Roadha Mihaaru
ސައުދީން ހައްޔަރުކުރި ވިޔަފާރިވެރިންނަކީ ކޮންބައެއް؟

ސައުދީން ހައްޔަރުކުރި ވިޔަފާރިވެރިންނަކީ ކޮންބައެއް؟

06 ނޮވެމްބަރ 2017

ރިޔާޒް (ނޮވެމްބަރު 6) - ސައުދީ އަރަބިއާގައި މިދިޔަ ހޮނިހިރު ދުވަހު އަލަށް އުފެއްދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހަމަ ކުއްލިއަކަށް މި ވަނީ އެތައް ބަޔަކު ހައްޔަރު ކުރަން ފަށައިފަ އެވެ. ރަސްގެފާން ސަލްމާންގެ ދަރިކަލުން އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވެރިއަކަށް ހުންނަވާ ކޮމިޝަނުން މިހާތަނަށް ވަނީ 11 ޕްރިންސަކާއި މިހާރުގެ ހަތަރު ވަޒީރަކާއި ކުރީގެ އެތައް ވަޒީރުންނެއް ހައްޔަރުކޮށްފަ އެވެ. ތިރީގައި މިވަނީ ހައްޔަރު ކުރި ބައެއް ވިޔަފާރިވެރިންނާ ބެހޭ މައުލޫމާތެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ނޮވެމްބަރު 6) - ސައުދީ އަރަބިއާގައި މިދިޔަ ހޮނިހިރު ދުވަހު އަލަށް އުފެއްދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހަމަ ކުއްލިއަކަށް މި ވަނީ އެތައް ބަޔަކު ހައްޔަރު ކުރަން ފަށައިފަ އެވެ. ރަސްގެފާން ސަލްމާންގެ ދަރިކަލުން އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވެރިއަކަށް ހުންނަވާ ކޮމިޝަނުން މިހާތަނަށް ވަނީ 11 ޕްރިންސަކާއި މިހާރުގެ ހަތަރު ވަޒީރަކާއި ކުރީގެ އެތައް ވަޒީރުންނެއް ހައްޔަރުކޮށްފަ އެވެ. ތިރީގައި މިވަނީ ހައްޔަރު ކުރި ބައެއް ވިޔަފާރިވެރިންނާ ބެހޭ މައުލޫމާތެވެ.

އަލް ވަލީދު ބިން ތަލާލް

ސައުދީގެ ބިލިއަނަރު ޕްރިންސް ވަލީދަކީ ސައުދީ އިންވެސްޓްމަންޓް ކުންފުނި ކިންގްޑަމް ހޯލްޑިންގެ ޗެއާމަނެވެ. އަލް ވަލީދުގެ ހިއްސާ ޓްވިޓާ، އެޕަލް، ސިޓިގްރޫޕް އަދި ނިއުސް ކޯޕަރޭޝަނާއި ފޯ ސީޒަންސްގައި އޮވެ އެވެ. އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި 62 އަހަރުގެ ވަލީދު ވަނީ ޓައިމް މަޖައްލާ އިން 2008 ވަނަ އަހަރު ލިސްޓްކޮށްފަ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 17 ބިލިއަން ޑޮލަރަށް އަރަ އެވެ. ޕްރިންސް ވަލީދު 2015 ވަނަ އަހަރު ވަނީ އޭނާގެ މުޅި މިލްކިއްޔާތު ޗެރިޓީ އަށް ހަދިޔާ ކުރަން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

ވަލީދު އިބްރާހިމް

އޭނާ އަކީ މީޑިއާ ކުންފުނި މިޑްލް އީސްޓަން ބްރޯޑްކާސްޓިން ކޮމްޕެނީ (އެމްބީސީ) ޗެއާމަނެވެ. މެދުއިރުމައްޗާއި އުތުރު އެފްރިކާގައި އެންމެ ބޮޑު ޕްރައިވެޓް މީޑިއާ ކުންފުނި ވަލީދު އިބްރާހިމް އުފެއްދެވީ 1991 ވަނަ އަހަރު އެވެ. އެމްބީސީގެ 26 އަހަރުގެ ތާރީޚުގައި އެ ކުންފުނިން 18 ޗެނަލް ހިންގަ އެވެ. އަރަބިންގެ ވިޔަފާރީގެ ޕަވަ ލިސްޓުގެ ގަދަ 50 ގައި ވަލީދު އިބްރާހިމް ހިމެނެ އެވެ.

އަމްރު އަލް ދައްބާގު

އަމްރް އަލް ދައްބާގަކީ ޖިއްދާގައި ހިންގާ އާއިލީ ވިޔަފާރި އަލް ދައްބާގު ގްރޫޕުގެ ސީއީއޯ އެވެ. އޭނާ އަކީ ސައުދީ އެރޭބިއަން ޖެނެރަލް އިންވެސްޓްމަންޓް އޮތޯރިޓީގެ ކުރީގެ ރައީސް ވެސް މެ އެވެ. މިނިސްޓަރެއްގެ ލެވެލްގައި އިންވެސްޓްމަންޓް އޮތޯރިޓީގައި ޚިދުމަތް ކުރެއްވުމަށް ފަހު ދައްބާގު އިސްތިއުފާ ދެއްވީ 2012 ވަނަ އަހަރު އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ދެ ވަނަ އަހަރު އުފެއްދި އަލް ދައްބާގު ގްރޫޕުން 60 ގައުމުގައި ވިޔަފާރި ހިންގަ އެވެ.

ސޯލިހު އަބްދުﷲ ކާމިލް

ޖިއްދާގައި ހިންގާ ދައްލާ އަލް ބަރަކާ ގްރޫޕުގެ ޗެއާމަން އަދި ފައުންޑަރަކީ ސޯލިހް އަބްދުﷲ ކާމިލް އެވެ. ފޯބްސް އިން ބުނި ގޮތުގައި ކާމިލްގެ މިލްކިއްޔާތުގެ އަގު ދެ ބިލިއަން ޑޮލަރަށް އަރަ އެވެ. އިސްލާމިކް ބޭންކިން ގްރޫޕް އަލް ބަރަކާގެ ރައީސް އަކީ ވެސް ކާމިލް އެވެ. އެ ބޭންކުގެ ގޮފިތައް ވަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ އިތުރުން އިންޑޮނީޝިއާ އާއި ޕާކިސްތާނުގައި ހުޅުވައިފަ އެވެ.

ސަައުދީގެ ފިނޭންސް މިނިސްޓަރުކަން 20 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އަލް އައްސާފް. --ފޮޓޯ:ރޮއިޓާސް

ސަައުދީގެ ފިނޭންސް މިނިސްޓަރުކަން 20 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އަލް އައްސާފް. --ފޮޓޯ:ރޮއިޓާސް

އިބްރާހިމް އަލް އައްސާފު

އަލް އައްސާފަކީ މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ސްޓޭޓް މިނިސްޓަރެކެވެ. ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ދިގު މުއްދަތަކަށް ކުރެއްވި އައްސާފަކީ ސައުދީ ތެޔޮ ކުންފުނި އަރާމްކޯގެ މިހާރުގެ ބޯޑު މެންބަރެއް ވެސް މެ އެވެ. އިކޮނޮމިކްސް އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އުމުރުން 68 އަހަރުގެ އައްސާފް ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުގައި ވެސް ޚިދުމަތް ކުރައްވައިފަ އެވެ.

ބަކްރު ބިން ލާދިން

ބަކްރު ބިން ލާދިން އަކީ އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ ބޭބެ އެވެ. އޭނާ އަކީ ޖިއްދާގައި ހިންގާ ކޮންސްޓްރަކްޝަން ކުންފުނި ސައުދީ ބިން ލާދިން ގްރޫޕުގެ ވެރިޔާ އެވެ. ބިން ލާދިން ގްރޫޕުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި މައްކާގެ ހަރަމްފުޅު ބޮޑު ކުރުމާއި ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަލް އެއާޕޯޓާއި ގާހިރާ އާއި އަދަން، ދޯހާ އަދި ދިމިޝްގު އެއާޕޯޓް ހެދުން ހިމެނެ އެވެ.

ސައުދު އަލް ދާވިޝް

ސައުދީ ޓެލެކޮމް ކޮމްޕެނީގެ ކުރީގެ ސީއީއޯ އަކީ އަލް ދާވިޝް އެވެ. ތިން އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ޓެލެކޮމް ކޮމްޕެނީން ދާވިޝް އިސްތިއުފާ ދެއްވީ 2012 ވަނަ އަހަރު އެވެ.

ޚާލިދު އަލް މުލްހިމް

ޚާލިދު އަބްދުﷲ އަބްދުލް އަޒީޒް ބިން އަބްދުﷲ އަލް މުލްހިމް އަކީ ސައުދީ އަރަބިއާގެ ގައުމީ އެއާލައިންގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އެވެ. އޭނާ ވަނީ ސައުދީ ޓެލެކޮމް ކޮމްޕެނީގެ ރައީސްކަން ފަސް އަހަރު ކުރައްވައިފަ އެވެ. އޭނާ މިހާރު ބަލަހައްޓަނީ ދައްމާމުގައި ހިންގާ ޚާލިދު އަލް މުލްހިމް އެންޑް ބްރޮސް ކޮމްޕެނީގެ ވިޔަފާރި އެވެ.