Roadha Mihaaru
ތުރުކީގެ ބަގާވާތް ނާކާމިޔާބުކޮށްލައިފި، 60 މަރު

ރައްޔިތުން ނުކުމެ ބަގާވާތް ނާކާމިޔާބުކޮށްލިޔަސް ތުރުކީ އަށް ނާމާންކަން، 60 މަރު

16 ޖުލައި 2016

ތުރުކީ ސިފައިންގެ ތެރޭން ފައުޖަކުން ރޭ ގެންނަން އުޅުނު ބަގާވާތާ ދެކޮޅަށް އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެފައި ވަނިކޮށް، ބަގާވާތް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ތުރުކީ ސިފައިންގެ ތެރޭން ފައުޖަކުން ރޭ ގެންނަން އުޅުނު ބަގާވާތާ ދެކޮޅަށް އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެފައި ވަނިކޮށް، ބަގާވާތް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިސްތަންބޫލްގެ މަގުތަކަށް ނުކުތް އެތައް މިލިއަން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ރަޖަބު ތައްޔިބު އުރުދުގާން ވިދާޅުވި ގޮތުގައި "ގައުމަށް ގައްދާރުވި" އަސްކަރިއްޔާގެ ތެރެއިން ބަޔަކު ގެންނަން އުޅުނު ބަގާވާތް ވަނީ ނާކާމިޔާބުކޮށްލާފާ އެވެ. ވެރިކަމުގައި ހުންނެވީ އޭނާ ކަމަށާއި ރައްޔިތުން އިންތިހާބު ކުރި ސަރުކާރުން ގައުމުގެ ކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އުރުދުގާން، ބަގާވާތުގެ ވެރިން ސިފަކުރެއްވީ ޓެރަރިސްޓުންގެ ގޮތުގަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެ މީހުންނަށް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.

"އަސްކަރިއްޔާ ސާފު ކުރާނަން،" ތުރުކީގެ ހުޅަނގު ދެކުނުގައި އޮންނަ ރިސޯޓު ރަށަކުން އެނބުރި ވަޑައިގެން ދެއްވި ތަގުރީރުގައި އުރުދުގާން ވިދާޅުވި އެވެ.

އަސްކަރިއްޔާގެ ތެރެއިން ބަޔަކު ރޭ ގެންނަން އުޅުނު ބަގާވާތާ ދެކޮޅަށް ތުރުކީގެ ރައްޔިތުން ކުރި މުޒާހަރާގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

އަސްކަރިއްޔާގެ ތެރެއިން ބަޔަކު ރޭ ގެންނަން އުޅުނު ބަގާވާތާ ދެކޮޅަށް ތުރުކީގެ ރައްޔިތުން ކުރި މުޒާހަރާގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ސިފައިން ރޭ ދިން ބަޔާނެއްގައި ބުނީ ގައުމު މިހާރު ހިންގަމުން ދަނީ "ޕީސް ކައުންސިލަކުން" ކަމަށެވެ. އަދި ގައުމުގައި ކާފިއު ހިންގާ، ގާނޫނުއަސާސީ ސަސްޕެންޑްކޮށް، ސިފައިންގެ އާ ގާނޫނެއް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ވެސް ސިފައިން ވަނީ އިއުލާން ކޮށްފަ އެވެ.

ސިފައިން ނުކުމެ އިސްތަންބޫލްގެ ބޮސްފޮރަސް އާއި ފާތިހު ސުލްތާން މެހްމާތު ބްރިޖް ބަންދު ކުރި އެވެ. ވެރިރަށް އަންކަރާ އާއި އިސްތަންބޫލްގައި ވެސް ބަޑީގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އަދި އިސްތަންބޫލް އެއާޕޯޓް ބޭރުގައި ޓޭންކްތައް ޕާކްކޮށްފައި ވާއިރު، ތުރުކީ އަށް ހުރިހާ ފްލައިޓްތަކެއް ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ބޮޑުވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވި ގޮތުގައި ގައުމުގެ ކޮންޓްރޯލް އޮތީ އިންތިހާބީ ސަރުކާރުގެ އަތް މަތީގަ އެވެ. ބަގާވާތް ކުރި ސިފައިންގެ ތެރެއިން 130 މީހުން ހައްޔަރުކޮށްފައި ވާއިރު، ދެކޮޅުވެރިވި ސިފައިން ބޭނުން ކުރަމުން ދާ އަސްކަރީ މަތިންދާބޯޓުތައް ވައްޓާލަން އަމުރުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ތުރުކީ ސަރުކާރުން ހިންގާ އެނެޓޯލިއާ ނިއުސް އެޖެންސީއާ ހަވާލާ ދީ އޭއެފްޕީ ނިއުސް އެޖެންސީން ފަހުން ބުނި ގޮތުގައި ޖުމްލަ 754 ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ.

ބަގާވާތް ކުރި ސިފައިންގެ ބަޔަކު ހައްޔަރުކޮށްފައި.

އަސްކަރިއްޔާ އިން ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބުކޮށްލާފައި ވާއިރު، އެތައް މިލިއަން ރައްޔިތުންނެއް އަންނަނީ ތުރުކީގެ އެކި ހިސާބުތަކުގައި ބަގާވާތާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ބަގާވާތް ކުރި ބައެއް ސިފައިން އާއްމުންގެ ތެރެ އަށް ބަޑި ޖެހުމާއި އެ ނޫން ވެސް ގޮތްގޮތުން ހިނގި ކުރިމަތިލުންތަކުގައި 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު، އަދިވެސް އެތައް މިލިއަން މީހުންނެއް މަގުތަކުގައި އެބަތިއްބެވެ.

އަސްކަރިއްޔާގެ ތެރެއިން ބަޔަކު ރޭ ގެންނަން އުޅުނު ބަގާވާތާ ދެކޮޅަށް ތުރުކީގެ ރައްޔިތުން މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަސްކަރިއްޔާގެ ތެރެއިން ބަޔަކު ރޭ ގެންނަން އުޅުނު ބަގާވާތާ ދެކޮޅަށް ތުރުކީގެ ރައްޔިތުން މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބަގާވާތް ކުރި ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދޭ ތަން ގައުމީ ޓީވީން ވެސް ވަނީ ދައްކާފަ އެވެ. އެކަމަކު، ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެކި ހިސާބުތަކުގައި އަދިވެސް ކުރިމަތިލުންތައް އެބަ ހިނގަ އެވެ.

ތުރުކީ އަށް ގެންނަން އުޅުނު ބަގާވާތާ ދެކޮޅަށް ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ އަަޑު އުފުލަމުންނެވެ. އެ ގޮތުން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ތުރުކީގެ ރައްޔިތުން "ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންތިހާބު ކުރި" ސަރުކާރަށް ތާއީދު ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ތުރުކީގެ "ޑިމޮކްރެސީ އަށް" ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް ނޭޓޯ އިން ވެސް ވަނީ ގޮވާލާފަ އެވެ.