30 އޮކްޓޯބަރ 2019
ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން "ސޭޓު" ގެ ނަމުން ގޮވާތީ ގާސިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން "ސޭޓު" ގެ ނަމުން ގޮވާތީ ގާސިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ގާސިމް ބޮޑަށް ރައްދު ދެއްވީ އޭނާ އަށް "ސޭޓު" ކިޔާ މީހުންނަށެވެ. ގާސިމް ވިދާޅުވި ގޮތުގައި "ސޭޓު" ނުވަތަ "މަހުޖަނަށް" ގޮވުން އާންމު ކަމަކަށް ވެފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާ އަށް އެގޮތަށް ގޮވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނާ މީހުންނެވެ. ގާސިމް ވިދާޅުވީ ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ގޮތް ބޭރުގެ ފަނޑިޔާރުން ގެނެސްގެން ތަހުގީގުކޮށް ނިމި [އެއީ ބަޣާވާތެއް ނޫން] ކަމަށް ނިންމާފައިވާ ކަމަށެވެ.
"ކިތަންމެ ވަރަކަށް އަޅުގަނޑުމެން މި ތަނުގައި ނަގަނަގާފައި ބަޣާވާތެކޭ ކިޔާފައ ދެއްކިޔަސް އެ މި ގައުމުގައި ނުހިނގާނެ. ބަޣާވާތަކަށް ވެސް ނުހެދޭނެ،" ގާސިމް ވިދާޅުވި އެވެ.
ބަޣާވާތަކީ ކިހިނެއް ކުރާ އެއްޗެއްކަން އެމްޑީޕީގެ މެމްބަރުން ދެނެވަޑައިގަންނަވާތޯ ގާސިމް ސުވާލުކުރެއްވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ބަޣާވާތަކީ ސިޔާސީ މީހުން ނުކުމެ ކުރާ އެއްޗެއް ނޫނެވެ. އަދި ބަޣާވާތޭ އަބަދު ކިޔާތީ އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ފެބްރުއަރީ 7، 2012 ގައި ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ފުލުހުންނާ ބައްދަލުކުރައްވަން އޭރުގެ ރައީސް ނަޝީދު ވަޑައިގަންނަވަނީ. -- ފައިލް ފޮޓޯ
"އެކަމަކު ކުޑަ ކުދިން އަލިފު ބާ ޖަހައިގެން ދަސްކޮށްދޭން އުޅޭހެން މިއަދު އެ ވާހަކަ ދެއްކިޔަސް މި ގައުމުގައި އެކަމެއް ނުހިނގާނެކަން އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ،" މާނައެއް ނެތް ކަމެއްގައި ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމެއް އޮތްތޯ ސުވާލު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި ބިލާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ ތަނެއްގައި ތަނަވަސްކަން އިތުރުވާނީ މުއްސަނދި މީހުން ވެސް ތިބެގެން ކަމަށެވެ. އަދި ޓެކްސް ނެގޭނީ ތަނަވަސްކަމާއި ފައިދާވާ ކުންފުނިތައް ހުރެގެން ކަމަށް ވެސް، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.
"މި ކޮން ވާހަކައެއްތޯ މި ދައްކަނީ ބައެއްގެ ސިކުނޑިއަށް ވައްދައި ދޭން؟. މުއްސަނދިންނޭ މަހުޖަނުންނޭ. ދެ ފަހަރުން އެއްފަހަރު އިރުކޮޅަކުން މި ވާހަކައެއް މިދައްކަނީ. ސޭޓުންނޭ. މިވާހަކައެއް މި ދައްކަނީ ކޮން ކަމަކާ ހެދިތޯއޭ އަޅުގަނޑު ހިތަށް އަރަނީ،" ގާސިމް ވިދާޅުވި އެވެ.
މާމިގިލީ ދާއިރާގެ މެމްބަރުކަން ތިން ވަނަ ދައުރަކަށް ކުރައްވާ ގާސިމް ވިދާޅުވީ ސޭޓުގެ ނަމުން އޭނާ އަށް ދިމާލަށް މުހާތަބު ކުރުމަކީ ޖޯކަކަށް ނޫނީ ނުވާ ކަމަށެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ގާސިމަށް ނިސްބަތްކޮށް ސޭޓު ކިޔުމަކީ އާންމު ކަމެކެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެމްޑީޕީގެ އެކްޓިވިސްޓުން އެހެން ކިޔައި އުޅެ އެވެ.
ސަރުކާރުން ހުށަހެޅި ބިލާ ބެހޭ ގޮތުން ގާސިމް ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނެގުމަކީ ޓެކްސް ނިޒާމު ފުރިހަމަކުރުމަށް ކުރަން ޖެހޭ ކަމެކެވެ. އެކަމަކު، ރާއްޖޭގައި އެކަން ކުރަން ވާނީ ދުނިޔޭގެ އެހެން ތަންތަނުގައި އެކަން ކުރާ ނިޒާމާއި އުސޫލުތަކާ ހަމަތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންކަމް ޓެކްސް ނަގަން އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށް ގާސިމް މިއަދު ވެސް ވިދާޅުވި އެވެ. ރައްޔިތުން ނިކަމެތި ހާލެއްގައި ތިބި އިރު، ސަރުކާރުން އަދާކުރަންޖެހޭ ލޯނުތަކާއި ހިންގަން ޖެހޭ މަޝްރޫއުތަކަށް ކަންކަން ކުރެވޭނީ ފައިސާ ލިބިގެން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަމާ ބުނީތީ ފަރަށްދާ ގޮތަށް ކަންކަން ކޮށްފި ނަމަ، އޭގެ ނަތީޖާއަކަށް ވާނީ ހުސް މަސައްކަތްތަކެއް ކުރެވިފައި އެންމެ ފަހުން ކޮރަޕްޝަނާ ހަމަ އަށް ގޮސް އޭގެ ފުރިހަމަ ނަތީޖާ ނުލިބި ނިމިގެން ދިއުން. އެގޮތަށް އަޅުގަނޑުމެން ދާންވީތޯ؟" ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
ފެބްރުއަރީ 7 ގެ މައްސަލަ މަޖިލިހުގެ ކޮމިޓީން ބަލަނީ!
އިންކަމް ޓެކްސް ނަގަން ގާސިމްގެ ވޯޓެއް ނުލިބުނު!
އަންނަ މަހު އިންކަމް ޓެކްސް ނަގަން ފަށަން ފާސްކޮށްފި
ޝިފްލާ ކަޓުވާލައި އެމްޑީޕީން ބޭނުމީ އަލީ ޔޫސުފް ނަގަން
ފެބްރުއަރީ 7 އާ ގުޅިގެން ފުލުހުން ވަކިކުރި: އިމްރާން
މެމްބަރުން ނެގުމުގައި ޖަޒުބާތު ވެގެން ނުވާނެ: ނަޝީދު
މުއައްސަސާތަކަށް މެމްބަރުން ނަގަން ކޮމިޓީއެއް ހަދަނީ!
އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ އިންތިހާބު އަންނަ މަހު
ރިޔާސަތު ބަލަހައްޓާނެ ފަސް ބޭފުޅެއް ކަނޑައަޅައިިފި