Roadha Mihaaru
ތުރުކީގައި ބަޣާވާތްކުރި 300 މީހުން އުމުރަށް ޖަލަށް

ތުރުކީގެ ބަޣާވާތާ ގުޅިގެން 300 މީހުން އުމުރަށް ޖަލަށް

27 ނޮވެމްބަރ 2020

އިސްތަންބޫލް (ނޮވެމްބަރު 27) - ތުރުކީގައި 2016 ވަނަ އަހަރު ސިފައިން އިސްވެ ކުރަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން 337 މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (ނޮވެމްބަރު 27) - ތުރުކީގައި 2016 ވަނަ އަހަރު ސިފައިން އިސްވެ ކުރަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން 337 މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްވައިފި އެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހުކުމްކުރި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އެއާ ފޯސްގެ ޕައިލެޓުންނެވެ. އުރުދުޣާން ވިދާޅުވެފައި ވަނީ ބަޣާވާތުގެ އަޑީގައި ހުންނެވީ އެމެރިކާގައި ދިރިއުޅޭ ތުރުކީގެ ރައްޔިތެއް ކަމަށްވާ ފަތުހުﷲ ގުލާން އެވެ. ނަމަވެސް ޖުލައި 2016 ގައި ގެންނަން އުޅުނު ބަޣާވާތުގައި އެއްވެސް ރޯލެއް ނޯންނާނެ ކަމަށް 79 އަހަރުގެ ގުލަން ވަނީ ވިދާޅުވެފަ އެވެ.

ބަޣާވާތާ ގުޅިގެން 251 މީހުން މަރުވެ 2،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުނު އިރު އުރުދުޣާން ހުންނެވީ ޗުއްޓީގައި ރިސޯޓެއްގަ އެވެ.

ބަޣާވާތުގެ ޝަރީއަތް ފަށާފައި ވަނީ އޮގަސްޓް 2017 ގަ އެވެ.

ބަޣާވާތާ ގުޅިގެން އުރުދުޣާން ވަނީ ސަރުކާރާ ދެކޮޅު ކަމަށް ބެލެވޭ ލައްކައެއްހާ މީހުން ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ފަނޑިޔާރުން ވެސް ހިމެނެ އެވެ. އުރުދުޣާން ވިދާޅުވެފައި ވަނީ ވަޒީފާތަކުން ވަކިކޮށްފައި ވަނީ ގުލަންއާ ގުޅުން އޮންނަ މީހުން ކަމަށެވެ. ޖުލައި 2016 އިން ފެށިގެން ތުރުކީގައި ވަނީ 2،800 އަށް ވުރެ ގިނަ މީހުން ޖަލަށް ލައިފަ އެވެ.