Roadha Mihaaru
ސައިކަލުގެ ހުންގާނު ކުއްޖެއްއަތަށްދިން މީހާއަށް ފިޔަވަޅު

ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ހުންގާނު ދިން މީހާ ޖޫރިމަނާކޮށް، އުޅަނދު ހިފަހައްޓައިފި

17 ނޮވެމްބަރ 2024

ސިނަމާލެ ބްރިޖުގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ހުންގާނުގެ ކޮންޓްރޯލް ދީގެން ސައިކަލު މީހާއަށް ފިޔަވަޅު އަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސިނަމާލެ ބްރިޖުގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ހުންގާނުގެ ކޮންޓްރޯލް ދީގެން ސައިކަލު މީހާއަށް ފިޔަވަޅު އަޅައިފި އެވެ.

ސޯޝަލް މީޑިއާގައި މިދިޔަ މަހު އާންމުވި ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި ކުޑަ ފިރިހެން ކުއްޖަކު ގޮވައިގެން ދުއްވާފައި ދާއިރު، އެ ކުއްޖާގެ އަތަށް ހުންގާނުގެ ކޮންޓްރޯލް ދީގެން ހުންނަ މަންޒަރެވެ. އޭރު ސައިކަލުގެ ފަހަތުގައި އިން މީހާ ހުރީ ވައަތުން ހުންގާނުގައި ކުޑަކޮށް އަތް ޖައްސާލައިގެންނެވެ.

އެމްއެންޑީއެފްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން ސެކްޝަންގައި މަސައްކަތްކުރާ އެ މީހާ އެ މައްސަލާގައި އެދުވަހު ފުލުހަށް ހާޒިރުކޮށް، އަދި އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފުލުހުން ފޮނުވި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު "މިހާރު" އަށް ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެ މީހާ 2،000ރ. އިން ޖޫރިމަނާ، އެ މީހާގެ ސައިކަލު 30 ދުވަހަށް ހިފަހައްޓަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެ ފިޔަވަޅު އެޅީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ދައްކަން ޖެހެނީ 30 ދުވަސް ތެރޭގައި ކަމަށް ޝިފާން ވިދާޅުވި އެވެ.

މީގެ ކުރިން ސައިކަލެއްގެ ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން ދުއްވި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލަ އޭރު ފުލުހުން ވެސް ބެލި އެވެ.