Roadha Mihaaru
ތުރުކީ ފުލުހުންގެ 9000 އޮފިސަރުން ސަސްޕެންޑްކޮށްފި

ތުރުކީ ފުލުހުންގެ 9000 އޮފިސަރުން ސަސްޕެންޑްކޮށްފި

27 އެޕްރީލް 2017

އިސްތަންބޫލް (އެޕްރީލް 27) - ތުރުކީ އަށް މިދިޔަ އަހަރު ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ސަރުކާރުން ބުނާ ފަތުހުﷲ ގުލަންއާ ގުޅުން އޮތް ކަމަށް ބެލެވޭ ފުލުހުންގެ 9،000 އަށް ވުރެ ގިނަ އޮފިސަރުން ސަސްޕެންޑްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (އެޕްރީލް 27) - ތުރުކީ އަށް މިދިޔަ އަހަރު ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ސަރުކާރުން ބުނާ ފަތުހުﷲ ގުލަންއާ ގުޅުން އޮތް ކަމަށް ބެލެވޭ ފުލުހުންގެ 9،000 އަށް ވުރެ ގިނަ އޮފިސަރުން ސަސްޕެންޑްކޮށްފި އެވެ.

ފުލުހުން ބުނީ މި ފިޔަވަޅު އެޅީ ގައުމީ ސަލާމަތަށްޓަކައި ކަމަށެވެ. ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނީ މިދިޔަ ޖުލައި މަހު ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައި ހުރީ އެމެރިކާގައި ދިރިއުޅޭ ގުލަން ކަމަށެވެ. ނަމަވެސް ގުލަން އެކަން ދޮގު ކުރެ އެވެ. އުރުދުޣާން ވިދާޅުވީ ސިފައިންނާއި ފުލުހުންނާއި ޝަރުއީ ނިޒާމުގެ ތެރެއިން "ގުލަން ހަރަކާތް" ސާފުކޮށްލާނެ ކަމަށެވެ. އަދި އެއް ދަައުލަތެއްގެ ތެރޭގައި އިތުރު ދައުލަތެއް ނުހިންގޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ގުލަންއާ ގުޅުން އޮންނަ ހަރަކާތެއް ތުރުކީގައި އޮވެ އެވެ.

ބަޣާވާތާ ގުޅުންހުރި ކަމަށް ބަލާ ތުރުކީން އިއްޔެ ވެސް ވަނީ 1،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. ފުލުހުން ވަނީ 81 ޕްރޮވިންސުން 3،224 މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފަށައިފަ އެވެ.

ތުރުކީގެ ދާޚިލީ ވަޒީރު ސުލޭމާން ސޮއިލޫ ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަން ޓާގެޓްކޮށްފައި ވަނީ ގުލަން ނެޓްވޯކަށް ކަމަށެވެ. އޭގެތެރޭން ބައެއް މީހުން ވަނީ "ސިއްރު އިމާމުންގެ" ގޮތުގައި ފުލުހުންގެ ތެރެއަށް ދެމިގެންފައިވާ ކަމަށް ވެސް ސޮއިލޫ ވިދާޅުވި އެވެ.

ޖުލައި 15 ވަނަ ދުވަހު ގެނައި ބަޣާވާތާ ގުޅިގެން 47،000 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 10،700 ފުލުހުންނާއި 7،400 ސިފައިން ވެސް ހިމެނެ އެވެ. އަދި 120،000 މީހުން ވަނީ މަގާމުން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްފަ އެވެ.

ތުރުކީގެ ރައީސް އަށް އާދަޔާޚިލާފު ބާރުތައް ލިބޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުން މި މަހު ކުރީކޮޅު ވަނީ ރުހުން ދީފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ހަނި އަޣުލަބިއްޔަތުން އެ ވޯޓު ސަރުކާރުން ކާމިޔާބު ކުރީ ވަރަށް ބޮޑަށް އޮޅުވާލައި، މަކަރު ހަދައިގެން ކަމަށެވެ.