Roadha Mihaaru
މާލެ-ހުޅުމާލެ ބަހަށް ބަސް ސްޓޮޕްތައް އިތުރުކޮށްފިި

މާލެ-ހުޅުމާލެ ބަސް ދަތުރުތަކަށް ބަސް ސްޓޮޕްތައް އިތުރުކޮށް، ޚިދުމަތް ދޭން ފަށައިފި

01 ޑިސެމްބަރ 2018

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކުގައި މާލެ އާއި ހުޅުމާލޭގައި ވެސް ބަސް މަޑުކުރާނެ ސްޓޮޕްތައް އިތުރުކޮށް، މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކުގައި މާލެ އާއި ހުޅުމާލޭގައި ވެސް ބަސް މަޑުކުރާނެ ސްޓޮޕްތައް އިތުރުކޮށް، މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށައިފި އެވެ.

ބްރިޖް ހުރަސްކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތައް ކުރިން ކުރަމުން ދިޔައީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ބަސް ޓާމިނަލާއި ހުޅުމާލެ އަށް އަރާ ހިސާބުގައި ހުންނަ ބަސް ޓާމިނަލާ ދެމެދު އެކަންޏެވެ.

އެކަމަކު މިއަދު ހަވީރުން ފެށިގެން ވަނީ މާލޭގައި އެ ބަސް މަޑު ކުރާނެ އިތުރު ދެ ތަނެއް ހަމަޖައްސައި އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ ހިސާބުގެ އެކި ތަންތަނަށް ބަސް މަޑުކުރާ ގޮތަށް ހަމަޖައްސައިފަ އެވެ. މާލޭގައި ބަސްތައް މަޑު ކުރާނީ ރިންގް ރޯޑްގެ ޕޮލިސް ޓޯޔާޑް ކައިރި އަށާއި ސްޓެލްކޯ ފުރަގަހަށެވެ. ހުޅުމާލޭގައި ބޮޑެތި މަގުތަކުން ދަތުރުކޮށް، ޖުމްލަ ހަތް ތަނަކަށް އެ ބަސް މަޑު ކުރާނެ އެވެ.

އެ ޚިދުމަތް މިއަދު ހަވީރު ފައްޓަވައި ދެއްވުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އެ ޚިދުމަތުގެ ސަބަބުން ގިނަ ބަޔަކަށް އޭގެ ފަސޭހަތައް ވެގެންދާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މާލޭގެ އެތެރޭގެ ދަތުރުތަކަށް ކުދި ބަސްތައް ބޭނުން ކުރުން ކަމަށެވެ. އެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"މިހާރު މި ގެންގުޅޭ ބަސްތައް އަޅުގަނޑުމެންނަށް މާލޭގެ އެތެރޭގައި ބޭނުން ނުކުރެވޭނެތީ މިކަހަލަ ޚިދުމަތް މާލޭގެ އެތެރޭގެ މަގުތަކުގައި ދެވެން ނެތީ. އެކަމަށްޓަކައި މި ބޭނުންވަނީ މިނީ ބަސްތަކެއް،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބޮޑެތި ރަށްރަށުގައި ވެސް ބަހުގެ ޚިދުމަތް ދޭން ފެށުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއާ އެކު ދަނީ ކުރަމުންނެވެ.

ހުޅުމާލޭގައި ބަސް ސްޓޮޕްތައް ހަދާފައިވާ ތަންތަން: --ފޮޓޯ/އެޗްޑީސީ

ހުޅުމާލޭގައި ބަސް ސްޓޮޕްތައް ހަދާފައިވާ ތަންތަން: --ފޮޓޯ/އެޗްޑީސީ

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އަލަށް ގެނައި ބަދަލާ އެކު މާލެ އާއި ހުޅުމާލޭގައި ވެސް މުހިިންމު ހުރިހާ ސަރަހައްދަކަށް އެ ބަހުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. މިވަގުތު މާލޭގައި ބަސް މަޑު ކުރާނީ އެންމެ ދެ ތަނަކަށް ކަމަށް ވިޔަސް، އާންމުގެ ޚިޔާލާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ބަސް ސްޓޮޕްތައް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ވެސް މުހިންމު ތިން ބައެއް ކަވާ ކޮށްފައި އަޅުގަނޑުމެން މިހާރު މި ފަށައިގަތީ. މި ބަސް އިރާދަ ކުރެއްވިއްޔާ ދަތުރު ކުރާނެ، ހުޅުމާލޭގެ މުޅި ހުރިހާ ދިމާލެއް ކަވާ ކުރާ ގޮތަށް. އެއީ ނެއިބާހުޑާ އެއްކޮށް." ރަފީއު ވިދާޅުވި އެވެ.

ރަފީއު ވިދާޅުވީ އެ ބަދަލު ގެނައީ ބަސް ސްޓޮޕްތަކުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭ ގޮތަށް ބަލައިގެންނެވެ. ނަމަވެސް ތަޖްރިބާ އާއި އާންމުންގެ ޚިޔާލާ އެއްގޮތަށް ބަސް ސްޓޮޕްތައް އިތުރުކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.