19 މާޗް 2020
ރާއްޖޭގައި އުޅުމަށް ފަހު ގައުމަށް އެނބުރި ގޮސް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ރާއްޖޭގައި ހުރިއިރު އެ ވައިރަސްގެ އަލާމާތްތައް އޭނާގެ ކިބައިން ފެނުނަސް، ކުރެއްދޫ އައިލެންޑް ރިސޯޓުން އެކަން ކަމާ ބެހޭ އިދާރާތަކަށް އަންގާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އުޅުމަށް ފަހު ގައުމަށް އެނބުރި ގޮސް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ރާއްޖޭގައި ހުރިއިރު އެ ވައިރަސްގެ އަލާމާތްތައް އޭނާގެ ކިބައިން ފެނުނަސް، ކުރެއްދޫ އައިލެންޑް ރިސޯޓުން އެކަން ކަމާ ބެހޭ އިދާރާތަކަށް އަންގާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުރެއްދޫ ރިސޯޓުގައި މިދިޔަ މަހު ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓް އެނބުރި ގައުމަށް ދިޔަ ފަހުން އޭނާގެ ގައިން ކޮރޯނާވައިރަސް ފެނުނު ފަހުން، ރިސޯޓުގައި އޭނާއަށް ފަރުވާ ދިން ޑޮކްޓަރާއި އިތުރު ބަޔަކު ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފަ އެވެ.
ކޮވިޑް-19 ޖެހިފައި ހުރި މީހަކާ ބެހޭ މައުލޫމާތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނާންގައި ފޮނުވާލި މައްސަލަ ބަލަން ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމް ކުރެއްވި އަމުރާ ގުޅިގެން ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
އެ ތަހުގީގާ ބެހޭ މައުލޫމާތު ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އިޓަލީގެ ފަތުރުވެރިޔާ ބަލިވެގެން ރިސޯޓުގެ ހެލްތު ކްލިނިކަށް ފުރަތަމަ ދެއްކީ ފެބްރުއަރީ 26 ގައި ކަމަށެވެ. އޭގެ ފަހުން 27 ވަނަ ދުވަހު އަނބުރައިގަނެގެން ވެއްޓުމާއި އިތުރު އެހެން ވެސް މައްސަލަތައް ކުރިމަތިވާތީ އަލުން އަނެއްކާވެސް އޭނާއަށް ފަރުވާދިން ކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ޓޫރިސްޓްގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި އެވެ. އަދި އޭނާގެ ހާލަތާ ބެހޭ ގޮތުން ރިސޯޓްގެ މެނޭޖްމަންޓާއި ޑޮކްޓަރާ ދެމެދު ވެސް މަޝްވަރާތައް ކުރި ކަމަށް ވިދާޅުވި އެވެ.
"މި ދިމާވި ކަންތައްތަކާ ގުޅިގެން ފަތުރުވެރިިޔާގެ ކަންކަން ބަލަހައްޓާ ސްޓާފުންނާއި ރިސޯޓްގެ މެނޭޖްމަންޓާއި އަދި ރިސޯޓުގެ ސީނިއަ މެނޭޖްމަންޓްގެ ބޭފުޅަކާއި ޑޮކްޓަރު ވެސް ހިމެނޭ ގޮތުން މަޝްވަރާ ކުރެވިފައިވަނީ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އެ މަޝްވަރާތަކުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅުމާ މެދު ވެސް ވާހަކަ ދެކެވުނު ކަމަށެވެ. އެކަމަކު ރިސޯޓުން ފުރަތަމަ ނިންމީ އެހެން ބައެއް ފަތުރުވެރިން ވެސް ހުން އައިސްގެން ޑޮކްޓަރަށް ދައްކަމުންދާތީ ކޮންމެހެން އެ ފަތުރުވެރިޔާގެ މައްސަލަ އެޗްޕީއޭއަށް ނޭންގުމަށް ކަމަށް، އޭނާ ވިދާޅުވި އެވެ.
އެ ނިންމުމާ މެދު ޑޮކްޓަރު ހިތްހަމައެއް ނުޖެހުނެވެ. އެންމެ ފަހުން އެޗުޕީއޭގެ ހޮޓްލައިނަށް އޭނާ ގުޅި އެވެ. އެކަމަކު އިޓަލީގެ ބަލި ޓޫރިސްޓާ ބެހޭ ސީދާ މައުލޫމާތު ދިނުމުގެ ބަދަލުގައި އޭނާ ސުވާލުކުރީ، ކަމާ ބެހޭ ފަރާތްތަކުން އަމަލްކުރަމުން އަންނަ އުސޫލުތަކަށް އެއްވެސް ކަހަލަ ބަދަލެއް އައިތޯ އެވެ.
"ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ދެއްކި ވާހަކަތަކުގެ ތެރޭގައި މިހާތަނަށް ބެލިބެލުމުން އިޓަލީގެ ފަތުރުވެރިއަކަށް ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް އެ ރިސޯޓުގައި އެވަގުތު ދިމާވެގެން އެކަމަށް ފަރުވާ ކުރަމުންދާ ކަމަށް ހިއްސާކުރި ކަމަށް އަޅުގަނޑުމެންގެ މައުލޫމާތުން ނުބެލެވޭ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޮޓްލައިނަށް ގުޅައިގެން ވާހަކަ ދައްކާފައި އޮތީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ކަމަށް ރަސްމީ ފަރާތްތަކުން ބަލާ މިންގަނޑާއި ކޮރޯނާވައިރަސް ފެތުރިގެން ރާއްޖެއިން ފިޔަވަޅު އަޅާފައިވާ ގައުމުތަކަށް ބަދަލެއް އައިތޯ ބަލާށެވެ.
ފުލުހުންގެ ތަހުގީގުން އެނގުނީ އޭގެ ފަހުން ވެސް ދެ ފަހަރެއްގެ މަތިން އެ ޓޫރިސްޓް ރިސޯޓުގެ ޑޮކްޓަރަށް ދެއްކިކަމެވެ. އަދި އޭނާ ކޮޓަރީގައި ބަހައްޓައިގެން ވެސް، ފަރުވާ ދެމުން ގެންދިޔަކަން، ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ.
ރިޔާޒް ވިދާޅުވީ މި މަހުގެ ފުރަތަމަ ދުވަހު ފަތުރުވެރިޔާ ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ދެ ފަހަރު ވެއްޓުނު ކަމަށެވެ. އެހެންވެ އޭނާ މަތިންދާބޯޓަށް އެރުވީ ވެސް ވީލްޗެއާއެއްގައި ކަމަށް ވިދާޅުވި އެވެ.
އެ ފްލައިޓްގައި އޭނާ ނުގެންދަންވެގެން ފަތުރުވެރިޔާ ބޯޓުން ބޭލި އެވެ. އެގޮތަށް ކަންތައް ކުރީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ބައެއް ފަތުރުވެރިންގެ ފަރާތުން ބޯޓުގެ ޕައިލެޓަށް އެ މައުލޫމާތު ލިބުމުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޯޓުން ބޭލުމުން އެއާޕޯޓުގެ ކްލިނިކަށް ގެންދިޔަ އެވެ. އެކަމަކު ހުމުގެ ނުވަތަ އެފަދަ އެހެން އަލާމާތެއް ނުފެންނާތީ ކްލިނިކުން ދޫކޮށްލުމުން މާގިރި ހޮޓަލްގައި މަޑުކުރުމަށް ފަހު އޭނާ ފުރައިގެން ދިޔައީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ފަތުރުވެރިޔާގެ ހަށިގަނޑުން ކޮރޯނާވައިރަސް ފެނުމުން އެކަން ރިސޯޓަށް އެންގީ އޭނާ އަމިއްލައަށް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް، ތަހުގީގުން އެނގުނީ އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމެވެ. ރިޔާޒު ވިދާޅުވި ގޮތުގައި އޭނާ އިޓަލީއަށް ދިއުމަށް ފަހު ވެސް ރިސޯޓުން އައީ އޭނާއަށް ގުޅައިގެން މައުލޫމާތު ސާފުކުރުމުންނެވެ. އެހެންކަމުން އެޗުޕީއޭގެ ސަމާލުކަމަށް މައްސަލަ ގެނެސްފައި އޮތީ ކުރެއްދޫ ރިސޯޓުންނެވެ.
ފުރަތަމަ ދުވަހުން ފެށިގެން ބަލިމީހާގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ނޭންގުމަކީ ގަސްދުގައި އެކަން ސިއްރުކުރުން ކަމަށް، ނޫސްވެރިންގެ ބައްދަލުވުމުގައި، އެންމެ ފަހަރަކު ވެސް ރިޔާޒެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ފުލުހުން ހާމަކުރި ހުރިހާ މައުލޫމާތަކަށް ބަލާއިރު، ކުރެއްދޫ ރިސޯޓުން އެ މައުލޫމާތު ރަސްމީ ފަރާތްތަކަށް ނުދީ ހިފެހެއްޓީ ގަސްދުގައި ކަން އެނގެ އެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ރިސޯޓުން އަމަލުކުރީ އެކަން ސިއްރު ކުރުމުގެ ނިޔަތުގައި ކަން ނުވަތަ ނޫންކަން އެނގޭނީ ތަހުގީގު ނިމުމުންނެވެ.
"ސީދާކޮށް ރިސޯޓުން ގަސްދުގައި އެކަން ފޮރުވީއޭ އެހެން ދެންނެވޭކަށް ނެތް އަޅުގަނޑުމެންނަކަށް. ތަހުގީގު ހޯދުންތަކަށް ފަހު އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނީ،" ރިޔާޒް ވިދާޅުވި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- މިހާރު ފޮޓޯ/އަހުމަދު އަވްޝަން
ކުރެއްދޫ ރިސޯޓަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ރިސޯޓްތައް ހިންގާ އެއް ކުންފުނި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ތަނެކެވެ. ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫގެ މެނޭޖަރަކަށް ހުންނަނީ ބިދޭސީއެކެވެ.
ކޮރޯނާވައިރަސްގެ މައްސަލަ ދިމާވި އިރު އެ ރިސޯޓްގައި 699 ޓޫރިސްޓުން ތިއްބެވެ. އޭގެ އިތުރުން 270 ދިވެހި މުވައްޒަފުންނާއި، 420 ބިދޭސީ މުވައްޒަފުންނާ އެކު، އޭރު 1،300 އަށް ވުރެ ގިނަ މީހުން އުޅުނެވެ.
އެހާ ބޮޑު ކުންފުންޏެއްގެ ތަނަކަށް ވާތީ، ތަހުގީގަށް ނުފޫޒެއް އައިސް، ވަކި ބަޔަކާ ސުވާލުނުކޮށް ހިނގައިދާނެތީ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ރިޔާޒު ވިދާޅުވީ "ސުވާލުކުރަން ޖެހޭ ހުރިހާ ފަރާތަކާ ވެސް ސުވާލުކުރާނެ" ކަމަށެވެ.
އެކަމަކު ސުވާލު ކުރަން ބޭނުންވާ ބައެއް މީހުން ކަރަންޓީން ކޮށްފައި ތިބުމާއި ބައެއް ތަންތަނަށް އަރައި، ފޭބުން މަނާކޮށްފައި އޮތުމުން ތަހުގީގަށް ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުވާލުކުރަން ޖެހޭ ބައެއް ފަރާތްތަކުގެ ތެރޭގައި އެބަ ހިމެނޭ މިހާރު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ތިބި ފަރާތްތައް ވެސް. އަދި ކަރަންޓީން ކުރެވިފައި ތިބި ބައެއް ފަރާތްތައް ވެސް އެބަ ހިމެނޭ. އިތުރު މައުލޫމާތު ހޯދަން ދާން ޖެހޭ ތަންތަނަކީ ވެސް މިކަމާ ގުޅުން ހުރި ކަންކަން ހިނގަމުންދާ ތަންތަން،" ރިޔާޒް ވިދާޅުވި އެވެ.
ކުރެއްދުއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާންދީފި
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި
އިޓަލީ މީހާގެ ތަހުގީގުގައި ގޮންޖެހުންތައް އެބަހުރި:ޕީޖީ
އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަ ބަލަން: ފުލުހުން
ކޮވިޑް-19: ރަނގަޅުވި ދެ މީހަކު ދޫކޮށްލައިފި
ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ފުރުން މަނާކޮށްފި
ކޮވިޑަށް ފަރުވާދިން އިތުރު މީހަކު ރަނގަޅުވެއްޖެ
ކުރެއްދޫން ގެސްޓުން ފައިބަން ފަށައިފި