Roadha Mihaaru
ސައޫދީ ރަސްގެފާނު އީރާންގެ ރައީސަށް ދައުވަތު އަރުވައިފި

ސައޫދީ އަށް ވަޑައިގަތުމަށް ރަސްގެފާނު ސަލްމާން އީރާންގެ ރައީސަށް ދައުވަތު އަރުވައިފި

18 ޖޫން 2023

ރިޔާޒް (ޖޫން 18) - ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާ އަށް ޒިޔާރަތް ކުރެއްވުމަށް، އީރާންގެ ރައީސް އިބްރާހީމް ރައީސީ އަށް، ސައޫދީ ރަސްގެފާނުގެ ސަލްމާން ބިން އަބްދުލްއަޒީޒް ދައުވަތު އަރުވައިފި އެވެ.

ރިޔާޒް (ޖޫން 18) - ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާ އަށް ޒިޔާރަތް ކުރެއްވުމަށް، އީރާންގެ ރައީސް އިބްރާހީމް ރައީސީ އަށް، ސައޫދީ ރަސްގެފާނުގެ ސަލްމާން ބިން އަބްދުލްއަޒީޒް ދައުވަތު އަރުވައިފި އެވެ.

ސަލްމާން ރަސްގެފާނުގެ މި ދައުވަތު އީރާންގެ ރައީސަށް އެރުވީ، މިހާރު އީރާނަށް ވަޑައިގެން އުޅުއްވާ ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރް ފައިސަލް ބިން ފަރްހާން އެވެ. ރައީސް އިބްރާހީމް ރައީސީއާ އެކު ބޭއްވި ބައްދަލުވުމުގައި ސައޫދީ ޚާރިޖީ ވަޒީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހީމް ރައީސީ އެންމެ ބޮޑަށް ފާހަގަކުރެއްވީ އިޒްރޭލުގެ ނުރައްކާތެރިކަމެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނާއި ސައޫދީ އަރަބިއްޔާގެ ގުޅުމަށް އަބަދުވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ، އިޒްރޭލެވެ. އޭގެ އިތުރުން، އޭނާ ވަނީ އިޒްރޭލާ އެކުގައި ސައޫދީން ސިޔާސީ ގުޅުން ގާއިމުކުރުމަށް އީރާން ދެކޮޅު ހަދާކަމަށް ވެސް، ސައޫދީގެ ޚާރިޖީ ވަޒީރަށް ދަންނަވައިފަ އެވެ.

"ސަހްޔޫނީ ވެރިކަމަކީ ހަމައެކަނި ފަލަސްތީނު މީހުންގެ އަދުއްވެއް ނޫން، އެއީ އެންމެހައި މުސްލިމުންނަށް އޮތް ނުރައްކަލެއް. އިޒްރޭލާ އެކުގައި (ސައޫދީން) ގުޅުން އުފެއްދުމުން، ހަމައެކަނި ފެއިލްވާނީ ސަލާމަތްތެރިކަން ދެމެހެއްޓުމުގައެއް ނޫން. އޭގެ އިތުރުން އެއީ މުޅި އިސްލާމީ އުންމަތުގެ އާންމު ޚިޔާލާ ވެސް އިދިކޮޅު ކަމެއް."

އޭގެ އިތުރުން، ސަރަހައްދީ ފެންވަރުގައި ހައްލުކުރަންވެފައި ހުރި މައްސަލަތަކާއި ބައިނަލްއަގުވާމީ މައިދާނުގައި ހުރި، ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަންކަމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަމީރް ފައިސަލްގެ މި ދަތުރުފުޅަކީ ހަތް އަހަރަށް ފަހު، ސައޫދީ ޚާރިޖީ ވަޒީރަކު އީރާނަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

އަދި މިއީ، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު، ޗައިނާ މެދުވެރިވެގެން، މިއަހަރުގެ މާޗް މަހުގެ ތެރޭގައި ސައުދީ އާއި އީރާނާ ދެމެދު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި ފަހުން، ސައޫދީގެ ޚާރިޖީ ވަޒީރު އީރާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސްމެ އެވެ.

ޑިޕްލޮމެޓިކް ގުޅުން ކަނޑައިލިތާ ހަތް އަހަރަށް ފަހު، އެ ގުޅުން އަލުން ގާއިމުކުރީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މެދުވެރިވެވަޑައިގެން ދެ ގައުމު ސުލްހަކުރުމަށް ކުރި މަސައްކަތުން، މި ދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ. ދެ ގައުމުން ސިޔާސީ ގުޅުން އަލުން ގާއިމުކުރުމަށް ފަހު، ސަލާމަތީ ކަންކަމުގަ އާއި އިގްތިސާދީ ގޮތުން އެއްބާރުލުމާ ބެހޭ ގޮތުން، މީގެ 20 އަހަރު ކުރިން ދެ ގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަލުން އަމަލުކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން، ޖެނުއަރީ 3، 2016ގައި ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް އެދުވަހު ކުރި މުޒާހަރާގެ ބައިވެރިން އެމްބަސީ އަށް ވަދެގަތީ، ސައޫދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް ސައޫދީގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.