Roadha Mihaaru
ގުލާންގެ މައްޗަށް ދައުވާ ކުރަން އޭނާ ތުރުކީ އަށް ފޮނުވައިދޭން އެދިއްޖެ

ގުލާންގެ މައްޗަށް ދައުވާ ކުރަން އޭނާ އަނބުރާ ފޮނުވައި ދިނުމަށް އެމެރިކާގައި އެެދިއްޖެ

17 ޖުލައި 2016

އިސްތަންބޫލް (ޖުލައި 17) - ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ފަތުހުﷲ ގުލާންގެ މައްޗަށް ޝަރީއަތް ހިންގުމަށް އޭނާ އަނބުރާ ފޮނުވައި ދިނުމަށް އެމެރިކާގައި ތުރުކީން އެދިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (ޖުލައި 17) - ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ފަތުހުﷲ ގުލާންގެ މައްޗަށް ޝަރީއަތް ހިންގުމަށް އޭނާ އަނބުރާ ފޮނުވައި ދިނުމަށް އެމެރިކާގައި ތުރުކީން އެދިއްޖެ އެވެ.

"އެމެރިކާ އިން އެ މީހާ އަނބުރާ ތުރުކީ އަށް ފޮނުވައިދޭން ޖެހޭނެ،" އިސްތަންބޫލްގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ އުރުދުޣާން ވިދާޅުވި އެވެ. "އޭނާ އަކީ ތުރުކީގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާގާއި އެތައް ފަހަރަކު ވާނީ ބުނެފައި."

އުރުދުޣާން ވިދާޅުވީ ޕެންސިލްވޭނިއާގައި 400 އޭކަރުގެ ބޮޑު ސަރަހައްދެއްގައި ދިރިއުޅޭ މީހާ ވަނީ މީގެ ކުރިން ވެސް ތުރުކީ އަށް ބަޣާވާތް ގެންނަން މަސައްކަތްކޮށްފައި ކަމަށާއި އެއިން ކޮންމެ ފަހަރަކު ވެސް ތުރުކީން ދެއްކި ވާހަކަ އެމެރިކާ އިން އަޑު އަހާފައި ނުވާ ކަމަށެވެ.

"އަލުން އަނެއްކާ ވެސް މި ގޮވާލަނީ އާ ބަޣާވާތަކަށް ފަހު އޭނާ ތުރުކީއާ ހަވާލު ކުރުމަށް،" އުރުދުޣާން ވިދާޅުވި އެވެ. އުރުދުގާންގެ ވާހަކަފުޅުގައި ގުލާންގެ ނަން ބޭނުން ކުރައްވައިފައެއް ނުވެ އެވެ.

އެމެރިކާގެ ޕެންސިލްވޭނިއާގައި މިހާރު ދިރިއުޅޭ ދީނީ އިލްމުވެރިއެއް ކަމަށްވާ ގުލާން ވަނީ ބަޣާވާތުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ ތުރުކީގެ ބަޣާވާތް ތަހުގީގު ކުރުމުގައި އެ ގައުމަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގުލާންއާ ދެކޮޅަށް އެއްވެސް އެއްކެއް ހުރި ނަމަ ހިއްސާކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ގުލާން، 75، އާއި އުރުދުޣާން އަކީ 2013 ވަނަ އަހަރާ ހަމައަށް ވަރަށް ގާތް ދެ ބޭފުޅުންނެވެ. ނަމަވެސް ގުލާންގެ ހިޒްމަތު ހަރަކާތާ މެދު ހިތްހަމަ ނުޖެހި އަދި އޭނާގެ ބާރު ތުރުކީގައި ގަދަވުމުން އުރުދުޣާން ވަނީ ގުލާން މަސައްކަތް ކުރަނީ ވެރިކަން ވައްޓާލަން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ގުލާން އެމެރިކާ އަށް ބަދަލުވީ 1999 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ވަނީ ގައުމަށް ޣައްދާރުވުމުގެ ދައުވާ އުފުލައިފަ އެވެ.