Roadha Mihaaru

އިޓަލީގެ ޓޫރިސްޓު ފުރުވާލި މައްސަލައިގައި ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، އިޓަލީގެ ޓޫރިސްޓަކު ގައުމަށް ފުރުވާލި މައްސަލައިގައި އެ ރިސޯޓުގެ ބިދޭސީ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި އެވެ.

ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ފުރުން މަނާކޮށްފި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

28 މާޗް 2020

ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، އިޓަލީގެ ޓޫރިސްޓަކު ގައުމަށް ފުރުވާލި މައްސަލައިގައި އެ ރިސޯޓުގެ ބިދޭސީ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި އެވެ.

ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނި އަދި އަނބުރައިގަނެގެން ވެއްޓިގެން ވެސް ފަރުވާދޭން ޖެހުނު ޓޫރިސްޓު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ރާއްޖެ އިން ފުރައިގެން ދިޔަ ފަހުންނެވެ. މިއީ، ރާއްޖެ އިން ފެނުނު މި ވައިރަހުގެ ފުރަތަމަ ކޭހެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހޯމަދުވަހު ނެރުނު އަމުރުގައި، ތުރުކީގެ އަންހެން ޑޮކްޓަރު ފުރުން މަނާކޮށްފައި އޮތީ އަންނަ އެޕްރީލް މަހުގެ 22 އާ ހަމައަށެވެ. އަމުރުގައިވާ ގޮތުން، ޕާސްޕޯޓް ހިފެހެއްޓީ ތަހުގީގު ނުނިމެނީސް ރާއްޖެ އިން ހިނގައިދާނެތީ އެވެ.

ކޮރޯނާވައިރަހުގެ އަލާމާތްތައް ހުރި ޓޫރިސްޓު، ރަސްމީ ފަރާތްތަކަށް ނާންގައި ފޮނުވާލި މައްސަލަ ބަލަން ފުލުހުންނަށް އަމުރު ކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމެވެ.

އެ އަމުރުގައިވާ ގޮތުން، އުމުރުން 49 އަހަރުގެ ޑޮކްޓަރުގެ މައްޗަށް ތުހުމަތު ކުރަނީ އިޓަލީގެ ޓޫރިސްޓުގެ ކިބައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުނު ނަމަވެސް އެކަން ރަސްމީ އިދާރާތަކަށް ހިއްސާނުކޮށް، ފުރައިގެން ދިއުމަކީ އެ ކޮވިޑް-19 ޖެހޭ ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރި އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަކަށްވާ އިރު އިހުމާލުވެފައި ވުމެވެ. އޭނާ އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި ފަރުވާކުޑަކޮށް އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ކުރެ އެވެ.

ޓޫރިސްޓު ފުރި ފަހުން މި ޑޮކްޓަރާއި އިތުރު ބަޔަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވާ ގޮތުގައި، ޓޫރިސްޓްގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި އެވެ. އެ އަލާމާތްތަކާ ގުޅިގެން ޑޮކްޓަރު އެޗްޕީއޭ އަށް ގުޅި ނަމަވެސް ކޮރޯނާވައިރަހާ ގުޅޭ އެއްވެސް ކަމެއްގައި ޝައްކެއް ވެގެން އުޅޭ ކަން އަންގާފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނިގޮތުގައި ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ވާހަކަ ދައްކާފައި އޮތީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ކަމަށް ރަސްމީ ފަރާތްތަކުން ބަލާ މިންގަނޑާއި ކޮރޯނާވައިރަސް ފެތުރިގެން ރާއްޖެއިން ފިޔަވަޅު އަޅާފައިވާ ގައުމުތަކަށް ބަދަލެއް އައިތޯ ބަލާށެވެ.

ރިސޯޓް މެނޭޖްމަންޓަށް އެކަން އެނގި ސިއްރުކުރީތޯ ވެސް ތަހުގީގުގައި ބަލާނެ ކަމަށް ފުލުހުން އޮތީ ބުނެފަ އެވެ.

ކޮރޯނާވައިރަސް ހުރި 16 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނގަޅުވެފަ އެވެ.