Roadha Mihaaru
އިހްތިޖާޖް ކުރި ސައުދީ ޕްރިންސުންތަކެއް ހައްޔަރުކޮށްފި

ގަނޑުވަރުގައި އިހްތިޖާޖް ކުރި ސައުދީ ޕްރިންސުންތަކެއް ހައްޔަރުކޮށްފި

07 ޖެނުއަރީ 2018

ރިޔާޒް (ޖެނުއަރީ 7) - ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ ބައެއް މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން ރިޔާޒުގައި ހުންނަ ޝާހީ ގަނޑުވަރެއްގެ ތެރޭގައި އިހްތިޖާޖް ކުރި 11 ޕްރިންސަކު ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޖެނުއަރީ 7) - ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ ބައެއް މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން ރިޔާޒުގައި ހުންނަ ޝާހީ ގަނޑުވަރެއްގެ ތެރޭގައި އިހްތިޖާޖް ކުރި 11 ޕްރިންސަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރި ޕްރިންސުންގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އެ މީހުން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދިޔައީ ޝާހީ އާއިލާގެ މީހުންނަށް ދޭ ކަރަންޓާއި ފެން ބިލުގެ އިނާޔަތް ކަނޑާލުމާ ގުޅިގެންނެވެ.

ތެލަށް ބަރޯސާވުން ކުޑަ ކުރުމުގެ ގޮތުން ސައުދީން މިހާރު ދަނީ އިގްތިސާދަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. މި ގޮތުން ސަރުކާރުގެ ޚަރަދުތައް ދަނީ ކުޑަކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުން ދޭ ބައެއް ސަބްސިޑީތައް ވެސް މިހާރު ދަނީ ހުއްޓާލަމުންނެވެ.

ސައުދީގެ އެތެރޭގައި ޕެޓްރޯލުގެ އަގު ދެ ގުނަ ބޮޑުވެފައިވާ އިރު މި އަހަރުން ފެށިގެން ވަނީ ފަސް ޕަސެންޓުގައި ޓެކްސް ނަގަން ފަށައިފަ އެވެ.

ސައުދީގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ބުނީ ޕްރިންސުން ހައްޔަރު ކުރީ އާއްމު މަސްލަހަތު ނަގާލަން މަސައްކަތް ކުރުމުން ކަމަށެވެ. އެ މީހުން މިހާރު ތިބީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލެއްގަ އެވެ.

ސައުދީ ފެށި ކޮރަޕްޝަނާ ދެކޮޅު މަސައްކަތުގައި މިދިޔަ މަހު ވަނީ ގިނަ އަދަދެއްގެ ޕްރިންސުންނާއި މަގާމުގައި ތިބި ވަޒީރުންނާއި ކުރީގެ ވަޒީރުން ހައްޔަރުކޮށްފަ އެވެ. ސަރުކާރަށް ބަދަލު ދޭން އެއްބަސްވުމުން މީގެ ތެރޭން ގިނަ ބަޔަކު މިހާރު ދަނީ މިނިވަން ކުރަމުންނެވެ. ސައުދީ ޕްރިންސްގެ އަދަދު ހާހަކަށް ވުރެ އިތުރު ކަމަށް ބެލެވެ އެވެ.