Roadha Mihaaru
ތުރުކީން 8،000 ފުލުސް އޮފިސަރުން ސަސްޕެންޑްކޮށްފި

ތުރުކީން 8،000 ފުލުސް އޮފިސަރުން ސަސްޕެންޑްކޮށްފި

18 ޖުލައި 2016

އަންކާރާ (ޖުލައި 18) - ހުކުރު ދުވަހުގެ ރޭ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅުން ހުރި ކަމަށް ބެލެވޭ ފުލުހުންގެ 8،000 އޮފިސަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޖުލައި 18) - ހުކުރު ދުވަހުގެ ރޭ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅުން ހުރި ކަމަށް ބެލެވޭ ފުލުހުންގެ 8،000 އޮފިސަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބަޣާވާތާ ގުޅިގެން މިހާތަނަށް ވަނީ 6،000 މީހުން ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ސިފައިންނާއި ޝަރުއީ ދާއިރާގެ އޮފިޝަލުން ވެސް ހިމެނެ އެވެ. އަދި 2،700 ފަނޑިޔާރުން ވަނީ މަސްއޫލިއްޔަތުން އެކެހެރިކޮށްފަ އެވެ.

ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނީ ބަޣާވާތަކީ ސިފައިންގެ ތެރެ ސާފުކޮށްލަން ލެއްވި ރަހުމަތެއް ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން މި ފަހަރު ވައިރަސް ފޮހެލާނެ ކަމަށް ވިދާޅުވި އެވެ.

ތުރުކީގެ ރަސްމީ މީޑިއާ އިން މިއަދު ބުނީ ބަޣާވާތާ ގުޅުން ހުރި މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނުގައި 100 އަށް ވުރެ ގިނަ ޖެނެރަލުންނާއި އެޑްމިރަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބަޣާވާތާ ގުޅިގެން ހެލިކޮޕްޓަރެއްގައި ގްރީސް އަށް ދިޔަ ތުރުކީ ސިފައިންގެ އަށް އޮފިސަރުން ކޯޓަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ. އެ މީހުން ކޯޓަށް ހާޒިރު ކުރަނީ ގަވާއިދާ ޚިލާފަށް ގްރީސް އަށް އެތެރެވެފައިވާތީ އެވެ.

ރައީސް އުރުދުޣާން ވަނީ ތުރުކީގައި އަލުން މަރުގެ އަދަބު ދޭން ވިސްނަވާ ކަމަށް ވިދާޅުވެފަ އެވެ. އުރުދުޣާން ވިދާޅުވީ ބަޣާވާތުގައި ބައިވެރިވި މީހުންނަށް ހަރުކަށި އަދަބު ދިނުމުގެ ގޮތުން މަރުގެ އަދަބު ދޭން ޖެހޭ ކަމަށެވެ. ތުރުކީގައި މަރުގެ އަދަބު ދިނުން ހުއްޓާލީ 2004 ވަނަ އަހަރު އެވެ. އެ ގައުމުގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ 1984 ވަނަ އަހަރު އެވެ.