Roadha Mihaaru
ބިޔަ ސްކޭމެއް، އެކަކުގެ ނަމުގައި 100 ވެހިކަލް!

ބިޔަ ސްކޭމެއް، އެކަކުގެ ނަމުގައި 100 ވެހިކަލް!

13 ޖޫން 2024

ރާއްޖޭގެ ރަސްމީ ވައިގެބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަނިކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ވެހިކަލްތަކުގެ ބިޔަ ސްކޭމެއް ފަޅާ އަރައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ރަސްމީ ވައިގެބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަނިކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ވެހިކަލްތަކުގެ ބިޔަ ސްކޭމެއް ފަޅާ އަރައިފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ، އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މ. ސީނި އަސުރުމާގެ އަހުމަދު ހައިޝަމް، 42 އާއި މ. މޮޑަން ހޯމް އަހުމަދު ނިޒާމް، 43 އެވެ.

ފުލުސް އޮފީހުން، މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ މި ފަޅާއެރި ވައްކަމުގެ "ފުންމިން" އަދި ނޭނގޭ ކަމަށެވެ. އެކެއްގެ ނަން މަތީގައި، 100 ވެހިކަލް ރަޖިސްޓްރީކޮށްފައިވާ އިރު، މިހާތަނަށް ބެލިބެލުމުން ވެހިކަލްތަކުގެ އަސްލު ގެއްލޭވަރަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވިދާޅވި އެވެ.

އޭނާ ވިދާޅުވީ މި ސްކޭމް ފަޅާއެރީ، އެމްއޭސީލްގެ ތެރޭގައި އޮތް ވޭނެއް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް ބެލި ބެލުމުން ކަމަށާއި އެ ވޭން ވަގަށް ނެގުމުގައި އެ ކުންފުނީގެ މުވައްޒަފެއް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވެހިކަލް ވަގަށް ނެގުމަށް ފަހު ނަމްބަރު ޕްލޭޓް ވެސް ބަދަލުކޮށް، ވެހިކަލްގެ އަސްލު ވަނީ އޮޅުވާލައިފަ އެވެ. އެކަންކުރީ ވެހިކަލް ވަގަށް ނަގައިގެން އެ ރޭގެ ދަންވަރު އެއާޕޯޓު ހުޅަނގުން އޮންނަ މަގުން ހުޅުމާލެ ގޮސް، ހުޅުމާލޭ އޮރެންޖު ބިލްޑިން ކައިރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ވެހިކަލް މާލެ ގެނައުމަށް ފަހު ބާއްވާފައި ވަނީ ހ. އީރާނުގޭގަ އެވެ.

ދާއޫދު ވިދާޅުވީ ފުލުހުން ހޯދަނިކޮށް އެ ވެހިކަލް ފެނުނީ އީރާނުގެ ތިރީގައި ހަދާފައި ހުރި ގަރާޖެއްގެ ތެރެއިން ކަމަށެވެ. އެ ގަރާޖު ބަލައި ފާސްކުރިއިރު އެ ވޭންގެ އިތުރުން އޭގެ މަހެއްހާ ދުވަސް ކުރިން އިމިގްރޭޝަނުން ވަގަށް ނަގާފައިވާ ވެހިކަލެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެންނެވި ވައްކަމުގެ ތެރޭގައި ބޮޑެތި ހަތަރު ފުރޮޅުލީ ވެހިކަލްތަކުގެ އަސްލު އޮޅުވާލުމަށްޓަކައި މަސައްކަތް ކޮށް އިންޖީނު ނަންބަރާއި ޗެޗެސް ނަންބަރު ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި މާލޭގައި މި ވިޔަފާރި ކުރަމުންދާ ކަން،" ދާއޫދު ވިދާޅުވި އެވެ.

އެންމެ ކޮންސާން ވާ ކަމަކީ އަޅުގަނޑުމެންނާ ބައްދަލުނުކުރާ އަހަރުތައް މިސާލަކަށް 2027، 2025 މި އަހަރުތަކަށް ރެޖިސްޓްރީ ހަދާފައި މިހުރީ އިޝޫކޮށްފައި. މިއީ ހަމަ ބޮޑު ފްރޯޑެކޭ -- ދާއޫދު

ފުލުހުން ބުނި ގޮތުގައި މީގެ ތެރެއިން ކާރު ފެނުނު ގަރާޖު ކުއްޔަށް ނަގައިގެން އުޅެނީ ނިޒާމް އެވެ. ގިނަ އަދަދެއްގެ ވެހިކަލް ރެޖިސްޓްރީ ކޮށްފައި އޮތީ އޭނާގެ ނަމުގަ އެވެ. އޭގެ ތެރޭގައި، ހަތަރު ފުރޮޅުލީ 86 އުޅަނދު ހިމެނޭއިރު ނިޒާމްގެ އަންހެނުންގެ ނަމުގައި 42 އުޅަނދު އަދި އޭނާގެ ނަމުގައި ބާކީ ހުރި އުޅަނދު ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި 100 ވެހިކަލް ވެސް ރެޖިސްޓްރީ ކޮށްފައިވަނީ މާލޭ ސަރަހައްދަށް ކަމަށާއި އިތުރަށް ބެލި ބެލުމުން ބައެއް ރެޖިސްޓްރީތަކަކީ ކުރިއަށް އޮތް އަހަރުތަކަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ހޯދާފައިވާ ރެޖިސްޓްރީ ކަމަށެވެ. ދާއޫދު ވިދާޅުވީ 2025، 2026، އަދި 2027 އަހަރުތަކުގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކޮށް ވެހިކަލް ރެޖިސްޓްރީ ޓްރާންސްޕޯޓު މިނިސްޓްރީން ދޫކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާއޫދު މައުލޫމާތު ދެއްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ފުލުހުންގެ އިދާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާއޫދު މައުލޫމާތު ދެއްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މި މައްސަލާގައި "މިހާރު" އިން އިތުރަށް ސުވާލުކުރުމުން ދާއޫދު ވިދާޅުވީ ނިޒާމަކީ ރާއްޖެއަށް ވެހިކަލް އެތެރެ ކުރާ ފަރާތެއް ކަމަށާއި އެހެން ކަމުން އޭގެ ތެރޭގައި ސައްހަ ގޮތުގައި އެތެރެ ކޮށްފައިވާ އުޅަނދު ވެސް ހުރި ކަމަށް ބެލެވޭ ކަމަށެވެ.

"100 ވެހިކަލްގެ ތެރެއިން 86 ހަތަރު ފުރޮޅުލީ އުޅަނދު މި އޭރިއާއަށް ރެޖިސްޓްރީކުރަން ވެއްޖެ ހިނދެއްގައި، 86 ގަރާޖު ސިޓީ ހޯދަން ޖެހޭ. ކިހިނެއްބާއޭ އެ ހޯދަނީ. އެއާއެކީގައި އެންމެ ކޮންސާން ވާ ކަމަކީ އަޅުގަނޑުމެންނާ ބައްދަލުނުކުރާ އަހަރުތައް މިސާލަކަށް 2027، 2025 މި އަހަރުތަކަށް ރެޖިސްޓްރީ ހަދާފައި މިހުރީ އިޝޫކޮށްފައި. މިއީ ހަމަ ބޮޑު ފްރޯޑެކޭ،" ދާއޫދު ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވީ މިކަން ހިނގާފައި އޮތީ ނިޒާމް އާ ގާތް ގުޅުމެއް އޮންނަ ގޮތުން، ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. ވައްކަމުގެ މައްސަލައާއެކު ޓްރާންސްޕޯޓު ތެރެއިން މި ޖަރީމާ ހިންގުމުގެ ތެރޭގައި ހިމެނޭ ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.