Roadha Mihaaru
ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރުންތަކެއް ހައްޔަރުކޮށްފި

ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރުންތަކެއް ހައްޔަރުކޮށްފި

07 މާޗް 2020

ރިޔާޒް (މާޗް 7) - ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ ވަރަށް ސީނިއާ ތިން މެމްބަރަކު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (މާޗް 7) - ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ ވަރަށް ސީނިއާ ތިން މެމްބަރަކު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިއު ޔޯކް ޓައިމްސް އާއި ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައި ވަނީ ހައްޔަރުކޮށްފައި ވަނީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ކޮއްކޯފުޅު ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒް އާއި ކުރީގެ ވަލީ އަހުދު އަދި ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ބިން ނާއިފް އަދި ނާއިފްގެ ކޮއްކޯފުޅު ޕްރިންސް ނަވާފް ބިން ނާއިފް އެވެ.

ދުނިޔޭގައި ހުންނެވި، ރަސްގެފާން ސަލްމާންގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ޕްރިންސް އަހުމަދު ވަނީ ލަންޑަންގައި ހުންނަ ގެކޮޅުގެ ބޭރުގައި ސައުދީގެ ލީޑަޝިޕަށް 2018 ވަނަ އަހަރު ފާޅުގައި ފާޑުވިދާޅުވެފަ އެވެ. ދެ މަސް ދުވަހަށް ފަހު އޮކްޓޯބަރު 2018 ގައި ރިޔާޒަށް ވަޑައިގެން އޭނާ އުޅުއްވީ އާދައިގެ ގޮތަކަށެވެ.

ޝާހީ ތިން މެމްބަރަކު ހުކުރު ދުވަހު ހެނދުނު ހައްޔަރުކޮށްފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުން ހުރި ކަމެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސައުދީން 2017 ވަނަ އަހަރުގެ ފަހުކޮޅު ވެސް ވަނީ ވަރަށް ސީނިއާ ޝާހީ އޮފިޝަލުންތަކެއް ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގައި ބަންދުކޮށްފަ އެވެ. އެ ފަހަރު ވެސް އެކަން ކުރަން އަމުރު ކުރެއްވީ ޕްރިންސް މުހައްމަދެވެ.

މުހައްމަދު ބިން ނާއިފް އަކީ ކުރީގެ ދާޚިލީ ވަޒީރެވެ. ޕްރިންސް މުހައްމަދަށް ވަލީ އަހުދުގެ މަގާމު 2016 ވަނަ އަހަރު ދެއްވުމުގެ ކުރިން، ސަލްމާން ރަސްގެފާނަށް ފަހު ރަސްކަން ލިބެން އޮތީ ވެސް ޕްރިންސް މުހައްމަދު ބިން ނާއިފަށެވެ. ދާޚިލީ ވަޒީރުގެ މަގާމުން ޕްރިންސް ނާއިފް ވަކިކުރުމަށް ފަހު ގޭބަންދުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.