Roadha Mihaaru
ކުރެއްދުއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާންދީފި

ކުރެއްދު އަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާން ދީފި

18 މެއި 2020

ރާއްޖެ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ކުރެއްދޫ ރިސޯޓުން އެ ބަލި ހުރި ޓޫރިސްޓަކު ފުރުވާލައި އިހުމާލުވި ކަމުގެ ތުހުމަތުގައި ފުލުހުން ހިންގާ ތަހުގީގުގައި، ރިސޯޓު ހިންގާ ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ހަތަރު ތުހުމަތެއްް ކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ކުރެއްދޫ ރިސޯޓުން އެ ބަލި ހުރި ޓޫރިސްޓަކު ފުރުވާލައި އިހުމާލުވި ކަމުގެ ތުހުމަތުގައި ފުލުހުން ހިންގާ ތަހުގީގުގައި، ރިސޯޓު ހިންގާ ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ހަތަރު ތުހުމަތެއްް ކޮށްފި އެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ގާނޫނީ ވަކީލް، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުހުމަތުތަކާ ގުޅިގެން މިއަދު ބަޔާން ދީފައިވާނެ ކަމަށާއި ތުހުމަތުތަކަށް އިންކާރުކޮށްފައި ވާނެ ކަމަށެވެ.

ރިސޯޓްގެ މައްޗަށް ފުލުހުން ހަތަރު ތުހުމަތު ވެސް ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެއީ 121 ވަނަ މާއްދާގެ ހ.ގެ ދަށުން، ފަރުވާލެއް ނެތި ކުރާ ކަމަކުން، މީހަކަށް އޭނާ މަރުވެދާނެ ކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށާއި، 533 ވަނަ މާއްދާގެ ހ. ގެ ދަށުން، ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް ހުރަސްއެޅުމާއި އެކަމަށް ދަތިކުރުމާއި އެކަމުގެ މަގްސަދު ހާސިލްވިޔަ ނުދިނުމާއި، 615 ވަނަ މާއްދާގެ ހ.ގެ ދަށުން، އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ ޖާއިޒު މަގްސަދެއް ހާސިލްނުވާނެ އަމަލަކުން ނުރައްކާތެރި ނުވަތަ ހުތުރު ނުވަތަ މީހުން ބިރު ގަންނަ ފަދަ ހާލަތެއް އުފެއްދުން އަދި 618 ވަނަ މާއްދާގެ ހ.ގެ ދަށުން ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި، ނުރައްކަލެއްގައިވާ މީހާ އަށް ނުދިނުމުގެ ތުހުމަތެވެ.

ވަކީލް މުހްތާޒު "މިހާރު" އަށް ވިދާޅުވީ ފެބްރުއަރީ 23 ވަނަ ދުވަހު ރާއްޖެ އައިސް ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓް މީހާގެ ކިބައިން، ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ފެނިފައި ވަނިކޮށް އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން އެ މީހާގެ ކިބައިގައި ބަލި ހުރިކަން ދެނެ ނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު ނުލިބި ފުރައިގެން ދިއުމާއި ރާއްޖޭގައި ބަލި ފެތުރި އެހެން މީހުންގެ ފުރާނަ އަށް ނުރައްކާވީ ޓޫރިސްޓު މީހާއާ މުއާމަލާތުކުރި ފަރާތްތަކުން އެކަން ކަމާބެހޭ ފަރާތްތަކަށް ނޭންގުމުން ކަމަށް ތުހުމަތުކުރާ ކަމަށެވެ. މިކަމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ކުރި ތުހުމަތުތަކަށް އިންކާރު ކުރެއްވި ކަމަށް މުހްތާޒް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ ކުރެއްދޫ ރިސޯޓުން އެކަމުގައި އަމަލުކޮށްފައިވަނީ އޭރު ސަރުކާރުން އެކަމާ ގުޅިގެން އަންގާފައިވާ ގޮތަށް ކަމަށެވެ. އެގޮތުން އެ ޓޫރިސްޓު ފުރުވާލި އިރު ވެސް ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން ރިސޯޓު ކްލިނިކާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި އަންގާފައި ވަނީ އެންމެ އެންގުމެއް ކަމަށާއި އޭގައި ހިމެނެނީ ޗައިނާ ޓޫރިސްޓުންގެ ވާހަކަ ކަމަށް ވިދާޅުވި އެވެ. އެ އެންގުން ވެސް އައީ މުހްތާޒް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށެވެ.

މުހްތާޒް ވިދާޅުވީ އެ ޓޫރިސްޓު މީހާ އަކީ ހިތުގެ އޮޕަރޭޝަނަކަށް ފަހު ރާއްޖެ އައި މީހެއް ކަމަށެވެ. އެހެންވެ އޭނާ އަށް ފަރުވާދީފައިވާނީ ހިތުގެ މައްސަލަތަކުގެ ޕޭޝަންޓެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. އަދި އެއާޕޯޓުން އޭނާ ބެލި ޑޮކްޓަރު ވެސް ބަލާފައި ވަނީ ހަމަ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

ޓޫރިސްޓު މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ވެސް ރާއްޖޭގެ އިދާރާތަކަށް އެންމެ ފުރަތަމަ އެންގީ ކުރެއްދޫ ރިސޯޓުން ކަމަށް މުހްތާޒް ވިދާޅުވި އެވެ. އެ މީހާ އަކީ ރަނގަޅަށް އިނގިރޭސި ބަސް ނޭނގޭ މީހެއްކަމުން މުއާމަލާތްކުރުމުގައި އެހީވުމަށް ރިސޯޓުގެ ބައެއް މުވައްޒަފުންނާ ވާހަކަ ދައްކަމުން އައި ކަމަށާއި، އެނބުރި ގައުމަށް ދިއުމަށް ފަހު، ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ވެސް އެ މުވައްޒަފުން މެދުވެރުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

މުހްތާޒް ވިދާޅުވީ ކަމެއް ސިއްރުކުރަން ބޭނުން ނަމަ އެކަން ވެސް ނާންގާ އޮންނާނީ ސިއްރުކޮށްފައި ކަމަށެވެ.

ކުރެއްދޫ ރިސޯޓަށް ފެބްރުއަރީ 23 ގައި އައި އިޓަލީ ޓޫރިސްޓި އެނބުރި ގައުމަށް ދިޔަ ފަހުން ޕޮޒިޓިވްކަން އެނގުމުން، ބެލި ބެލުމުގެ ތެރެއިން، އެ ރިޒޯޓުން ވަނީ ބައްޔަށް ޕޮޒިޓިވް ފަސް މީހަކު ފެނިފަ އެވެ. އޭގެ ތެރޭގައި ރިޒޯޓުން އޭނާ އަށް ފަރުވާދިން ޑޮކްޓަރު ވެސް ހިމެނެ އެވެ. މިހާރު އެ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.