29 އޯގަސްޓް 2019
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ހިންގައި ބައެއް ފުލުހުން ވަޒީފާ އިން ވަކިކުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ހިންގައި ބައެއް ފުލުހުން ވަޒީފާ އިން ވަކިކުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިމްރާން އެގޮތަށް ވިދާޅުވީ ފެބްރުއަރީ 7 ގައި ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބި މީހުން ސަލާމަތީ ހިދުމަތްތަކުގެ އިމާރާތްތަކަށް އެއްޗެހި އުކައި އިމާރާތްތަކުގެ ތެރޭގައި ހުރި ތަކެއްޗަށް ގެއްލުން ދީ ބޮޑު "ހައިޖާނުގަނޑެއް" ހިންގާފައިވާ ކަމަށާއި އެ މީހުންނާ މެދުގައި ފިޔަވަޅު އެޅިތޯ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލާ ގުޅިގެންނެވެ.
އިމްރާން ވިދާޅުވީ ފެބްރުއަރީ 7 ގައި ހިނގި ކަންކަމަށް ބަލާއިރު، ގަބޫލު ކުރަން ދަތި ކިތަންމެ ކަމެއް ހިނގާފައިވާ ކަމަށެވެ. އެކަމުގެ ތެރޭގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެހެންވެ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ނެރުނު ކޯނީ ރިޕޯޓަށް ބަލައި ފިޔަވަޅު އެޅި ކަމަށް އިމްރާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. --- ފޮޓޯ: މަޖިލިސް
އެގޮތުން ބައެއް މީހުން ފުލުހުންގެ މުއައްސަސާ އިން ވަކިކޮށް، ބައެއް ފުލުހުން އޭރުގައި ތިބި މަގާމުން ދަށް ކުރެވި، ބައެއް ފުލުހުންގެ ޑިވިޝަންތައް ބަދަލު ކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެ ދުވަސްވަރުގެ ހާލަތާ ގުޅޭ ގޮތުން އެ ދުވަސްވަރު އެ ތިއްބެވި ބޭފުޅުން ތަހުގީގު ކުރެއްވުމަށް ފަހު އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާފައިވޭ، އެންމެ ފުރިހަމައޭ ދަންނަވަން ނުކެރުނު ކަމުގައިވިޔަސް، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ގަބޫލުކުރަން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ފުލުހުންނާ މެދު ފިޔަވަޅު އެޅުމުގެ ނަތީޖާއެއްގެ ގޮތުން ފުލުހުންގެ މުއައްސަސާ ބަދަލުވެފައި ވަނީ ރައްޔިތުން އުންމީދު ކުރާ ފަދަ ކުރިއެރުން ލިބެމުން އަންނަ މުއައްސަސާއަކަށެވެ.
ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދިނުމަށް އެޅި ފިޔަވަޅުތައް ބެލުމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން އިމްރާން ވިދާޅުވީ ފުލުހުންނަކީ ގާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރު ނަގަހައްޓައި ރައްޔިތުން ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ބައެއްގެ ގޮތުގައި މުއައްސަސާ ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ފުލުހުންނަކީ ހިތްހެޔޮ ބަޔަކަށް ހަދާ ރައްޔިތުންނާ ގާތުން، ގުޅިގެން މަސައްކަތް ކުރާ، ފޯރުކޮށްދޭ ހިދުމަތަކީ ޒަމާނީ ފުރިހަމަ ހިދުމަތްތަކަށް ހަދައި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބޭ ބަޔަކަށް އެ މުއައްސަސާ ހަދަން މަސައްކަތް ކުރާ ކަމަށެވެ.
"ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ވަނީ އެކަށައަޅާފައި. އެ ޕްލޭން ތަންފީޒު ކުރަން ބޭނުންވާ އެކްޝަން ޕްލޭން ފައިނަލް ކުރުމުގެ މަރުހަލާގެ ތެރޭގައި އުޅެނީ. ޕްލޭން ތަންފީޒު ކުރަން ބޭނުންވާ ތަމްރީންތައް ރާއްޖެ އިންނާއި ބޭރުން ފުލުހުންނަށް ލިއްބައި ދިނުމަށް މި ދަނީ މަސައްކަތް ކުރަމުން،" އިމްރާން ވިދާޅުވި އެވެ.
ބޭރުގެ ތަޖުރިބާކާރުންގެ ވެސް އެހީގައި ފުލުހުންގެ ސަފުތައް ތަރުތީބުކޮށް، ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ. އެގޮތުން ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލައި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން ދާދި ފަހުން ވެސް ގޮވައިލި އެވެ.
2012 ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ފުލުހުންނާ ބައްދަލުކުރައްވަން އޭރުގެ ރައީސް ނަޝީދު ވަޑައިގަންނަވަނީ. ފައިލް ފޮޓޯ
ފެބްރުއަރީ 7 ގެ މައްސަލައިގައި އިމްރާން މަޖިލިހަށް ހާޒިރު ކުރިއިރު، އޭރު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ލީޑަރަކީ ވެސް އިމްރާނެވެ. އެގޮތުން އިމްރާން އޭރު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.
އޭރުގެ ނައިބު ރައީސް ވަހީދު ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.
ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި އެކަން ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.
ފެބްރުއަރީ 7ގެ ފަސްބައި ނަގާ ނަމަ ގެއްލުން ވެދާނެ
ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދޭން އެޅި ފިޔަވަޅު ބަލަނީ
ޕޮލިސް ބޯޑަށް ހުޅުވާލުން: ނަޝީދު އުފާފާޅުކުރައްވައިފި
އުއްމީދަކީ އިންތިގާލީ އިންސާފު ލިބުން: ރިފްއަތު
"ސޭޓު" ކިޔާތީ ގާސިމް ނުރުހުން ފާޅުކުރައްވައިފި
ފެބްރުއަރީ 7 ގެ މައްސަލަ މަޖިލިހުގެ ކޮމިޓީން ބަލަނީ!
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
ފެންޖަހާ ޑްރޯނެއް ވެސް ނެތުމުން ހިތާމަކުރަން: ޖާބިރު
ސްޓިކާ ޖަހަނީ އުނދަގޫވާ ގޮތަށް ޕާކްކުރުމުން: އައިޝާ
ޕާކިން މައްސަލައިގައި އައިޝާއާ ސުވާލުކުރުން ބުދަ ދުވަހު