Roadha Mihaaru
ފައިރޫޝްގެ ޚިދުމަތް ފާހަގަކުރުމުން ސީޕީ "ގޯސްވެއްޖެ"!

ފައިރޫޝްގެ ޚިދުމަތް ފާހަގަކުރުމުން ސީޕީ ހަމީދު "ގޯސްވެއްޖެ"!

03 ޖެނުއަރީ 2021

ފުލުހުންގެ މުއައްސަސާ އަށް ކުރީގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ޑރ. އަބްދުﷲ ފައިރޫޝް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެމްޑީޕީގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުންގެ މުއައްސަސާ އަށް ކުރީގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ޑރ. އަބްދުﷲ ފައިރޫޝް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެމްޑީޕީގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ޚިދުމަތުގައި 20 އަހަރަށް ފަހު ފައިރޫޝް އިއްޔެ ވަނީ ރިޓަޔާ ކުރައްވައިފަ އެވެ. މަގާމުން ވަކިވެވަޑައިގަތުމަށް އޭނާ ހުށަހަޅުއްވާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ފައިރޫޝް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރަން ފުލުހުންގެ ތެރޭގައި އިއްޔެ ބޭއްވި ހަފުލާގެ ފޮޓޯއެއް ހަމީދު ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވުމާ އެކު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ހަނދާނަށް އައީ ފެބުރުއަރީ 7، 2012 އެވެ. އެއީ އޭރުގެ އިދިކޮޅު ޕާޓީތަކުން ކުރި ސިލްސިލާ މުޒާހަރާތަކާ ފުލުހުންނާއި ސިފައިން ގުޅި އެމްޑީޕީގެ ވެރިކަން ބަދަލުވި ދުވަހެވެ.

ފައިރޫޝްގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ހަމީދު ވިދާޅުވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ހަމީދު ލަދުގަންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ނުރުހުން އަމާޒު ކުރެއްވީ އެމްޑީޕީގެ ވެރިކަން ބަދަލުވި ދުވަހު ޖުމްހޫރީ މައިދާނުގައި ފައިރޫޝް ވާހަކަ ދައްކަވާ ވީޑިއޯ އާއްމުކުރައްވަމުންނެވެ.

އެ ވީޑިއޯގައި ފައިރޫޝް ވިދާޅުވީ "ރާއްޖޭގައި މިހާރު ހިނގަމުންދާ ހަލަބޮލިކަމާ ގުޅިގެން، ރޭގައި މި ހިނގާ ދިޔަ ހާދިސާތަކަށް ފަހު ފުލުހުންނާއި ސިފައިންނާއި ރައްޔިތުންނާ އެއްބައިވެގެން މި ކުރިއަށް ގެންދިޔަ ޚާއްސަ މަސައްކަތުގެ ނަތީޖާއެއްގެ ފޮނިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން" ކަމަށެވެ. ފުލުހުންގެ ތެރޭގައި ހުންނަވައިގެން ފައިރޫޝް އެ ވާހަކަ ދެއްކެވީ ހަމަނުޖެހުންތަކަށް ފަހު މުއައްސަސާއާ ހަވާލުވެވަޑައިގެން ހުންނެވީ އޭނާ ކަމަށް ވިދާޅުވެ އެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި، ފައިރޫޝަކީ ވެރިކަން ބަދަލުވުމުގައި ފުލުހުން ހިންގި ގާނޫނާ ޚިލާފު އަމަލުތަކުގައި އިސްކޮށް އުޅުއްވި އެއް އޮފިސަރެވެ. ކޮމިޝަނަރު އޮފް ޕޮލިސް ހަމީދު ވެސް ކުރިން ވަނީ ފެބުރުއަރީ 7 ގައި ހިންގީ ބަޣާވާތެއްގެ ކަމަށް ސިފަކުރައްވައި ފުލުހުންގެ ތެރޭގައި ފައިރޫޝް އިސްކޮށް އުޅުއްވި ފޮޓޯ ޓުވީޓް ކުރައްވައިފަ އެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވަނީ "ފެބުރުއަރީ 7ގައި ކުރީ ބަޣާވާތެއް ނޫން" ކަމަށް ހަމީދު މިހާރު ގަބޫލުކުރައްވަނީތޯ އައްސަވައިފަ އެވެ. ފައިރޫޝްއާ ބެހޭ ގޮތުން ހަމީދު ފަހުން ވިދާޅުވި ވާހަކައަކީ ދިވެހިންނަށް ބަލައިގަންނަން އުނދަގޫ ލަދުވެތި ވާހަކައެއް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހަނދާން ކޮށްދެއްވީ އޭރު ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު ފަސީހް ހުންނަވަނިކޮށް، އޭނާގެ ޒިންމާތަކާ ފައިރޫޝް އަމިއްލަ އަށް ހަވާލުވުވަޑައިގެން އަމަލުކުރެއްވި ގޮތާ ގުޅޭ ގޮތުން ހަމީދު ދައްކަވާފައިވާ ވާހަކަތަކެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އިތުރުން އެ ޕާޓީގެ އިސް އެކްޓިވިސްޓުން ވެސް ވަނީ ސީޕީ ހަމީދަށް ފާޑުވިދާޅުވެފަ އެވެ.

ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވަން މާކުރިން ފައިރޫޝް ޕްލޭން ކުރައްވާފައި އޮތަސް އެއް ބަޔަކު ތުހުމަތު ކުރާ ގޮތުގައި މައްސަލަ ބަލާނެތީ އަވަހަށް ވަކިވެވަޑައިގަތީ އެވެ. އެމްޑީޕީން ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުން ވަނީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރަން ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނު އޮތީ ފުލުހުންގެ އިސް މަގާމްތަކުގައި ތިއްބެވި އެކި ތުހުމަތު ކުރެވޭ ބޭފުޅުން ވަކިކުރެވޭ ގޮތަށެވެ. ފައިރޫޝްގެ އިތުރުން ވެސް ފެބުރުއަރީ 7 ވަނަ ދުވަހާ ގުޅިގެން ވަކިކުރަން ޖެހޭ މީހުން އެ މުއައްސަސާގައި ތިބި ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. ހަމީދު ހޫނު ފެނަށް މި ވެއްޓުނީ، އެ ގަބޫލުކުރުމާ ދެކޮޅު ބަހެއް، 20 އަހަރުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ނިޔަތުގައި ނަމަވެސް ވިދާޅުވުމުންނެވެ.