Roadha Mihaaru
ބްރިޖުން ފީއެއް ނަގަން މަޝްވަރާކުރަން ނިންމައިފި

ބްރިޖުގެ ދަތުރުތަކުން ފީއެއް ނަގަން މަޝްވަރާކުރަން ނިންމައިފި

25 ޖުލައި 2024

މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ދަތުރުތައް ކުރާ ސިނަމާލެ ބްރިޖުގައި ޓޮލް ނިޒާމް ގާއިމްކޮށް، ފީއެއް ތައާރަފްކުރުމުގެ މަޝްވަރާތައް ކުރަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ދަތުރުތައް ކުރާ ސިނަމާލެ ބްރިޖުގައި ޓޮލް ނިޒާމް ގާއިމްކޮށް، ފީއެއް ތައާރަފްކުރުމުގެ މަޝްވަރާތައް ކުރަން ނިންމައިފި އެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށް ގެންދާ "މާލެ ފެހި" ޕްރޮގްރާމް އިފްތިތާހްކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އާއްމުކުރި ވީޑިއޯގައި ބުނީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް، ކަމާ ގުޅުން ހުރި ދައުލަތުގެ ހުރިހާ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ޓޮލް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

ފީ ނެގުން، ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ދިރާސާތައް ހެދުން އަންނަ މަހު ތެރޭގައި ފަށާނެ ކަމަށް ވެސް އެ ވީޑިއޯގައި ބުންޏެވެ.

ޗައިނާގެ ސީސީސީސީ ކުންފުނިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ޓޮލް ނިޒާމެއް ގާއިމްކުރަން މަޝްވަރާތައް ކުރި އެވެ. ފީއެއް ނުނަގައި، ބްރިޖުގެ ދަތުރުކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ނުވާތީ، ފީއެއް ނެގުމުގެ މަޝްވަރާތައް ކުރީ ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ ވެސް ގުޅިގެންނެވެ.

ބްރިޖުގެ ޓޮލް ނިޒާމް ގާއިމްކުރަން އޭރު ވިސްނާފައި އޮތީ ބްރިޖް މަތިން ވެހިކަލްތައް ދަތުރުކުރާއިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެ އެވެ.

ބްރިޖުގެ މަރާމާތަށް ބޮޑު ހޭދައެއް ހިނގާތީ، ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމު ގާއިމުކުރަން، 2018 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ހިމެނި އެވެ.

އެހެން ނަމަވެސް އެ އަހަރު، ވެރިކަން ނިމެން އުޅެނިކޮށް ބްރިޖު ހުޅުވީ އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ. މިދިޔަ ސަރުކާރުން ވެސް އެ ނިންމުމަށް ބަދަލެއް ނުގެނެ އެވެ.