Roadha Mihaaru
ސައޫދީން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް

ސައޫދީން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް

13 އޯގަސްޓް 2023

އަންމާން، އުރުދުން (އޯގަސްޓް 13) - ސައޫދީ އަރަބިއްޔާ އިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް ކަނޑައަޅައި އެކަން ރަސްމީކޮށް ފަލަސްތީނު ސަރުކާރަށް އިއްޔެ އަންގައިފި އެވެ.

އަންމާން، އުރުދުން (އޯގަސްޓް 13) - ސައޫދީ އަރަބިއްޔާ އިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް ކަނޑައަޅައި އެކަން ރަސްމީކޮށް ފަލަސްތީނު ސަރުކާރަށް އިއްޔެ އަންގައިފި އެވެ.

ސައޫދީ ސަރުކާރުން ފަލަސްތީނަށް ކަނޑައެޅުއްވި ސަފީރަކީ ޖޯޑްންގައި ހުންނަވާ ސައޫދީ ސަފީރު ނާއިފް ބިން ބަންދަރު އައްސުދައިރީ އެވެ. އޭނާ ފަލަސްތީނަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޝަލް އެމްބެސެޑަރެއްގެ ގޮތުގައި ކަމަށްވާތީ، އޭނާ އެމްބެސެޑަރެއްގެ ހައިސިއްޔަތުން ފަލަސްތީނާ ގުޅޭ ކަންކަން ބަލަހައްޓަވަމުން ގެންދަވާނީ، ޖޯޑްންގައި ހުންނަ ސައޫދީ އެމްބަސީ ގަ އެވެ.

ސަފީރެއްގެ ގޮތުގައި އައްޔަންކުރެއްވުމާ ގުޅިގެން، ނާއިފް އިއްޔެ ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ މުޝީރު މާޖިދު އަލް ޚާލިދީއާ، ޖޯޑްންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގައި ބައްދަލު ކުރައްވައި އެކަން ފަލަސްތީނު ސަރުކާރަށް އަންގައިފަ އެވެ. ނަމަވެސް، ރަސްމީ ގޮތުން ސަފީރުކަމުގެ ފަތްކޮޅު، ރައީސް މަހުމޫދު އައްބާސް އަށް އެރުވުން އޮންނާނީ، ހުޅަނގު އައްސޭރީގެ ރާމަﷲގައި ހުންނަ ފަލަސްތީނުގެ ރައީސް އޮފީހުގަ އެވެ.

ފަލަސްތީނަށް ކަނޑައެޅި ސަފީރުގެ އިތުރުން، އަލް ގުދުސް އަށް ކަނޑައަޅުއްވާފައި ހުންނަވާ، ކައުންސެލް ޖެނެރަލްގެ މަގާމު ވެސް ފުރުއްވާނީ ސަފީރު ނާއިފް ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ.

ނާއިފް ވިދާޅުވި ގޮތުގައި ސައޫދީ ސަރުކާރުން ފަލަސްތީނަށް ސަފީރެއް ކަނޑައެޅުމުން ދޭހަކޮށްދެނީ، ފަލަސްތީނާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކުރަން ސައޫދީން ބޭނުންވާ މިންވަރެވެ. ވަކިން ޚާއްސަ ގޮތެއްގައި އެ ގުޅުން ދެމެހެއްޓުމަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި ވަލީ އަހުދު އަދި ބޮޑުވަޒީރު އަމީރް މުހައްމަދު ބިން ސަލްމާން އިސްކަން ދެއްވާ މިންވަރެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ވަރުގަދަވުމާއެކު، ފަލަސްތީނު ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނެ އެވެ. އަދި ޑިޕްލޮމެޓިކް ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ރަސްމީ ގުޅުންތައް ބަދަހިވެ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް ދެ ގައުމަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ސަފީރު ނާއިފް ވިދާޅުވި އެވެ.

ސައޫދީ ސަރުކާރުން ފަލަސްތީނަށް ސަފީރެއް މި ކަނޑައެޅީ، އިޒްރޭލާ އެކުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް އެމެރިކާ ސަރުކާރުން ސައޫދީ ސަރުކާރަށް ބާރު އަޅަމުން އަންނަ ދުވަސްވަރެއްގަ އެވެ.