Roadha Mihaaru
ސައުދީ ޝާހީ އާއިލާގެ އެލަވަންސް ބޮޑު ކުރަނީ

ސައުދީ ޝާހީ އާއިލާގެ މެންބަރުންގެ އެލަވަންސް ބޮޑު ކުރަނީ

03 ފެބުރުއަރީ 2018

ރިޔާޒް (ފެބްރުއަރީ 3) - ޝައުދީ އަރަބިއާގެ ޝާހީ އާއިލާގެ ބައެއް މެންބަރުންނަށް ދޭ އެލަވަންސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ފެބްރުއަރީ 3) - ޝައުދީ އަރަބިއާގެ ޝާހީ އާއިލާގެ ބައެއް މެންބަރުންނަށް ދޭ އެލަވަންސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޝާހީ މެންބަރުންގެ އެލަވަންސް ބޮޑުކޮށްފައިވާ އިރު ކޮރަޕްޝަނުގެ ތުހުމަތުގައި މީގެ ތިން މަހެއްހާ ދުވަސްކުރިން ހައްޔަރު ކުރި 381 މީހުންގެ އަތުން 107 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ. ޝާހީ މެންބަރުންގެ އެލަވަންސް 50 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް އާއިލާގެ މެންބަރަކު ވިދާޅުވި ނަމަވެސް ސަރުކާރުން އެކަން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.

ސައުދީން ދާދި ފަހުން ވަނީ ޝާހީ އާއިލާގެ މެންބަރުންގެ ކަރަންޓް ބިލާއި ފެން ބިލަށް ދޭ ފައިސާ ކަނޑާލައިފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން އިހްތިޖާޖް ކުރި 11 ޕްރިންސަކު ޖަލުގައި ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

ޝާހީ އާއިލާގެ މެންބަރުންނަށް ދެނީ މަހުން މަހަށް ދޭ އެލަވަންސެއް ކަމެއް ނުވަތަ އެއްފަހަރާ ދޭ ބޯނަހެއް ކަމެއް ނޭނގެ އެވެ. އަދި ދެނީ ކިހާ ފައިސާއެއް ކަމެއް ވެސް ނޭނގެ އެވެ.

ސައުދީ އަރަބިއާ އިން ވަނީ މި އަހަރުން ފެށިގެން ވީއޭޓީ ޓެކްސް ނަގަން ފަށައިފަ އެވެ. އަދި ތެލުގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން އާއްމުންނަށް ސަބްސިޑީގެ ގޮތުގައި 50 ބިލިއަން ރިޔާލް (13.3 ބިލިއަން ޑޮލަރު) ދިނުމަށް ސަލްމާން ރަސްގެފާން ވަނީ އަންގަވައިފަ އެވެ.

ސައުދީ ޝާހީ އާއިލާގައި ހާހެއްހާ މެންބަރުން ތިބޭ ކަމަށްވެ އެވެ. ނަމަވެސް ސަރުކާރުން އެލަވަންސް ދެނީ މީގެ ތެރޭން ކިތައް މީހުންނަށް ކަމެއް ނޭނގެ އެވެ. ވިކިލީކްސް އިން އާއްމުކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި ޝާހީ އާއިލާގެ މެންބަަރުން އުފަންވީންސުރެ ސަރުކާރުން ދަނީ އެލަވަންސް ދެމުންނެވެ. އަދި އެލަވަންސް ދެނީ ރަސްގެފާން އަބްދުލް އަޒީޒްއާ އާއިލީ ގޮތުން ގުޅުން އޮންނަ މިންވަރެއްގެ މައްޗަށް ކަމަށް ވެސް ބުނެފައިވެ އެވެ. މި ގޮތުން ބައެއް މެންބަރުންނަށް މަހަކު 800 ޑޮލަރު ދޭ އިރު އަނެއްބައި މެންބަރުންނަށް މަހަކު 270،000 ޑޮލަރު ދޭ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ޝާހީ އާއިލާގެ މެންބަރުންގެ އެލަވަންސަށް ސަރުކާރުން ދެ ބިލިއަން ޑޮލަރު ހޭދަކުރާ ކަމަށް ވިކިލީކްސް އިން ބުނެފައިވެ އެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިހާރު ގެންދަވަނީ އެ ގައުމުގެ އިގްތިސާދަށް ބަދަލުތައް ގެންނަމުންނެވެ. މި ގޮތުން ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ޓޫރިޒަމަށް ދަނީ އިންވެސްޓް ކުރަމުންނެވެ.