Roadha Mihaaru
ކޮވިޑަށް ފަރުވާދިން އިތުރު މީހަކު ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑަށް ފަރުވާދިން އިތުރު މީހަކު ރަނގަޅުވެއްޖެ

21 މާޗް 2020

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު އަނެއްކާވެސް ރަނގަޅު ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު އަނެއްކާވެސް ރަނގަޅު ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

މި ފަހަރު ރަނގަޅުވީ، ކުރެއްދޫ އައިލެންޑް ރިސޯޓަށް ޗުއްޓީ އަށް އައިސް ހުއްޓާ، ބަލީގެ އަލާމާތްތަކެއް ފެނިފައި ވަނިކޮށް، ރާއްޖެ އިން ފުރައިގެން ދިޔަ އިޓަލީގެ ޓޫރިސްޓު މީހާ އަށް ފަރުވާ ދިން އެ ރިސޯޓުގެ ޑޮކްޓަރެވެ. އެ ޑޮކްޓަރުގެ ގައުމެއް ސަރުކާރަކުން ނުބުނެ އެވެ.

ކުރެއްދޫ ރިސޯޓުގެ ޓޫރިސްޓު މީހާ ކޮވިޑް ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އޭނާ އަނބުރައި ގައުމަށް ދިޔަ ފަހުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން މި ފަހަރު ރަނގަޅުވީ ކޮވިޑްގެ އަލާމާތްތަކެއް ފެނިގެން، ކުރެއްދޫ އައިލެންޑް ރިސޯޓުން މި މަހުގެ ހަތް ވަނަ ދުވަހު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިޔަ މީހެއް ކަމަށެވެ. އެއީ ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް ބައްޔަށް ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކެވެ.

މުރާދު ވިދާޅުވީ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ފަހުން ދެ ސާމްޕަލް ނެގިއިރު ވެސް އެ މީހާގެ ނަތީޖާ ދެއްކީ ނެގެޓިވްކޮށް ކަމަށެވެ. އެ މީހާގެ ފަހުގެ ދެ ސާމްޕަލް ނެގީ މިދިޔަ ބުދަ ދުވަހާއި އިއްޔެ އެވެ.

ރާއްޖެ އިން ކޮވިޑް ބަލީގެ 13 މީހަކު މިހާތަނަށް ފެނިފައިވާއިރު، އޭގެ ތެރެއިން ރަނގަޅުވި މީހުންގެ މިހާރުގެ އަދަަދަކީ ތިނެކެވެ. އެހެންވެ، ކޮވިޑް ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 10 މީހަކަށެވެ. ރާއްޖެ އިން ކޮވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާތަަނަށް އެއްވެސް ދިވެއްސަކު ނެތެވެ.

"އަޅުގަނޑުމެންނަށް ވަަރަށް ބޮޑު ނުރައްކަލެއް އަދިވެސް ކުރިމަތީގައި އެބައޮތް. އަޅުގަނޑުމެން ވަަރަށް ބޮޑު ރިސްކެއްގައި މި ތިބެނީ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި މި ބަލި ފެތުރުން ހުއްޓުވޭނީ އަޅުގަނޑުމެން އަބަދުވެސް އާންމު ރައްޔިތުންނަށް މިދޭ އިރުޝާދުތަކާއި ލަފާ ގަބޫލުކޮށް، އެ ކަންތައްތަކަށް އަމަލުކުރި މިންވަރަކުން،" ޑރ. މުރާދު

ރާއްޖެ އިން ކޮވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފުރަތަމަ ދެ މީހުން ރަނގަޅުވިކަން ސަރުކާރުން އިއުލާން ކުރީ ރޭގަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓުގައި ފަރުވާ ދެމުން އައި އިޓަލީގެ ޓޫރިސްޓު ދެމަފިރިންގެ ތެރެއިން ބޮޑަށް ހާލު ގޯސްވީ އުމުރުން 72 އަހަރުގެ ފިރިހެން މީހާ އެވެ. ބަތަލާ އައިލެންޑް ރިސޯޓުގެ ދެ ޓޫރިސްޓުން ރަނގަޅު ވިޔަސް އިތުރަށް މޮނީޓާ ކުރުމަށް އައިސޮލޭޝަންގައި ބައިތިއްބަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ދެއްކިޔަސް އެ މީހުން ދޫކޮށްލަނީ އިތުރަށް މޮނީޓާ ކުރުމަށް ފަހު އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި މުރާދު ވިދާޅުވީ، ކޮވިޑް ބަލިން މީހުން ރަނގަޅު ވިޔަސް އޭގެ ނަތީޖާ ފެންނާނީ ސަރުކާރުން އަންގާ އެންގުންތަކަށް އާންމުން ބޯލަނބާ މިންވަރަކުން ކަމަށެވެ. އަދި އެ މީހުން ނެގެޓިވް ވިޔަސް ކޮވިޑް ބަލި ރާއްޖޭގައި މުޅިން ކޮންޓްރޯލްވި ކަމަށް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަަރަށް ބޮޑު ނުރައްކަލެއް އަދިވެސް ކުރިމަތީގައި އެބައޮތް. އަޅުގަނޑުމެން ވަަރަށް ބޮޑު ރިސްކެއްގައި މި ތިބެނީ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި މި ބަލި ފެތުރުން ހުއްޓުވޭނީ އަޅުގަނޑުމެން އަބަދުވެސް އާންމު ރައްޔިތުންނަށް މިދޭ އިރުޝާދުތަކާއި ލަފާ ގަބޫލުކޮށް، އެ ކަންތައްތަކަށް އަމަލުކުރި މިންވަރަކުން،" މުރާދު ވިދާޅުވި އެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހިފައިވާ މީހުން އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. ފުރަތަމަ އެ ރިސޯޓުން ފެނުނީ އެ ތަނުގައި މަސައްކަތް ކުރާ ދެ ބިދޭސީ އެކެވެ. އަދި ފަހުން ކުރެއްދޫން އިތުރު ތިން މީހަކު އެ ވައިރަހަށް ޕޮޒިޓިވް ވި އެވެ.

އިޓަލީ ޓޫރިސްޓު މީހާއާ ގުޅޭ ގޮތުން ޑޮކްޓަރާ ވެސް ސުވާލު ކުރަންޖެހޭ

ކުރެއްދޫގައި ހުރި އިޓަލީގެ ޓޫރިސްޓް މީހާ އަށް ފަރުވާ ދިން ޑޮކްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިހާރު ރަނގަޅުވުމާ އެކު، އިޓަލީ މީހާގެ މައްސަލައިގައި އެ ޑޮކްޓަރާ ފުލުހުން ސުވާލު ކުރާނެ ކަމަށް ބެލެވެ އެވެ.

އިޓަލީގެ ޓޫރިސްޓް މީހާގެ ފަރާތުން ކޮވިޑް ބަލީގެ އަލާމާތްތަކެއް ފެނިފައި ހުއްޓާ ފުރުވައިލި ކަމަށް ބެލެވޭތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަމުރަކަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، އެ މައްސަލައިގައި ސުވާލު ކުރަންޖެހޭ މީހުންގެ ތެރެއިން ބައެއް މީހުންނަށް ކޮވިޑް ބަލި ޖެހިފައިވާތީ، އައިސޮލޭޝަން ފެސިލިޓީ އަށް ގޮސް ސުވާލު ކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަހުރި ކަމަށެވެ.

ރިޔާޒް ވިދާޅުވެފައިވާ ގޮތުގައި، ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ވަނީ އިޓަލީގެ ޓޫރިސްޓް މީހާ ބަލިވެ އުޅޭތީ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން ބައެއް މައުލޫމާތުތައް ސާފުކޮށްފަ އެވެ.

އެކަމަކު އިޓަލީގެ ބަލި ޓޫރިސްޓާ ބެހޭ ސީދާ މައުލޫމާތު ދިނުމުގެ ބަދަލުގައި އޭނާ ސުވާލުކުރީ، ކަމާ ބެހޭ ފަރާތްތަކުން އަމަލްކުރަމުން އަންނަ އުސޫލުތަކަށް އެއްވެސް ކަހަލަ ބަދަލެއް އައިތޯ އެވެ.

"ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ދެއްކި ވާހަކަތަކުގެ ތެރޭގައި މިހާތަނަށް ބެލިބެލުމުން އިޓަލީގެ ފަތުރުވެރިއަކަށް ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް އެ ރިސޯޓުގައި އެވަގުތު ދިމާވެގެން އެކަމަށް ފަރުވާ ކުރަމުންދާ ކަމަށް ހިއްސާކުރި ކަމަށް އަޅުގަނޑުމެންގެ މައުލޫމާތުން ނުބެލެވޭ،" ރިޔާޒް ވިދާޅުވި އެވެ.