން ފަށާނެ ބޮޑެތި ރަށްތަކުގެ ތެރޭގައި އައްޑު އާއި ފުވައްމުލަކާއި ހދ. ކުޅުދުއްފުށި ފަދަ ރަށްރަށް ހިމެނޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ވެހިކަލްތަކުގައި ވީހާވެސް އަވަހަކަށް މެޝިން ރީޑަބަލް ނަމްބަރު ބޯޑުތައް ހަރުކުރަން ފުލުހުން ބޭނުން ވިޔަސް އެ މަސައްކަތް މިހާރު އަނެއްކާ މިއޮތީ ކޮރަޕްޝަންގެ ތުހުމަތާ ހެދި ލަސްވެފަ އެވެ. ވަސާޖިއޯއާ އެކު ވީ އެއްބަސްވުން ބާތިލްކޮށް މައްސަލަ ހައްލުކޮށް އަލުން ބީލަމަށް ލައިގެން ބަޔަކާ ހަވާލުކުރަން އިތުރު މުއްދަތު ނަގާނެ އެވެ.